ގުރުއާން ކިޔެވުމުން ވަނަ ހޯދާ ފަރާތްތަކަށް ފުރުސަތު ދޭން ރައީސް އަންގަވައިފި

ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް އެކި ރަސްމިއްޔާތުތަކުގައާއި، ޖަލްސާތަކުގައާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ ސަރުކާރުގެ އެކި އިދާރާތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމް ކުރާ ރަސްމިއްޔާތުތަކުގައާއި، ޖަލްސާތަކުގައާއި އަދި ބައްދަލުވުންތަކުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސާއިރު، ޤުރުއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ކުދިންނަށާއި މީހުންނަށް އިސްކަން ދެއްވައިގެން، އެފަދަ ފުރުސަތުތައް ދެއްވަމުން ގެންދިއުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ކުދިންނާއި މީހުންނާބެހޭ މައުލޫމާތު ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ލިބެން ހުންނާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާއާ ހަވާލާދީ ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ވަނީ ބުނެފައެވެ.
ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް އެކި ރަސްމިއްޔާތުތަކުގައާއި، ޖަލްސާތަކުގައާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރުސަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު، އެންމެ ފަހުން ބޭއްވުނު 28 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ވަނީ ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީވީ ސްޓޭޝަންތަކުން ވެސް، ޤުރުއާން މުބާރާތްތަކުން ރަންވަނަތައް ހޯދާ ފަރާތްތަކަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ