ގޫގުލް އިން ވެސް ފަލަސްތީނު ބަލައިގެންފި

ގުދުސް (މެއި 5) - އދ. ގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދަރަޖަ "އޮބްޒާވާ ދައުލަތެއް" ގެ ފެންވަރަށް މަތިކުރުމުން ގޫގުލްގެ ސާޗް އިންޖިންގެ ފަލަސްތީނު ޑޮމެއިން އަށް ވެސް ރަސްމީކޮށް "ފަލަސްތީނު" ގެ ނަން ދީފި އެވެ. ގޫގުލްގައި ފަލަސްތީނުގެ ހޯމް ޕޭޖަށް ކުރިން ދީފައިވާ ރަސްމީ ނަމަކީ، ބައިނަލްއަގުވާމީ މުޖުތަމައުގައި ވެސް ބޭނުންކުރަމުން އައި، "ޕަލެސްޓީނިއަން ޓެރިޓޮރީސް" އެވެ. މި ޑޮމެއިންގެ ނަން ރަސްމީކޮށް "ފަލަސްތީނަށް" ބަދަލުކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ގޫގުލްގެ ތަރުޖަމާން ނަތަން ޓައިލާ ވިދާޅުވެފައި ވަނީ އެމީހުން އަމަލުކުރަމުން ދާނީ އދ. އާއި ބައިނަލްއަގުވާމީ އެހެން ފަރާތްތަކުން ވެސް އަމަލުކުރަމުންދާ ގޮތަށެވެ. އދ. ގެ އާންމު މަޖިލީހުން ފަލަސްތީނަށް އޮބްޒާވާ ދައުލަތެއްގެ ދަރަޖަ ދިނީ އެމެރިކާ އާއި އިޒްރޭލުން އެކަމަށް ވަރަށް ބޮޑަށް ދެކޮޅުހަދަމުން ދަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ ވޯޓްގައި ފަލަސްތީނުގެ ދައުލަތަކަށް 138 ގައުމެއްގެ ރުހުން ލިބުނުއިރު ދެކޮޅަށް ވޯޓް ދިނީ ނުވަ ގައުމަކުންނެވެ. އޭގެ ތެރޭގައި އެމެރިކާ އިޒްރޭލު ހިމެނޭއިރު 41 ގައުމެއް މި ވޯޓްގައި ބައިވެރިއެއް ނުވެ އެވެ. މި ކާމިޔާބު ވޯޓަށް ފަހު ބައިނަލްއަގުވާމީ މުޖުތަމައުގައި ފަލަސްތީނަށް ލިބިފައިވާ އާ ދަރަޖައާ އެކު ފަލަސްތީނުގެ ރަސްމީ ލިޔެކިޔުންތަކަށް ވެސް ވަނީ "ދައުލަތުގެ" ނިޝާނާއި ރަސްމީ ނަން އަރައިފަ އެވެ. އިޒްރޭލާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމިއްލަ އަށް މިނިވަންކަން އިއުލާނުކުރުމަށް ފަލަސްތީނުން އާ ކެމްޕޭނެއް ފަށާފައި ވަނީ ޔަހޫދީ އާބާދީތަކުގެ މަސައްކަތް ހުއްޓާލަން އިޒްރޭލުން ދެކޮޅުހަދަމުންދާތީ އެވެ. ފަލަސްތީނުން ބުނެފައި ވަނީ އެ މަސައްކަތް އިޒްރޭލުން ހުއްޓާނުލަނީސް ސުލްހައިގެ މަޝްވަރާތަކުގައި އަލުން ބައިވެރިނުވާނެ ކަމަށެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ