އަބްދުﷲ ގާޒީ ހައްުޔަރުކުރަން އަމުރުކުރީ ނަޝީދު: އިބްރާހިމް ދީދީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޛު އަބްދުﷲ މުޙައްމަދު ހައްޔަރުކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރުކުރެއްވުމުން ކަމަށް އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ދައުވާކުރާ އެމްއެންޑީއެފްގެ ކުރީގެ މާލޭ އޭރިއާ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގައި އިބްރާހިމް ދީދީއާއި ދެކޮޅަށް ދައުލަތުން ކުރާ ދައުވާ ދައުލަތުގެ ވަކީލާ އައިޝަތު ފަޒުނާ އިއްވުމުން އިބްރާހިމް ދީދީ ވަނީ ދައުވާގެ އަސްލަށް އިންކާރު ކުރައްވާފައެވެ.
ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރުކުރެއްވުމުން އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެމްއެންޑީއެފުން ހިންގި އޮޕަރޭޝަންގެ ކޮމާންޑަރަކަށް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ހުންނަވައިގެން ގާނޫނާ ޚިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަމުރުކުރެއްވުމުން އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތް އިބްރާހިމް ކަލޭފާނު ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހާމަކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އޭނާ އެއްވެސް އަމުރެއް ކުރައްވާފައި ނުވާނެ ކަމަށާއި އެކަން ކޮށްފައިވަނީ ޑިފެންސް މިނިސްޓްރީން ކަމަށްވާތީ ފަރުދީގޮތުން އޭނާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.
ދައުލަތުން ކުރާ ދައުވާއަކީ ބޭއިންސާފު ދައުވާއެއްކަން ހާމަކުރައްވަމުން އިބްރާހިމް ދީދީ ވިދާޅުވީ އޭނާއާއި "ދެކޮޅު" ސިފައިންގެ ބަޔަކު ކޯޓުގައި ދޭ ހެކިބަހުގެ އަދުލުވެރިކަމާ މެދުވެސް ސުވާލު އުފެދޭ ކަމަށެވެ.
އިބްރާހިމް ދީދީގެ ފަރާތުން މިއަދުގެ ޝަރީއަތުގައި އޭނާގެ ވަކީލު އިސްމާއިލް ވިޝާމް ވަނީ އިޖުރާއީ ދެ ނުކުތާއެއް ނަންގަވާފައެވެ އެގޮތުން ކުށް ނުކުރާ މީހަކު ހިފާ ހައްޔަރުކުރުމާއި ގުޅިގެން ޤާނޫނުލް އުޤުބާތުގެ 81 ވަނަ މާއްދާގެ ދަށުން ދައުވާކުރާ މައްސަލައާއި އަބްދުﷲ ގާޒީއަކީ ކުށް ނުކުރާ މީހެއްކަން ދައުލަތުން ސާބިތުކޮށްދިނުމާއި ގުޅޭގޮތުން ނެގުނު އިޖުރާއީ މައްސަލައެވެ.
މިމައްސަލަތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އިބްރާހިމް ދީދީގެ މައްޗަށް މިހާރު ކޮށްފައިވާ ދައުވާ މީގެ ކުރިންވެސް ކޮށްފައިވާ ކަމަށާ، އަދި ދައުވާ ރައްދުވި ފަރާތުގެ މައްޗަށް ކުށް ސާބިތުވެގެންވެސް ގޮސްފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީއަކީ ކުށް ނުކުރާ މީހެއްކަން ދައުލަތުން ސާބިތުކޮށްދެނޭ ގޮތަކާއި ގުޅޭގޮތުން ސުވާލު އުފައްދާ އިބްރާހިމް ދީދީގެ ވަކީލު ނެންގެވި އިޖުރާއީ ނުކުތާއަށް ޤާނޫނު އަސާސީއާއި ހަވާލާދީ ޖަވާބުދާރީވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުށް ސާބިތުނުވާ ކޮންމެ މީހަކީ ކުށެއް ނެތް މީހެއް ކަމަށް ގާނޫނު އަސާސީގައި އޮތުމުން އަބްދުﷲ ގާޒީއަކީ ކުށެއް ނެތް މީހެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.
އިބްރާހިމް ދީދީގެ މައްޗަށް ކުރާ ދައުވާއަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ އޭނާއާއި ދެކޮޅަށް ހެކިންގެ ގޮތުގައި 21 ފަރާތެއް ހުށަހަޅާފައެވެ.
ދައުލަތުން މިއަދު ދައުވާ އުފުލުމުން އިބްރާހިމް ދީދީގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުހުލަތެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އެވަރުގެ މުއްދަތެއް ދެވެން ނެތް ކަމަށާ، އަންނަ މަހުގެ 20 ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް އޮންނާނެ ކަމަށެވެ. އަދި އެދުވަހު އޮންނާނީ ހެކިންގެ ހެކިބަސް ނެގުން ކަމަށްވެސް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ސުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ