އައިފާ އެވޯޑު 2018: މަޝްހޫރު ބައެއް ފަންނާނުން ނުފެންނާނެ!
އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ލޯބިކުރާ މީހުން އަންނަނީ މާދަމާ ބެންކޮކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމް އެކެޑަމީ (އައިފާ) އެވޯޑްސް އަށް ބޮޑު އިންތިޒާރެއް ކުރަމުންނެވެ. އައިފާ އެވޯޑްސްގެ ގްރީން ކާޕެޓުން އިއްޔެ ގިނަ އަދަދެއްގެ ބޮލީވުޑް ފަންނާނުން މިވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި ރަންބީރު ކަޕޫރު، ޝްރައްދާ ކަޕޫރު، އަރުޖުން ކަޕޫރު، ވަރުން ދަވާން ކަރަން ޖޯހަރު އަދި ބޮބީ ޑިއޯލް ފަދަ ފަންނާނުން ހިމެނެއެވެ. ނަމަވެސް މާދަމާގެ އެވޯޑު ހަފްލާއިން ބޮލީވުޑްގެ ބޮޑެތި ސުޕަސްޓާރުންތަކެއް ފެނިގެން ނުދާނެކަން މިވަނީ ޔަގީންވެފައެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ރަސްގެފާނު، ޝާހްރުކް ޚާން، މެގަސްޓާ އަމީތާބް ބައްޗަން، އަދި ސަލްމާން ޚާން ވެސް ހިމެނެއެވެ. ޝާހުއަށް އައިފާ އެވޯޑުގައި ބައިވެރިނުވެވެނީ، އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޝޫޓިންގައި ބިޒީވުމުންނެވެ. ފިލްމުގެ ޝޫޓިންއަށް ޝާހު މިވަގުތު ހުރީ އެމެރިކާގައެވެ. ޝާހު ފަދައިން ސަލްމާން ވެސް މިވަގުތު ހުރީ އެމެރިކާގައެވެ. އެއީ އޭނާގެ "ދަބާންގް ޓުއާ"ގައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އަށް ސިޓީއެއްގައި ޝޯތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. "ދަބާންގް ޓުއާ" ގެ ސަބަބުން އައިފާ އެވޯޑުގައި ބައިވެރިނުވެވޭ އަނެއް ފަންނާނަކީ ބަތަލާ ކެޓްރީނާ ކައިފް އެވެ. އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެ ޓުއާ ކުރިއަށްދާނެ އެވެ. އާއިލާ އާއެކު ވަގުތު ހޭދަކުރުމަށް، މަސައްކަތުން ދުރުވެ ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަޕޫރު އާއިލާވެސް އެވޯދު ހަފްލާގައި ބައިވެރިނުވާނެ އެވެ. ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ޚާން ދަރިފުޅު ތައިމުރު އާއެކު ލަންޑަނުގައި ޗުއްޓީ ހޭދަކުރަމުން ދާއިރު، ކަރިސްމާ ކަޕޫރު އަދި އެމީހުންގެ ބައްޕަ ރަންދީރު ކަޕޫރު ވެސް މިހާރު ވަނީ ލަންޑަނަށް ގޮސްފައެވެ. ބުރަކަށްޓަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅަދާނަ އެކްޓަރު ޝާހިދު ކަޕޫރަށް ވެސް އެވޯޑު ހަފްލާގައި ބައިވެރިނުވެވޭނެއެވެ. ޝާހިދަށް އަނިޔާވެފައި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިންގެ ތެރެއިންނެވެ. ދެހާސް ދިހަވަނަ އަހަރު އައިފާ އެވޯޑު އިންތިޒާމުކުރާ ފަރާތްތަކާއި، އަމީތާބް ބައްޗަން އާދެމެދު ޖެހުނު މައްސަލައިގެ ސަބަބުން، މި އަހަރުވެސް އެވޯޑު ހަފްލާއިން ބައްޗަން އާއިލާ ނުފެންނާނެއެވެ. މައްސަލަ ޖެހުނީ އަމީތާބާއި މަޝްވަރާ ކުރުމެއް ނެތި، ސްރީލަންކާގައި އެވޯޑު ހަފްލާ ބާއްވަން ނިންމާ އަދި އެވޯޑުގެ ހޯސްޓަކަށް ސަލްމާން ހަމަޖެއްސުމުންނެވެ. އެހެންކަމުން އެ އަހަރުން ފެށިގެން އަމީތާބް، އަބީޝެކް ބައްޗަން އަދި ޖަޔާ ބައްޗަން އާއި އައިޝްވާރްޔާ ރާއީ ބައްޗަން ވެސް އައިފާ އެވޯޑުގައި ބައިވެރިނުވެ އެވެ. މި ފަންނާނުން އެވޯޑުގައި ބައިވެރި ނުވުމުން ހަފްލާއަށް ކޮންމެސް ވަރެއްގެ ފަޅުކަމެއް އަންނާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެ އެވެ. ނަމަވެސް، ހަފްލާ ވީހާވެސް ފޯރިގަދަކޮށް ކުރިއަށް ގެންދިއުމަށް އައިފާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަޝްހޫރު ގިނަ އަދަދެއްގެ ހުށަހެޅުންތަކެއް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ރޭކާ އަދި ބޮބީ ޑިއޯލްގެ ހުށަހެޅުން ފާހަގަކޮށްލެވެއެވެ. އައިފާ އެވޯޑުގެ މަގުސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޑިއަން ސިނަމާ ޕްރޮމޯޓު ކުރުން ކަމުގައި ވީނަމަވެސް، ހޮލީވުޑު ފިލްމުތަކުގެ އަގު ވަޒަންކޮށް، އިންޑިއާގައި އެއާ ކުރާ ވެބް ސީރީޒް ތަކުގެ އަގު ވަޒަން ކުރުމަކީ އައިފާ އެވޯޑުގެ ބައެއް އިތުރު މަގުސަދުތައް ކަމަށް ވެސް އައިފާ އިންތިޒާމް ކުރާ ފަރާތުން ވަނީ މީގެ ކުރިން ބުނެފައެވެ. މިދިޔަ އަހަރުގެ މޮޅު ބަތަލާ އަކަށް "އުޅްތާ ޕުންޖާބް" އިން އާލިއާ ބަޓް ހޮވުނު އިރު އެންމެ މޮޅު ބަތަލަކަށް ހޮވިފައިވަނީ ހަމަ އެ ފިލްމުގެ ލީޑް ފިރިހެން ތަރި ޝާހިދު ކަޕޫރެވެ. ނިއުޔޯކުގެ މެޓްލައިފް ސްޓޭޑިއަމްގައި މިދިޔަ އަހަރު ބޭއްވި އެވޯޑުގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ލިބުނީ ސޯނަމް ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ނީރްޖާ' އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ