ހަމަޖެހުން ގާއިމްކުރުމުގެ މަސައްކަތުގައި ސަރުކާރު އޮންނާނީ އަތުކުރި އޮޅާލައިގެން: ހޯމް މިނިސްޓްރީ

ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހޯމް މިނިސްޓްރީން އަޅާނެ ކަމަށާއި މިގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އޮންނާނީ އަބަދުވެސް އަތުކުރި އޮޅާލައިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. ސަން ޓީވީގެ "50 މިނެޓް" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި މިގައުމު ބަދުނާމުކޮށް ވާހަކަދައްކަމުން އަންނަ ކަމަށާއި އެއީ އަންނަންއޮތް ޖީލުތަކަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް އިދިކޮޅު ފަރާތްތަކުން އަތޮޅުތަކުން މީހުން ގެނެސްގެން ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށާއި އެއީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކުން ނެރެން ބޭނުންވާ ނަތީޖާ ނެރެވޭ ކަމަށް ގަބޫލުނުރައްވާ ކަމަށާއި އެބޭފުޅުންނަށް ކުރެވޭ ކަމަކީ ގިނަ ބަޔަކު ގާނޫނީ އިމުން ބޭރުކޮށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބޭތިއްބުން ކަމަށްވެސް ތަޒްމީލް ވިދާޅުވިއެވެ. "އެއްވެސް ހާލެއްގައި އަޅުގަނޑު ގަބޫލެއްނުކުރަން މިއަދު އެމްޑީޕީ ނުވަތަ އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާއިން އެބޭފުޅުން އެވިދާޅުވާ ނަތީޖާ އެބޭފުޅުންނަށް ނެރެވޭ ކަމަކަށް. އެބޭފުޅުން އެވިދާޅުވާ ނަތީޖާއަކީ ވީހާވެސް ގިނަ ބަޔަކު ގާނޫނީ އިމުން ބޭރުކޮށް ޖަލުގެ ތޭރިތަކުގެ ތެރޭގައި ބޭތިއްބުން. އެކަން ތަކުރާރުކޮށް ކުރަމުން އެދަނީ،" ތަޒުމީލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އަދި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ފުލުހުން ހައްޔަރުކުރީ އެބޭފުޅުން ކުށެއް ކުރުމުން ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ނަގާލައި އަނިޔާވެރި އަމަލުތައް ހިންގުމުގެ އެއްވެސް ފުރުސަތެއް މި ސަރުކާރުން ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ