ޢަލާމާތްތައް ނުފެނުނަސް ރެންޑަމްކޮށް ސާމްޕަލް ނަގަނީ

ކޮވިޑް-19 މުޅި މާލެއަށާއި އަތޮޅު ތެރެއަށްވެސް ފެތުރި ނުރައްކާބޮޑުވެފައިވާތީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން ކޮވިޑްގެ ޢަލާމާތްތައް ނުފެނުނަސް ރެންޑޮމްކޮށް ކޮވިޑް-19އަށް ޓެސްޓު ކުރަން ފަށައިފިއެވެ.
އެކަން ހާމަކޮށްފައި ވަނީ މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.  
ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ނޭނގި ހުރި ކޮވިޑް-19 ފެތުރެމުންދާ ސަރަހައްދުތަކާއި، ކްލަސްޓާތަކާއި ގުޅިގެން ރެންޑޮމްކޮށް މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށާފައިވާ ކަމަށެވެ.
“މިގޮތަށް އަޅުގަނޑުމެން ރެންޑޮމްކޮށް ސާމްޕަލިންގ ޓެސްޓު ކުރަން ގަސްތު ކޮށްފައި ވަނީ ބާޒާރުމަތިން، މީގެ އިތުރުން ކަންމަތި ފިހާރަތަކުން، އަދި ފެރީ، އަދި މަގުމަތިންވެސް ރެންޑޮމްކޮށް މީހުންގެ ސާމަޕަލް ނެގުމަށް ރާވާފައި ވޭ، މީގެ އިތުރުން، ހުޅުމާލެ އާއި ވިލިމާލެ އިން”. ޑރ. އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ، މިއަދު ވިއްސާރަ ބޯކަމުން ސާމަޕަލް ނެގުނީ އެންމެ 25 މީހުންގެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ، ހައިރިސްކް ގްރޫޕްތަކުން ވަކިން ރެންޑޮމް ސާމަޕްލިންގ އާއި ހައިރިސްކް ގްރޫޕްތަކުން އައިޑެންޓިފައިވެފައިވާ ތަންތަނުން ވަކިން ބަލި ހުރި ކަމަށް ޝައްކު ކުރެވޭ މީހުންނާއި އަދި ރެންޑޮމް ސާމްޕަލިންގއެއް ކުރިއަށްގެންދާ ކަމަށެވެ.
“ހަގީގަތުގައި އަޅުގަނޑުމެންގެ އުއްމީދަކީ މިހާރު މި ކުރެވޭ ރެންޑޮމް ސާމްޕަލުން ވަރަށް ބޮޑަށް މުޅި މާލޭގެ ޕިޔޯ ޕިކްޗާއެއް ފެންނާނެ ކަމަށް”. ޑރ. އަފްޒަލް ވިދާޅުވިއެވެ.
ރެންޑޮމް ސާމަޕަލިންގއާއި ބެހޭގޮތުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފާހަގަކުރެވެން ހުރި ތަންތަން ބަލަމުން އަންނަ ކަމަށާއި، އެއްވެސް ލިސްޓެއްގައި ނެތް މީހުން ރެންޑޮމްކޮށް ޓެސްޓު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ