ދެމަފިރިންގެ ޙަޔާތް ބާއްޖަވެރި ކުރާނީ ކިހިނެއް؟

ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، ލޯތްބާއި، އިޚުލާޞްތެރިކަމާއި،ގާތްކަމާއި، އަދި ސިއްރުތައް އެހެނިހެން ދޭދޭ ދެމީހުންގެ ދެމެދުގައި ހުންނަންވާ މިބާވަތުގެ އެންމެހާ ގުޅުންތަކާއި ވަރަށް ތަފާތެވެ. ހެޔޮކަމުގެ ތެރެއިން ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކެއް ވާފަދައިން ފިރިހެނުން އަނބިމީހާއަށް އަދާކުރަންޖެހޭ ހައްޤުތަކެއްވެސް ވެއެވެ. ދެމަފިރިންގެ ދެމެދުގައި އުފެދޭ ނުތަނަވަސްކަން ފިލުވާލެވޭނީ އަނބިމީހާ ފިރިމީހާއަށް އަދި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކާއިމެދުގައި ﷲ ތަޢާލާއަށް ތަޤުވާވެރިވެގެންނެވެ. ކާވެންޏާއެކުގައި ފެށިގެން އަންނަ ހައްޤުތަކަކާއި އަދި ކާވެނީގެ ކުރީގައި ދެމީހުން އަމަލުކުރަން ޖެހޭ ގޮތްތަކާއި މިހެންގޮސް ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ޢަމަލުތައް ބިނާކުރާނެ ފުރިހަމަ ގޮތްތައް އަހަރެމެންގެ ދީނުގައި ވަނީ ބަޔާންކޮށްދެއްވަވާފައެވެ. އެގޮތުން ދެމަފިރިންގެ ޙަޔާތް ބާއްޖަވެރިކުރުމަށް މިފަދަ ކަންކަމަށް އަމަލުކުރުމަކީ މުހިންމު ކަމެކެވެ.
ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް އެންމެ މުހިންމުކަމަކީ ދެމަފިރިން އެކަކު އަނެކަކަށް އަމާނާތްތެރިވުމެވެ. ކިތަންމެ ބޮޑުކަމެއްގައި ނަމަވެސް ކިތަންމެ ކުޑަ ކަމެއްގައި ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުން ހުއްދަވެގެންނުވެއެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންވާ ގާތްކަމާއި ގުޅުންތައް ފެށިގެން އަންނަނީ ދެމަފިރިން އެކަކު އަނެކަކަށްކުރާ އިތުބާރާއި އެކުގައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އަލް އަންފާލް ސޫރަތުގައި ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"ތިޔަބައިމީހުން ﷲ އަށާއި ރަސޫލާއަށް ޚިޔާނާތްތެރިނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށްވެސް ޚިޔާނާތްތެރިނުވާށެވެ." ދެމަފިރިންގެ ދެމެދުގައި ނުވަތަ އެއިން އެކެއްގެ ކިބައިގައި ޚިޔާނާތްތެރިކަމެއް ހުރެއްޖެނަމަ ދިރިއުޅުމުގައިވާ ހިތްފަސޭހަކަމާއި އޮމާންކަން ނެތިގެން ހިނގައިދާނެއެވެ.
ދެމަފިރިންގެ ގުޅުން ހެޔޮގޮތުގައި އުފާވެރިކަމާއި އެކުގައި ދެމިއޮތުމަށް އެދޭނަމަ ދެމަފިރިންކުރެ ކޮންމެމީހަކު އެކަކު އަނެކަކަށް އޯޤާތެރިވެ ރަޙުމުކުރުމަކީ ދެމީހުންކުރެ ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ. ދެމަފިރިވަންތަކަން ﷲ ތަޢާލާ މަޚުލޫޤުންގެ ތެރޭގައި ލައްވާފައިވަނީ އެކަލާންގެ ކުޅަދުންވަންތަކަމުގެ ދަލީލެއްގެގޮތުންނެވެ. ވީއިރު އިންސާނުން އެކަން ތަމްޘީލު ކުރެވޭތޯ މަސައްކަތްކުރަންވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުންގެ ހިތްތަކަށް ހަމަޖެހުންލިބޭނެ ގޮތުގައި ހަމަ ތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ލައްވަވާފައިވާކަމީ ﷲ ތަޢާލާގެ ޤުދުރަތްތެރިކަމާއި އެއްކައުވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އަދި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި ރަޙުމް އެކަލާނގެ ލެއްވެވިއެވެ."
ދެމަފިރިންގެ ގުޅުން ބާއްޖަވެރިކަމުގައި ދެމިއޮތުން ބިނާވެގެންވަނީ ދެމަފިރިން އެކަކު އަނެކަކަށްކުރާ އިތުބާރުގެމަތީގައެވެ. ދެމަފިރިންކުރެ ކޮންމެމީހަކު އަނެކަކަށް އިތުބާރުކުރަންވާނެއެވެ. ދެމީހުންކުރެ އެކަކުވެސް އަނެކާގެ ގާތުގައި އިތުބާރު ގެއްލިގެން ހިނގައިދާނެ އެއްވެސްކަމެއް ނުކުރާނަމަ ﷲ ތަޢާލާ ދެމަފިރިންގެ ދެމެދުގައި ލައްވަވާފައިވާ ރަޙުމަތާއި މަވައްދަތު ކެނޑިގެންނުދާނެއެވެ. ދީނީ އަދި ދުނިޔަވީ އެއްވެސް ހަމައެއްނެތި ތިމާ ހިތްހަމަނުޖެހޭ ކަމެއް ދިމާވުމަކީ އަނެއްމީހާޔަށް ކުރާ އިތުބާރު ކަނޑާލައިގެންވާނެ ސަބަބެއްކަމުގައި ނުހަދާށެވެ. މާއްދިއްޔަތުގެ މިޒަމާނުގެ ހުރިހާ ކަމެއްގައިވެސް ދެމަފިރިން ބަލަންވާނީ އިސްލާމްދީނުގެ ތަޢުލީމާއި އެދީނުގެ އިރުޝާދުތަކަށެވެ. މިޘާލަކަށް ފިރިމީހާ އިތުރު އަންހެނަކާ އިންނަން ޤަސްތުކޮށް އެކަމަށް ކުރިމަތިލުމަކީ އަނބިމީހާ ވަރަށްގިނަފަހަރު ރުޅިއައިސް ފިރިމީހާއަށްކުރާ އިތުބާރު ކަނޑާލާކަމެކެވެ. ނަމަވެސް އެއީ ދީނީ ހަމަޔަކުން ކަނޑާލެވިދާނެ އިތުބާރެއްނޫނެވެ. ދެވަނަ ނުވަތަ ތިންވަނަ ނުވަތަ ހަތަރުވަނަ އަންހެނަކާ ކާވެނީގެގޮތުން ގުޅުމަކީ ޤާބިލުކަންހުރިނަމަ، އިސްލާމްދީން ތަރުހީބު ދޭކަމެކެވެ.އުފާވެރިކަން ދެމިއޮތުމަށް އެދޭނަމަ އެއްވެސް އަސްލެއްނެތް ކަންކަން ދެމަފިރިންގެ ދެމެދުގައިވާ އިތުބާރާއި ގާތްނުކުރާށެވެ.
ދެމަފިރިންގެ ޙަޔާތް ބާއްޖަވެރި، އުފާވެރި ދިރިއުޅުމަކަށް ހެދުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ ދެމީހުންގެ ދެމެދުގެ މުޢާމަލާތްތައް ރަނގަޅުކުރުމެވެ. ރީތިބަހުން ވާހަކަދެއްކުމާއި، މާތްކޮށް ހިތުމާއި، ރީތި ނަމުން މުޚާތަބުކުރުމަކީ އިސްލާމްދީނުގައި ދެމަފިރިންގެ މެދުގައި އަށަގަންނަވަންޖެހޭ ރިވެތި އަޚުލާޤުގެތެރޭގައި ހިމެނޭ ކަންކަމެވެ. ހަމައެހެންމެ އެކަކު އަނެކަކުގެ މައްޗަށް އަދާ ކުރަން ޖެހޭ ޙައްޤުތަކަށް ރައްކާތެރިވެ އަމިއްލަ ކަމެއްގެގޮތުގައި ދެކިގެން ކޮށްދިނުމެވެ. "ތިމާގެ އަމިއްލަ ނަފުސަށް ލިބުމަށް ލޯބިކުރާ ކަންކަން ތިމާގެ އަޚާއަށް ލިބުމަށް ލޯބިކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަނުވާނެއެވެ." މިޤަވާއިދުގެ ދަށުންނެވެ. ތިމާގެ މައްޗަށް ކަނޑައެޅިފައިވާ ޙައްޤުތައް އަދާކުރުމުގައި އެކަކު އަނެކެއްގެ ކައިރީގައި އާދޭސްކުރުމުގެ ރޫހުނައްތާލުމަށް ދެމަފިރިންގެތެރެއިން ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޙައްޤުތައް ދެނެގަނެ ނަފުސުއެކަން ކަމުގެ މައްޗަށް ހާނުވާށެވެ.
މިލިޔުމުގައި ބަޔާންކުރެވުނު ހަތަރުނުކުތާއަކީ ދެމަފިރިންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށްޓަކައި ދެމަފިރިން އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކެވެ. އެއިން ހުރިހާކަމެއްގައި ދެމީހުންވެސް ޝާމިލުވާނެއެވެ. ދެމީހުންގެ ނިސްބަތުގައި ތަފާތުވާ ޙައްޤުތައް އިންޝާﷲ އެހެން ލިޔުމެއްގައި ގެނެސްދޭނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ