ފައިސަލް ނަސީމަކީ މަގާމަށް އެންމެ ގާބިލް ބޭފުޅާ: ރައީސް މައުމޫން

އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަކީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައިސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކުފާނުގެ އޮފީހުގައި ފައިސަލް ނަސީމާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ ގައުމުގެ ނައިބު ރައިސް ކަމުގެ މަގާމަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ ބޮޑު ޒިންމާއަކާ ފައިސަލް ނަސީމު ހަވާލުވެވަޑައިގަންނަވާތީ އެމަނިކުފާނަށް ދެއްވާނެ ނަސޭހަތެއް ނެތް ކަމަށާއި ފައިސަލް ނަސީމަކީ އެ މަގާމަށް އެންމެ ގާބިލް ބޭފުޅާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ފައިސަލް ނަސީމަކީ ގާނޫނުތަކާއި ގަވައިދުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށާއި އަދި ވެރިއެއްގެ މައްސޫލިއްޔަތު ވަރަށް ރަނގަޅަށް އެނގިވަޑައިގެން މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ވަރަށް ގާބިލު ބޭފުޅެއް ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް ނަސީމަކީ ސިޔާސީ މައިދާނުން ބޭރުގައި އިޖުތިމާއީ ގޮތުން ގައުމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަން ވެސް ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ފައިސަލް ނަސީމްގެ އަމިއްލަ ނަމުގައި ފައުންޑޭޝަނެއް އުފައްދަވާ އޭގެ ތެރެއިން ދިވެހި ރައްޔިތުންނަށް ތައުލީމީ އަދި ސިއްހީ އެތައް ހިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ވެސް ރައީސް މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ފައިސަލް ނަސީމަކީ ވަރަށް ގިނަ ދުވަސްތަކެއް ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އިހްލާސްތެރި މަސައްކަތްތަކެއް ވެސް ކުރައްވާފައިވާ ބޭފުޅަކަށްވާތީ މީހުން ގެންގުޅުއްވާނެ ގޮތް އެމަނިކުފާނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ފައިސަލް ނަސީމް ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އިތުރަށް އެމަނިކުފާނުގެ ވާހަކަފުޅުންވެސް އެމަނިކުފާނަކީ މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ގާބިލު ބޭފުޅެއްކަން ޔަގީންވެގެން ހިނގައްޖެ ކަމަށެވެ. އަދި ފައިސަލް ނަސީމަކީ އެއްވެސް ކަހަލަ ކިލަނބު ކަމެއް ނެތް ވަރަށް ހަރުދަނާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުން ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ