މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އުފަންދުވަހެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިވީ ދިގު މުއްދަތުގެ ތެރޭގައި މަދު ދުވަހަކު މެނުއީ ފާރިސް ހުންނެވީ ޖަލުގެ ކުޑަ ގޮޅީގައި ބަންދުކުރައްވާފައެވެ. ސަރުކާރުން މިއަދު އެންމެ ޖެހިލުންވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނި، އެމަނިކުފާނުގެ މައްޗަށް އެކި ގޮތްގޮތުން ގިނަ ތުހުމަތުތަކެއްކޮށް، އެތަށް ފަހަރެއްގެ މަތިން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދަކީ ފާރިސް މައުމޫންގެ އުފަންދުވަސް ނަމަވެސް މިއީ އޭނާއަށްވެސް އަދި އާއިލާއަށްވެސް އުފާވެރި ދުވަހެއް ނޫނެވެ. ޚާއްސަކޮށް ދަރިކަލުން އިއްޒުއްދީން އަހުމަދު ފާރިސްއަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. އުމުރުން އެންމެ ފަސް އަހަރުގެ އެ ދަރިކަލުންގެ އެންމެ ބޮޑު އުންމީދަކީ ލޯބިވާ ބައްޕަގެ އުފަންދުވަސް ކުލަގަދަކޮށް، އުފާވެރި ހަފްލާއެއްގައި ފާހަގަކުރުމެވެ. ނަމަވެސް އެ އުފާވެރިކަމުން އެ ދަރިކަލުން މިއަދު ވަނީ މަހުރޫމް ކުރެވިފައެވެ.
ނަމަވެސް އެ ތުއްތު ދަރިކަލުންގެ އުންމީދު ހާސިލްނުވިނަމަވެސް އަދިވެސް ހުރީ އެހެން އުންމީދެއް އައު ކުރައްވައިގެންނެވެ. އެއީ އޭނާގެ ހަވަނަ އުފަންދުވަސް ބައްޕައާއިއެކު ފާހަގަކުރުމުގެ އުންމީދެވެ. އިއްޒުއްދީންގެ އުފަންދުވަހަކީ އަންނަ މަހުގެ 27 ވަނަ ދުވަހެވެ.
ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވަނީ ފާރިސްގެ އުފަންދުވަހާއި ގުޅިގެން ދަރިކަލުންގެ ވާހަކަތައް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.
ލީޝިޔާ ވިދާޅުވީ ވޭތިވެދިޔަ އަށެއްކަ މަސްދުވަހު ދަރިކަލުންގެ ހުރިހާވެސް ދުއާއަކީ ފިރިކަލުން ފާރިސް މައުމޫންގެ އުފަންދުވަސް އާއިލާއާއިއެކު ފާހަގަކުރުމުގެ ފުރުސަތު ލިބުންކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވުމުން މިއަދު ދަރިކަލުން ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ އޭނާގެ އުފަންދުވަސް ފާހަގަކުރާއިރު، ބައްޕަ ކައިރީގައި ހުރުމެވެ.
ލީޝިޔާ ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތާ އެތަށް މަސްތަކެއް ފާއިތުވެެގެންދިޔައިރު އެކަމުގެ ހިތްދަތިކަން އެންމެ ބޮޑަށް ކޮށްފައިވަނީ ދަރިކަލުން އިއްޒުއްދީނަށްކަމަށެވެ.
ހުރިހާ އަނިޔާއެއް ދަރިކަލުން އިއްޒުއްދީން އަހުމަދު ފާރިސްއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ