ސުޕްރީމް ކޯޓަށް މިހާރު ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ހުކުމް އަންނަ ގޮތަކުން ޕީޕީއެމްގައި މިހާރު ތިއްބެވި އިތުރު މެމްބަރުން ތަކެއްގެ ގޮނޑި ގެއްލިގެން ދާނެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެކަމަށް ޕީޕީއެމް އިން އިއުތިރާޒް ނުކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ތާއީދުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.
ބަންޑާރަ ނައިބު އަނިލް ހުށަޙެޅުއްވި އެމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެބޭފުޅަކު ޕާޓީ ބަދަލުކުރައްވައިފިނަމަ ނުވަތަ ވިޕްލައިނާއި ހިލާފުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަޑައަޅައި ދިނުމަށް އެދިފައިވާ މައްސަލަ އެކެވެ.
ޕީޕީއެމްގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެޕާޓީ ދޫކޮށްދާ މިދަނޑިވަޅުގައި އޭޖީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި އެމައްސަލަ ނިމޭ ގޮތަކުން އެހެން ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުވެ އަދި މިހާރު ޕީޕީއެމްގައި ތިއްބެވި މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރުވެސް ވަނީ އުފެދިފަ އެވެ.
އެކަމާއި ގުޅޭ ގޮތުން އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމް އިސްކުރަނީ ވަކި މެމްބަރެއް ނުވަތަ މެމްބަރުންތަކެއްގެ މަސްލަހަތު ނޫން ކަމަށާއި، އެޕާޓީން އިސް ކުރަނީ އެންމެ ފުރަތަމަ ގައުމީ މަސްލަހަތު ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ޝިއާރު ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެމެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، މިހާރު ޕީޕީއެމްގައި ތިއްބެވި މަޖިލިސް މެމްބަރުންގެ ތެރެއިން އިތުރު ފަސް މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ. އެމެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބު ވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި، ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނާއި، މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދާއި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިންގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި ވެލިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ޔާމީން ރަޝީދާއި، ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ.
ސްޕްރީމް ކޯޓުން ހުކުމް އަންނަ ގޮތަކުން ޕީޕިއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މިމެމްބަރުންގެ ގޮނޑި ގެއްލުނު ނަމަވެސް ފަރުވާލެއް ނެތްކަމުގެ މޭރުމަކުން އަބުދުރަހީމް ވާހަކަފުޅު ދެއްކެވިއިރު އެމައްސަލާގައި އެއިން އެއްވެސް މެމްބަރަކު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މިމައްސަލަ އަކީ މިވަގުުތު ޕީޕީއެމްގެ އަމިއްލަ މަސްލަހަތެއް ހިމާޔަތް ކުރުމަށް ކުރާ ކަމެއް ކަމުގައި އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިހާތަނަށް ޕީޕީއެމުން 11 މެމްބަރުން ވަކިވެވަޑައިގެންފައިވާއިރު އެޕާޓީން މީގެ ކުރިން ހަތަރު މެމްބަރުން ވަކިވެސް ކޮށްފައިވެ އެވެ. އަދި މިހާރު ޕީޕީއެމަށް ވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން މެންބަރުންގެ ގޮނޑި ގެއްލުނު ނަމަވެސް މައްސަލައެއް ނެތް: އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ