މައުމޫނާއި ގާސިމް ވެންޓިލޭޓަރުގައި އޮވެގެން ވެސް ލީޑަރުކަން ކުރަން ބޭނުން: ދޮންބިލެތް

ވެންޓިލޭޓަރަަށް ލާ ވަރަށް ހާލުކޮޅު ބޮޑުވިޔަސް ލީޑަރުކަން ކުރައްވަން ބޭނުންވެވަޑައިގަންނަވާ ބޭފުޅުން އެބަތިއްބެވި ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) މިއަދު ފާޑުވިދާވެއްޖެ އެވެ.
ވަކި ނަމެއް ވިދާޅު ނުވެ ދޮންބިލެތް ވިދާޅުވީ "އެއީ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން" ކަމަށެވެ. އަދި އެއީ ކޮން ބައެއްކަން ސިފަ ކުރައްވަމުން ވިދާޅުވެފައި ވަނީ އެއީ ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދަށް ހަމަލާ ދިން ކަމަށް ބުނެ އެކަން ކުށްވެރިކުރައްވައި ބަޔާން ނެރުއްވި ބޭފުޅުން ކަމަށް ވިދާޅުވި އެވެ. ރައީސް މައުމޫނާއި ގާސިމް އިއްޔެ ވަނީ އެކަން ކުށްވެރިކުރައްވައިފަ އެވެ.
ޑރ. ވަހީދަށް އިއްޔެ މީހަކު ހަމަލާ ދިން ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހުށަހެޅުއްވި މައްސަލަ އަކީ އޮޅުވައިލެއްވުމެއް ބުނެ، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ހަލީމް ވިދާޅުވީ ވަހީދު ވެރިކަމަށް ވަޑައިގަތީ ވެސް އެ ބޭފުޅުންނާ ގުޅިވަޑައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"... ވެންޓިލޭޓަރުގައި އޮތަސް ޕާޓީއެއް ހައްދަވައިގެން ލީޑަރުކަން ކުރައްވަން އުޅުއްވާ ބޭފުޅުން އިއްޔެ [ވަހީދާ އެއްކޮޅަށް] ބަޔާން ނެރުއްވާފައި އެބަހުރި. އަޅުގަނޑަށް ހީވަނީ އޭގެ ތެރެއިން އެއް ލީޑަރު މިހާރު ވެސް އޮންނަވާނީ ވެންޓިލޭޓަރުގައި ހެން،" ހަލީމް ވިދާޅުވި އެވެ.
މައުމޫނާއި ގާސިމަށް އޭނާ މިހެން ފާޑުވިދާޅުވި އިރު އެ ދެބޭފުޅުންނަކީ ވެސް އެމްޑީޕީއާ އެކު މިހާރުގެ ސަރުކާރު އުފެއްދި ކޯލިޝަން ޕާޓްނަރުންނެވެ.
ވަހީދާއި އަނބިކަނބަލުން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު އެ ދެބޭފުޅުންނާ ދިމާކޮށް، ހުތުރު އެއްޗެހި ކިޔައި ހެދި ކަމަށް ވަހީދު ފަހުން މީޑިއާގައި ވިދާޅުވި ނަމަވެސް އެ މަނިކުފާނު ފުރަތަމަ ކުރެއްވި ޓުވީޓުގައި ވިދާޅުވީ "ހަމަލަ ދިން" ކަމަށެވެ.
އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ، ވަހީދާއި އާއްމު މީހަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ވަހީދަށާއި އަނބިކަނބަލުންނަަށް ހަމަލާދިން ކަމަށް ވިދާޅުވުމަކީ "ދޮގު ބުހުތާނެއް" ކަމަށެވެ.
ވަހީދުއާ ދެބަސްވުމެއް ހިނގި މީހާ [ޖައުފަރު] އަކީ އެމްޑީޕީގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ވެއްޓުމުން ޖެހިގެން އައި ދުވަހު ކުރި މުޒާހަރާ އާއި އެ ނޫން ވެސް ގޮތްގޮތުން އަނިޔާ ލިބިފައިވާ މީހެއް ކަމަށާއި އޭނާއާ ދެކޮޅަށް ވަހީދު ހުށަހެޅުއްވި މައްސަލަ އަކީ ނުހައްގުން ދޭ "އަނިޔާއެއް" ކަމަށް މެމްބަރު މެމްބަރު ވަހީދުގެ މައްސަލައިގައި ބަޔާން ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ