ލަންކާގައި ދިވެހި އަންހެނަކާއި ކުޑަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

ސްރީލަންކާގައި ދިވެހި އަންހެނަކާއި އޭނާގެ އަންހެން ދަރިފުޅު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން ދަނީ ޅ.ނައިފަރު ނާޒުކީގެ ރާޝިދާ އަހުމަދު 32، އާއި އޭނާގެ ދަރިފުޅު އައިޝަތު ރައިނާ 6، އެވެ.
މި ދެމައިން ގެއްލިފައިވަނީ މި މަހުގެ ދެވަނަ ދުވަހު މެންދުރު 12 ޖަހާކަންހާއިރު އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ރާޝިދާ އާއި ރައިނާ ވެސް އެންމެ ފަހުން ފެނިފައިވަނީ އެމީހުން ދިރިއުޅެމުންދާ ސްރީލަންކާގެ ކޭންޑީގައި ތިއްބަ އެވެ.
އަދި އެމީހުން އެންމެ ފަހުން ފެނިފައިވަނީ ރާޝިދާގެ ފިރިމީހާއަށެވެ.
ނަން ހާމަކުރަން ބޭނުންނުވާ މީހަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ ރާޝިދާގެ ފިރިމީހާ އަބަދުވެސް އަނބިމީހާއަށް އަނިޔާކޮށް ބިރުދައްކަމުންދާ ކަމަށެވެ.
"ފިރިމީހާ އެބަބުނޭ ތިމަންނަ ކޮފީއެއް ގިރަން އެތެރެއަށް ވަންއިރުގައި ދެމީހުން ތިއްބޭ، ނިކުތް އިރުގަ ނެތޭ، އެއްގޮތަކަށް ވެސް ވީގޮތެއް ނޭންގޭ، އަނިޔާކުރާތީ ފިލައިގެން ދިޔައީ ކަމެއް ވެސް ނޭންގޭ،" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ.
އާއިލާއިން ބުނީ ރާޝިދާ އާއި އޭނާގެ 6 އަހަރުގެ ދަރިފުޅުގެ ހަބަރެއް ނުވާތާ 3 ދުވަސްވީއިރު ފުލުހުންނަށް ރިޕޯޓުނުކޮށް މަޑުކުރީ ފިރިމީހާ އަނިޔާކުރާތީ ފިލައިގެން ދިޔައީ ކަމަށް ބަލާފައި ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެމީހުން ރާއްޖެ އައިސްފައިނުވާ ކަމަށެވެ.
އެދެމައިން ގެއްލުނުކަން ރިޕޯޓުކުރުމަށް މިހާރު އާއިލާގެ ފަރާތުން ތިބީ ކޮލޮމްބޯގެ ޕޮލިސް ސްޓޭޝަންގައި އެވެ.
"މިކޮޅުން ކަންތައްތައް ދަނީ ވަރަށް ސްލޯކޮށް،" އާއިލާގެ ފަރާތުން މައުލޫމާތުދިން މީހާ ބުންޏެވެ.
އެމްވީޔޫތަށް އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުން ކޭންޑީގައި ދިރިއުޅޭ ރާޝިދާގެ ފިރިމީހާއާ ސުވާލުކުރުމަށް،އޭނާ ކޮލަމްބޯއަށް ގެންނަން ލަންކާގެ ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ