ރާއްޖޭގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް، މީހުންގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުން އިތުރުވަމުންދާތީ އެކަމަށް ހުރިހައި ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އެދިވަޑައިގެންފިއެވެ.
ޗީފް އެސްޕީ ހަމްދޫން ރަޝީދު ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް އެފަރާތްތަކުން ބޭނުންވާ ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކުގައި އެކި ޢުމުރުގެ އެކި ފަންތީގެ ދެޖިންސުގެ މީހުން ހިމެނޭކަމަށެވެ. މިގޮތުން އެކިއެކި މުއައްސަސާތަކުގެ އިސް ބައެއް ފަރާތްތަކާ، ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނާ އެކި ފަންނުތަކުގައި ފާހަގަ ކުރެވޭ މީހުންނާ ގުޅުންހުރި މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ. މީގެ އިތުރުން ކަމުވޮށިގެންވާ އަދި ޤަދަރު ލިބިފައިވާ ބައެއް ފަރާތްތަކަށްވެސް މިކަމުގެ ނޭދެވޭ ކަންކަމާ ކުރިމަތިލާން ޖެހިފައިވާކަން ހަމްދޫން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މިފަދަ ކޮންމެ މައްސަލައެއްގެ ތަޙުޤީޤުގެ ތެރެއިން މައްސަލައާއި ގުޅުންހުރި ބައެއް އެހެނިހެން ކަންކަންވެސް ހާމަވަމުންދާއިރު މިފަދަ މައްސަލަތަކަކީ މީހާގެ ޢިއްޒަތާ އަބުރުގެ ކަރާމާތާ ގުޅުންހުރި ކަންކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަން ހަމްދީން ރަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
ޗީފް އެސްޕީ ހަމްދޫން ފާހަގަ ކުރެއްވި ގޮތުގައި މި ނާތަހުޒީބު ޢަމަލު ހިންގައި މިފަދަ ޖަރީމާތައް ހިންގުމުގެ ފުރުޞަތު ލިބެނީ އެކަންކަމަށް ޢާއްމު ރައްޔިތުންގެ ފަރާތުން ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުންނާއި ތިމާއާއެކުގައި ގާތް ގުޅުން ބާއްވާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ދެނެގަނެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނުއެޅުމުގެ ސަބަބުން ކަމަށް ޤަބޫލު ކުރެއްވެއެވެ
ބްލެކްމެއިލް ކުރުމުގެ ނުރައްކާތެރި ޙާލަތެއް އެއްވެސް ރައްޔިތަކަށް ކުރިމަތިވެއްޖެނަމަ އެކަން ލަސްނުކުރައްވައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިން އިންވެސްޓިގޭޝަން ކޮމާންޑަށް ހުށަހެޅުއްވުމަށް ޗީފް އެސްޕީ ހަމްދޫން އެދިވަޑައިގަތެވެ. އަދި މިފަދަ މައްސަލަތައް ސިއްރުވެރިކަމާ ރައްކާތެރިކަމާއެކު ބަލައިދީ މިފަދަ ނުރައްކަލުން އެރައްޔިތަކު ސަލާމަތްކޮށްދޭން ފުލުހުން މަސައްކަތްކޮސް އެމައްސަލަ ބަލައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައިވެސް ހަމްދޫން ރަޝީދު ވިދާޅުވިއެވެ.
ކަންމިހެން ހުރުމާއެކު މިކަމަށް ލޮބުވެތި ހުރިހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ މިފަދަ މައްސަލަތައް މަދުކޮށް ބްލެކްމެއިލް ކުރުމުގެ ޢަމަލު ހިންގުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ފުލުހުންގެ ފަރާތުން އިލްތިމާސް ކުރާ ކަމުގައި ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ ވިދާޅުވެފައެވެ.
ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އިތުރުވާއިރު ރައްޔިތުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ