ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަމަށް މ. އަތޮޅު ކައުންސިލްގެ ރައީސް ޝައުގުވެރިކަން ފާޅުކުރައްވައިފި

ދިއްގަރު ދާއިރާގެ ރައްޔިތުން އެދޭނަމަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާނެ ކަމުގައި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ވިދާޅުވެއްޖެ އެވެ.
މޫސާ ނަސީރު މިހެން ވިދާޅުވީ އެ ދާއިރާގެ މަޖިލިސް މެންބަރުގެ ގޮތުގައި މިއަދާ ހަަމައަށް ހުންނެވި މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން މިއަދު އެގޮނޑި ހުސްވުމުންނެވެ.
ވީނިއުސް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ދިއްގަރަށް އުފަން އެރަށު ހިޔާގެ، މޫސާ ނަސީރު ވިދާޅުވީ ސިޔާސީ ގޮތުން ކުރިއަށް ދިއުމަށް އޭނާ އަބަދުވެސް ޝައުގުވެރިވާ ކަމަށެވެ. އަދި ވިދާޅުވީ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އޭނާ ވާދަކުރުމަށް އެ ދާއިރާގެ ގިނަ ރައްޔިތުން އެދޭނަމަ އިންތިހާބުގައި ވާދަކުރުމަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުން ވިޔަސް ކުރިއަށް ދާނީ ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ގޮތަށް. އެގޮތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ރައްޔިތުން އަޅުގަނޑު ގާތު އެދޭނަމަ އެކަމުގައި ކުރިއަށް ދެވިދާނެ،" މިއަހަރު 30 އަހަރު ފުރުނު މޫސާ ނަސީރު ވިދާޅުވި އެވެ.
ގައުމީ ޔުނިވަސިޓީގެ ޓޫރިޒަމް ފެކަލްޓީން ޑިޕްލޮމާ ހާސިލް ކުރައްވާފައިވާ މޫސާ ނަސީރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު އެމްޓީސީސީގައިވެސް ދުވަސްކޮޅަކު މަސައްކަތް ކުރައްވާފައިވެ އެވެ. އޭނާ ސިޔާސީ މައިދާނަށް ނިކުންނެވީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގައި ދިއްގަރު ކައުންސިލަށް ވާދަކޮށް އެ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ. އެންމެ ގިނަ ވޯޓް ހޯއްދަވައިގެން ދިއްގަރު ކައުންސިލަށް އިންތިހާބުވުމަށްފަހު އޭނާ ވަނީ ދިއްްގަރު ކައުންސިލްގެ ނައިބް ރައީސް ކަންވެސް ކުރައްވާފަ އެވެ. އެއަށްފަހު ދިއްގަރު ދާއިރާގެ މިހާރު ކައުންސިލަރުގެ ގޮތުގައި މ. އަތޮޅު ކައުންސިލަށް އޭނާ އިންތިހާބުވީ ވެސް އެންމެ ގިނަ ވޯޓް ހޯއްދެވި ކައުންސިލަރުގެ ގޮތުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި މިއަދު ހުސްވުމާއި ގުޅިގެން މޫސާ ނަސީރު ފިޔަވާ މިހާތަނަށް އެ ގޮނޑިއަށް އަދި އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.
މޫސާ ނަސީރަކީ ވެރިކަން ކުރާ ޕީޕީއެމްގެ ކައުންސިލަރެކެވެ. މޫސާ ނަސީރާ ވާދަކުރައްވާނެ ޕީޕީއެމްގެ އެހެން ބޭފުޅަކު ހުންނެވި ނަމަ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްްވުމަށް މޫސާ ނަސީރަށް ޕީޕީއެމްގެ ޓިކެޓް ލިބޭނީ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ.
ދިއްގަރު ދާއިރާގައި ހިމެނެނީ ދިއްގަރުގެ އިތުރުން މަޑުއްވަރީ އާއި ރަތްމަންދޫ އާއި ވޭވަށް އަދި މުލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ