ހައްޔަރުކޮށްފައިވާ ނޫސްވެރިންގެ ހައްގުގައި މުއައްސަސާތަކުން މަސައްކަތެއް ނުކުރޭ: ރާއްޖެ ޓީވީ

ނޫސްވެރިންތަކެއް ހައްޔަރުކޮށްފަވާއިރު އެމީހުންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ދައުލަތުގެ މުއައްސަސާތަކުން އެއްވެސް މަސައްކަތެއް ނުކޮށް ހިމޭނުން ތިބޭތީ ރާއްޖެ ޓީވީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރާއްޖެ ޓީވީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޫސްވެރިކަމުގެ ޒިންމާ އަދާކުރުމުގައި ހަރަކާތްތެރި ވަނިކޮށް ރާއްޖެ ޓީވީގެ ނޫސްވެރިއަކާިއ ކެމެރާމަނަކު ހައްޔަރުކޮށް އެ ދެމީހުންނަށް މުއްދަތު ޖަހައިފަވާއިރު، އެ މައްސަލާގައި ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރަންޖެހޭ ދައުލަތުގެ މުއައްސަސާތަކުން އެއްވެސް މަސައްކަތެއްކޮށްފައި ނެތުމަކީ އެ ސްޓޭޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނޫސްވެރިން ޖިނާއި ކުށެއް ކުރިކަމަށް ތުހުމަތުކޮށް ޖަލުގެ ކުޑަގޮޅިއަށް ލައިފަވަނީ އެމީހުންނަށް ނަފްސާނީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކަމަށާއި އެއީ ގާނޫނު އަސާސީން ލިބިދީފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގައް އުނިކަން ގެނެސް ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނައްތާލުމަށް ކޮށްފައިވާ މަަސއްކަތެއް ކަމަށް ރާއްޖެ ޓިވީން ދެކޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
އެ މައްސަލާގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރަސްމީ ގޮތެއްގައި އެއްވެސް އެއްޗެއް ނުބުނާ ކަމަށާއި އެހެންކަމުން އެއީ ނޫސްވެރިކަމަށް އޮތް ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހޭ ދެ މުއައްސަސާ ނުކުޅެދިފައިވާ މިންވަރު އަންގައިދޭ ހެއްކެއް ކަަަމަށް ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ