ޖޭޕީގެ ރައީސްކަމުން އިސްތިއުފާ ދޭން ގާސިމް، އަލީ ވަހީދަށް އަންގައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސްކަމުން އިސްތިއުފާ ދިނުމަށް، މިއަދު ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކި ކުރި އަލީ ވަހީދަށް އެ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އަންގައިފިއެވެ.
ގާސިމް މިގޮތަށް އަންގާފައި ވަނީ، އަލީ ވަހީދު އެ މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ކައުންސިލަށް ހުށަހަޅާފައި ވަނިކޮށެވެ.
ޖުމްހޫރީ ޕާޓިގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އަލީ ވަހީދު ޖޭޕީގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް އޭނާއަށް ފޮނުވި މެސެޖްއަކުން، ގާސިމް އަންގާފައިވާ ކަމަށެވެ.
އެތައް މުވައްޒަފުންނަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަޒީރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ޞާލިހް އެންގެވީ ރޭގެ ވަގުތެއްގައެވެ.
ނަމަވެސް އޭނާ އެ މަގާމުން އިސްތިއުފާ ދީފައެއް ނުވެއެވެ.
އެންމެ ފަހުން ރައީސް ވަނީ މިއަދު އަލީ ވަހީދު މަގާމުން ވަކިކޮށްފައެވެ.
އަލީ ވަހީދަކީ ޖޭޕީގެ ރައީސް ކަމުގައި ވީނަމަވެސް އެޕާޓީގެ ހަރަކާތްތަކުގައި އޭނާ މީގެ ކުރިން ވެސް މާގިނައިން ބައިވެރިވާ މަންޒަރެއް ނުފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ