މުލިއާގޭ ކައިރީގައި ބޮމެއް ބާއްވާފައި އޮތީ ރައީސް އަވަހާރަކޮށްލަން: އުމަރު

މުލީއާގޭ ކައިރީގައި އޮތް ވެހިކަލެއްގެ ފިއުލް ޓޭންކް މަތީގައި ބާއްވާފައި އޮއްވައި ރޭ ފެނުނު އައިއީޑީ އަކީ ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު އަވަހާރަކޮށްލަން ބަޔަކު ރޭވި ހަމަލާއެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އެ އައިޑީ އެތަނުގައި ބާއްވާފައި އޮތީ ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅަށް އަމާޒުކޮށް ގޮއްވައިލުމަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. "... މިވެސް ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރާވާފައި އޮތް ރޭވުމެއް. ރައީސުލްޖުމްހޫރިއްޔާ އަކީ މިދަންނަވާ މަގުން ކޮންމެ ދުވަހަކު ވަރަށް ގިނައިން ދަތުރުކުރައްވާ ބޭފުޅެއް. އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަޑައިގެންނެވުމަށް ޓަކައި އެމަގުން ވަރަށް ގިނައިން ދަތުރުކުރައްވާ. އެހެންވީމާ މިދަންނަވާ ބޮން އެމަނިކުފާނު ދަތުކުރައްވާ މަގުގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެޔޮތާންގި މަތީގައި ބާއްވާފައި އެމަނިކުފާނުގެ ކާރު އަރާ ހަމަވީމާ އޭތި ގޮއްވާލުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެގޮތަށް އެހަމަލާ ދިން ނަމަ ރައީސްގެ ކާރު ބުރައިގެން ދިޔައީސް ކަމަށެވެ. އެ ބޮން ގޮއްވައިލެވުނު ނަމަ 60 ފޫޓްގެ ބޮޑު އަލިފާން ބޯޅައެއް އުފެދޭނެ ކަމަށާއި އެއީ އެވަރުގެ ވަރުގަދަ ޑައިނަމައިޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "... 60 ފޫޓް އޭގެ ޑައިމީޓަރުގައި ހުރި އޭގެ ފުޅާމިނުގައި 60 ފޫޓް ހުރި އަލިފާންބޯޅައެއް އެ މަގުގައި އުފެދިއްޖެއްޔާ އެސަރަހައްދުގައި އެހެރަ ގެތަކަށް ވަރަށް ބޮޑު އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ދިއުމަކީ އެކަށީގެންވާ ކަމެއް،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ އެފަދަ ހަމަލާތަކަކީ ޚާއިނުންތަކެއް ނުކުމެ ދިވެހި ދައުލަތަށް ދޭ ހަމަލާތަކެއް ކަމަށެވެ. އެއީ ރާއްޖޭގެ ކަރާމަތާއި މިނިވަންކަމާއި އިސްތިގުލާލާ ދެކޮޅަށް ދޭ ހަމަލާތަކެއް ކަމާ މެދު އެއްވެސް ބަޔަކު ޝައްކު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ