އާސެނަލް ބަލިކޮށް ލިވަޕޫލްގެ ހޯމް ރެކޯޑަށް އިތުރު ބޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި އާސެނަލް ބަލިކޮށް ލިވަޕޫލުން އެ ޓީމުގެ ހޯމް ސްޓޭޑިއަމުގައި ބަލިނުވެ އައުމުގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރު ކޮށްފި އެވެ. ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން އަވޭ ޓީމުގެ މައްޗަށް ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ވޭތުވެ ދިޔަ ސީޒަނުގެ ޗެމްޕިއަންސް ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅެއް ހޯދައިގެން ތާވަލުގެ ތިންވަނައިގަ އެވެ. އެއްވަނައިގައި ގޯލުގެ ތަފާތުން މިވަގުތު އޮތީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެސްޓާ ސިޓީ އެވެ. ލިވަޕޫލުން އެ ޓީމުގެ ހޯމް ސްޓޭޑިއަމުގައި އެންމެ ފަހުން ބަލިވެފައި ވަނީ މީގެ ތިން އަހަރު ކުރިން 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. ކްރިސްޓަލް ޕެލަސް އަތުން ލިބުނު އެ ބައްޔަށް ފަހު މިހާތަނަށް ހޯމް ސްޓޭޑިއަމުގައި ކުޅުނު 63 މެޗުން އެ ޓީމު ވަނީ ބަލިނުވެ ފަރުޖައްސާލައިފަ އެވެ. ރޭގެ މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްގެން ލިވަޕޫލުން ކުޅުނު އިރު، މެޗުގެ ކުރީކޮޅު އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ނުރައްކާތެރި ބޯޅައެއް އާސެނަލުގެ ގޯލްކީޕަރު ބާން ލެނޯ މަތަކުރި އިރު، ޑިފެންޑަރު ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފަ އެވެ. ލިވަޕޫލް މޮޅަށް ކުޅެމުން ދިޔަ ނަމަވެސް އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އާސެނަލުންނެވެ. މެޗުގެ 25 ވަނަ މިނިޓްގައި ލަކަޒޭޓް މި ލަނޑު ޖެހީ ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ހެދި ގޯހެއްގެ ފައިދާނަގައިގެންނެވެ. އެކަމަކު އާސެނަލަށް މާ ގިނައިރަކު އެ ލީޑު ހިފާއްޓާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ 27 ވަނަ މިނިޓްގައި މާނޭ ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ބޯޅަ ކީޕަރު ލެނޯ އަތުގައި ޖެހިފައި މާނޭ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ލީޑު ނަގައިފަ އެވެ. މެޗުގެ 34 ވަނަ މިނެޓުގައި އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު ލިވަޕޫލަށް ޖަހައިދިނީ ރޮބަޓްސަނެވެ. މި މެޗުގައި ލިވަޕޫލުން ޖެހި ފަހު ގޯލަކީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވުލްވްސް ދޫކޮށް 40 މިލިއަން ޕައުންޑަށް ލިވަޕޫލާ ގުޅުނު ޕޯޗުގީސް ވިންގް ޑިއޯގޯ ޔޮޓާ އެވެ. ޔޮޓާ މި ގޯލު ފޮނުވާލީ އޭރިއާ ބޭރު ރޮނގުމަތީގައި ހުރެ ތިރިތިރިން ގޯލުގެ ކަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ