ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީ ފިޔަވަޅުތައް ހަރުކަށި ކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިއަކަށް ކޮވިޑްގެ އަދަދުތައް މަތިވަމުންދާ ކަމަށާއި ފިޔަވަޅުތައް ހަރުކަށިކޮށް، ރަނގަޅު ގޮތެއްގައި ތަންފީޒުކުރަންޖެހޭ ކަމަށެވެ.
Covid infection numbers are suddenly going up. Stricter measures and better enforcement are needed. @HPA_MV @presidencymv
— Maumoon Abdul Gayoom (@maumoonagayoom) January 4, 2022
ރާއްޖެއިން އިއްޔެ 242 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޯވިޑްގެ ޙާލަތު އެންމެ ގޯސްވާނެ ތިން ހަފްތާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.
ނ. ލަންދޫ ބަނދަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކޯވިޑުގެ އިތުރު ވޭރިއަންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ހަލުއިކަމާއެކު ފެތުރެމުންދާ ކަމަށާއި ރާއްޖެއަށްވެސް މިހާރު އެ ވޭރިއަންޓް އައިސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އިއްޔެ ވާނީ ޞިއްޙީ މާހިރުންނާ އެކީގައި ބައްދަލުވުމެއް ބާއްވާފައި. އެއީ ކޯވިޑުގެ ވަބާ، އަޅުގަނޑުމެންނާ ކުރިމަތިވުމާއެކުގައި އުފެއްދި ޓާސްކްފޯސްގެ ބައްދަލުވުމެއް. ޞިއްޙީ މާހިރުން އަޅުގަނޑުމެންނަށް ލަފާދެއްވީ، ކުރިއަށް މިއޮތް ތިން ހަފްތާއަކީ، އަނެއްކާވެސް ރާއްޖޭގައި ވަރަށް ބޮޑަށް ކޯވިޑް ފެތުރިގެންދިޔުމުގެ ފުރުޞަތު އޮތް ތިން ހަފްތާ ކަމުގައި. އެއީ މި ވޭރިއަންޓް މިހާރު ރާއްޖޭގައި ފެނިފައިވާތީ" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ސަރުކާރުން މަސައްކަތް ކުރަނީ، ވީވަރަކުން އެކިއެކި ވިޔަފާރިތައް ބަންދުނުކޮށް، ޢާންމު ޙާލަތަކައިގެން ކުރިއަށްދިޔުމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި މިކަން ކުރިއަށް ގެންދެވޭނީ، ކުރިއެކޭވެސް އެއްގޮތަށް ޞިއްޙީ މާހިރުން ދެއްވާ ލަފަޔާ އެކީގައި އެގޮތަށް އަމަލުކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އެހެންކަމުން، މިއަދު ލަންދޫގެ ރައްޔިތުންނަށްވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުންވަނީ، ކުރިއަށް މިއޮތް ދެތިން ހަފްތާ އަނެއްކާވެސް ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ، ހުރިހާ ބޭފުޅުން އެކުގައި މިކަމައިގެން ކުރިއަށް ވަޑައިގަތުމަށް" ރައީސް ވިދާޅުވި އެވެ.
ކޮވިޑް ކޭސްތައް އިތުރުވާތީ ފިޔަވަޅުތައް ހަރުކަށިކުރަން މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ