ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ގައުމު ތާހިރުކުރަން ޖެހޭ: ގާސިމް

ކޮރަޕްޝަންގެ ވިހަ އަމަލުތައް ހުއްޓުވައި ގައުމު ތާހިރުކުރުމަށް ހާއްސަ އިސްކަމެއް ދޭން އެބަޖެހޭ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ވެސްޓް އޮފް އިންގްލެންޑު ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ދުނިޔެ ތަރައްގީވަމުން އަންނައިރު ޖިއޮގުރަފީގޮތުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގައުމުތަކަށް ވެސް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް އައިސްފައިވާ ކަމަށެވެ. އަދި އެ ކުރިއެރުންތައް ދަސްކޮށްދިނީ އާއިލާތައް ބަދަހިކޮށް ތިބުމާއި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ވެސް ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުުގައި އަނިޔާވެރިވުމުގެ ސަގާފަތުން އެއްކިބާވެ ހެޔޮ ވެރިކަމެއް ކުރާ ގައުމަކަށް ވުމަކީ ދިވެހީންގެ އެންމެ ބޮޑު އެއް އެދުން ކަމަށެވެ. އެއީ ކުރިން ވެސް އަދި ފަހުން ވެސް އިންސާނީ ނަސްލު ބޭނުންވާނެ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ދަ ވެސްޓް އޮފް އިންގްލޭންޑު ޔނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވި ބައެއް ދަރިވަރުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކަންތައްތަކަކީ މަތީ ތައުލީމް ހާސިލްކުރިއިރު ދަރިވަރުން ބަހުސް ކޮށްފައިވާ ކަންތައްތައް ކަމަށާއި އެ މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ވެސް ބަލާފައިވާނެ ކަން ފާހަގަކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އިގުތިސޯދީ ފުދުންތެރިކަން ހޯދުމުގެ ފުރުސަތަކީ ކޮންމެ ދިވެއްސަކަށް ފަހިވެފައި އޮތުން ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތައް ދަމަހައްޓައި ޑިމޮކްރެޓިކް ސިފަތައް އާލާކޮށް ދިރުވައި ރާއްޖޭގެ ކުރިއެރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އިންސާނީ ހައްގުތައް ކަށަަވަރުކޮށްދިނުމާއި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ދިވެހިން އަބަދު ވެސް ބޭނުންވޭ،" ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ގާސިމް ވިދާޅުވި އެވެ.
މީގެ 11 އަހަރު ކުރިން އުފެއްދި ވިލާ ކޮލެޖުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެ ކޮލެޖަށް ލިިބޭ ހާއްސަ އުފަލަކީ ވެސް، އެ މަރުކަޒުން ދަސްވެނިވާ ދަރިވަރުން ގައުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށެވެ.
ވިލާ ކޮލެޖުގައި ހިންގާ އިނގިރޭސިވިލާތުގެ ދަ ވެސްޓް އޮފް އިންގްލޭންޑު ޔުނިވާސިޓީގެ ގްރެޖުއޭޝަން ހަފުލާގައި ބައިވެރިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ސްޓީވް ވެސްޓް ސަލާމްކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ދިވެހީންނަށް މަތީ ތައުލީމް ފޯރުކޮށްދިނުމަކީ އޭނާއަށް ކުރެއްވޭ އެންމެ މަތިވެރި އެއް މަސައްކަތް ކަމަށާއި އެކަމުގެ މަންފާ ގިނަ އާއިލާތަކަށް ކޮށްފައިިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން ވިލާ ކޮލެޖު އުފެއްދުމަކީ އޭނާއަށް މިހާތަނަށް ކުރެވުނު މުހިއްމު އެއް މަސައްކަތްކަން ފާހަގަކޮށް ގާސިމް ވަނީ ވިލާ ކޮލެޖުގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވިލާ ކޮލެޖު އުފެއްދުމުގެ ކުރިން ގާސިމްގެ ވިލާ ފައުންޑޭޝަނުން ވަނީ ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ގިނަ ސްކޮލަޝިޕްތަކެއް ފަހިކޮށްދީފަ އެވެ. އެ އެހީގައި ތައުލީމް ހާސިލްކުރި ބައެއް ބޭފުޅުން މި ސަރުކާރުގެ އިސް މަގާމުތަކުގައި ވެސް އެބަތިއްބެވި އެވެ.
މިއަދުގެ ގްރެޖުއޭޝަންގައި، ޕޯސްޓް ގްރެޖުއޭޓް ޕްރޮގްރާމްތަކުން ފެށިގެން މާސްޓާސް ފެންވަރުގެ ކޯސްތަކުން 319 ދަރިވަރުން ވަނީ ގްރެޖުއޭޓްވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ