ގަން އެއާޕޯޓުގެ މިލްކުވެރިކަން އައްޑޫ ކައުންސިލަށް ދޭން ޖެހޭ: ނަޝީދު

އައްޑޫ ގަން އެއާޕޯޓުގެ މިލްކުވެރިކަން އައްޑޫ ސިޓީ ކައުންސިލަށް ދޫކޮށްލަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިލްޔާސް ލަބީބުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ މާލޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އައްޑޫ ތަރައްޤީ ކުރެވޭނީ އައްޑޫ ކައުންސިލަށް ބާރު ދީގެން ކަމަށެވެ.
ނަޝީދު ވިދާޅުވީ އައްޑޫ ގަން އެއާޕޯޓުގެ މިލްކުވެރިކަން އައްޑޫ ސިޓީ ކައުންސިލަށް ބަދަލު ކުރަން ޖެހޭ ކަމަށާއި، މިއަދު އެ އެއާޕޯޓުގެ 70 ޕަސެންޓު މިލްކުވެރިކަން އޮތީ ދިވެހި ސަރުކާރަށް ކަމަށެވެ.
"… އެއާޕޯޓުގެ ހިއްސާ އެއާޕޯޓުގެ މިލްކުވެރިކަމުގެ މިދެންނެވި ބޮޑުބައި ފޮރޮޅިގެން މިދާން ޖެހެނީ ހަމަ ކަށަވަރުންވެސް އައްޑޫ ސިޓީ ކައުންސިލަށް"
ނަޝީދު ވިދާޅުވީ އައްޑޫ އެއާޕޯޓު ތަރައްޤީ ކުރުމަށްޓަކައި އަމިއްލަ ވިޔަފާރިވެރިން އެކަމުގެ ތެރެއަށް ވަނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އެމްޑީޕީ ވެރިކަމުގައި 2008 ވަނަ އަހަރު އައްޑޫ އެއާޕޯޓުގެ 30 ޕަސެންޓު ހިއްސާ އަމިއްލަ ފަރާތެއް ހިމެނޭ ގޮތަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެފަރާތުން ހިއްސާވާ މިންވަރަށް އިންވެސްޓުކޮށްފައިވާ އިރު އިތުރަށް އިންވެސްޓު ކުރުމަށްވެސް އެފަރާތްތުން ބޭނުންވާކަން އެނގިފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެކަން ކުރެވޭނީ ސަރުކާރުގެ ހިއްސާ ކައުންސިލަށް ދޫކޮށް އައްޑޫ ކައުންސިލުން ކަމަށެވެ. އަދި އައްޑޫ އެއާޕޯޓު ތަރައްޤީ ނުކޮށް ރާއްޖެ ތަރައްޤީ ނުކުރެވޭނެކަމަށް ނަޝީދު ވިދާޅުވާ ވާހަކަ ތަކުރާރު ކުރެއްވިއެވެ.
އައްޑޫގެ ތަރައްޤީ ގުޅިފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށާއި އައްޑޫގެ ފަތުރުވެރިކަމާއި ވިޔަފާރި ކުރިއެރުވޭނީ ކައުންސިލަށް ހަގީގީ ބާރު ކުރެވިގެންކަމަށެވެ. އަދި އެކަމަށް އޮތް ވަސީލަތަކީ 19 ވަނަ މަޖްލިސް ކަމަށެވެ.
"އައްޑޫ ސިޓީގެ ތަރައްޤީ، އައްޑޫ ރައްޔިތުންގެ ކުރިއެރުން އެންމެ ބޮޑަށް އެެއްވެސް ޝައްކެތް ނެތް ގޮތުގައި ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމާއި، އައްޑޫ އަތޮޅަށް އައްޑޫ ސިޓީގެ އެންމެހާ ވަސީލަތްތައް އަޅުގަނޑުމެން ދޫކޮށްލަން ޖެހޭ، އެރަށުގެ އެއަތޮޅުގެ އެސިޓީގެ ބިންވެސް، އެސިޓީގައިވާ އެންމެހާ ގުދުރަތި ވަސީލަތްތައްވެސް، ރުއްގަސްވެސް، ހުރިހާ މަގެއްވެސް، އެތަނުގައިވާ ހުރިހާ ބަނދަރެއްވެސް، އެއާޕޯޓެއް އޮތީއްޔާ އެތަނެއްވެސް، އެތަނުގައި ބޮޑު ބަނދަރެއް އޮތިއްޔާ އެބަނދަރުވެސް މަދަރަސާއަކަސް ހެލްތު ސެންޓަރަކަސް އެތަނުގައި ހުރި ހުރިހާ އެއްޗެއް އެއީ އައްޑޫ ސިޓީ ރައްޔިތުންގެ މިލްކަށް ބަދަލު ކުރުމަކީ ކޮންމެހެން ބޭނުން ތެރިކަމެއް"
އައްޑޫ އެއާޕޯޓު ތަރައްޤީގެ ވާހަކަ ނަޝީދު ދެއްކެވި އިރު މީގެ ކުރިންވެސް އެކި ހަފްލާތަކުގައި ސިޓީ ކައުންސިލަށް ގަން އެއާޕޯޓު ތަރައްޤީކޮށް ހިންގޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ