މި ޤައުމުގައި ސަލާމަތީ ބާރުތަކުގެ މަސައްކަތް ކުރިއަށްދާން ޖެހޭ ކަމަށާ ސަލާމަތީ ބާރުތަކަކީ ޤައުމުގައި ތިބެން ޖެހޭ ބައެއްކަމަށް ހެކިވާނެ ބަޔަކީ ބުރުންޏާ ބުރުނީގައި 2014 ވަނަ އަހަރުން ފެށިގެން ދިރިއުޅުނު ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތ.ބުރުނީ ނަރުޒަމާ ނިޒާމުގެ ޚިދުމަތް އިފްތިތާހް ކޮށްދެއްވާ އެރަށު ރައްޔިތުންނާ މުޚާޠަބުކޮށް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުރިމަތިލާ އިދިކޮޅު ފަރާތްތތަކުގެ މެނިފެސްޓޯ ހާމަކުރަމުންދާއިރު، އެންމެ އަޖައިބުވެވަޑައިގަތް ކަމަކީ މި ޤައުމުގައި އޮތް ސަލާމަތީ ބާރުތައް އިއްތިހާދުގެ ސަރުކާރެއްގައި އުވާލާނެ ވާހަކަ ބުނުމުން ކަމަށެވެ.
ނަމަވެސް ދިވެހި ޤައުމުގައި ސަލާމަތީ ބާރުތަކަކީ ތިބެން ޖެހޭ ބައެއްކަން 2014 ވަނަ އަހަރު އެރި ސުނާމީގައި އެކަނިވެސް ވަރަށް ރަނގަޅަށް ސާބިތުވެގެން ގޮސްފައިވާ ކަމަށާ އެކަމަށް ބުރުންޏާ ބުރުނީގައި ދިރިއުޅޭ ރައްޔިތުން ހެކިވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.
ސުނާމީގެ ހިތާމަވެރި ކާރިސާގައި ބުރުންޏާ އަވަށްޓެރި ވިލުފުށި އެއްކޮށް ހަލާކުވެ އެރަށުގެ ގިނަ ރައްޔިތުން ބުރުންޏަށް ހިޖުރަކުރި އިރު އެ ރައްޔިތުންނަށް ބޭނުންވާ އޯގާތެރިކަމާ ލޯބި ބުރުނީ ރައްޔިތުންގެ ފަރާތުން ވަރަށް ވެސް ފުރިހަމަ ލިބިގެން ދިޔަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެހެން ނަމަވެސް ހަނދާން ކޮށްލަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ރައްޔިތުންނަށް އެދުވަހު ބޭނުންވި ދިރިއުޅުމުގެ އަސާސީ ޚިދުމަތްތައް ކަމުގައިވާ ނިދުމުގެ އިންތިޒާމުތަކާ ކެއިން ބުއިމާ އުނު އޮރިޔާން ހިޔާ ކޮށްލަން ބޭނުންވާނެ އަންނައުނު ފަދަ ތަކެތި ރައްޔިތުންނާ ހަމައަށް އެހެން ރަށްރަށުންނާ މާލެއިން ގެންގޮސް ފޯރުކޮށް ދިނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކަމަށެވެ.
އެދުވަހު އެ މުއައްސަސާގެ ޚިދުމަތް ނުލިބުނު ނަމަ ޙާލުގައި ޖެހުނު ރައްޔިތުންނަށް އެހީ ފޯރުވުމުގައި އޭރުގެ ސަރުކާރަށް ވަރަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތި ލާން ޖެހުނީސްކަމަށާ އެދުވަހު ދުރު ގާތް ކށޯްދިން ބަޔަކީ ސަލާމަތީ ބާރުތަކުގެ ހިތްވަރު ގަދަ ފަހުލަވާނުން ކަމަށެވެ.
އެހެންކަމުން ސަލާމަތީ ބާރުތަކުގެ ބޭނުމެއް މި ޤައުމުގައި ނެތްކަމަށް ބުނެ އެ މުއައްސަސާ އިދިކޮޅު ވެރިކަމެއްގައި އުވާލާނެ ކަމަށް އެބޭފުޅުން ބުނަމުން ގެންދާއިރު، ސަލާމަތީ ބާރެއް ރާއްޖެ އަށް ބޭނުންނުވާ ޤަބޫލުކުރާ ބަޔަކު އަވަށްޓެރި ޤައުމުތަކުގެ ސިފައިން ނުވަތަ ކުލީ ސިފައިން ރާއްޖެ އައުމަށް އެންމެން ފަހުންވެސް ގޮވާލީ ކީއްވެތޯ ސުވާލުކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް އޮޅުވާލުމަކީ އަބަދުވެސް އިދކޮޅުން ކުރަމުން އަންނަ ކަމެއް ކަމަށާ އެކަންކަމަކީ އެބޭފުޅުން ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެއް ކަމަށާ މިއަދު ދިވެހި ރައްޔިތުން އެކަންކަމަށް ސަމާލުވެ ތައްޔާރަށް ތިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތތަކުން ރައްޔިތުންނަށް ކަންކަން އޮޅޭ ގޮތަށް ވާހަކަ ފަތުރަމުން ގެންދާތީ އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ތ.ބުރުނީ ރައްޔިތުން ވަނީ ރައީސް ޔާމީންކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވާ ހަނދާނީ ހަދިޔާއެއް ރައީސް އަށް ވަނީ އަރުއްވާފައެވެ. ބުރުނީ ރައްޔިތުންގެ ފަރާތުން އެހަދިޔާ ރައީސަށް އެރުއްވި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ވިލުފުއްޓަށް ވަޑައިގެން އެރަށުގެ މަގުހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރެއްވުމަށާއި، ތ. މަޑިފުއްޓަށް ވަޑައިގެން އެރަށުގެ ބިންހިއްކުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ހިއްކާފައިވާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށާއި، އެރަށުގައި ޤާއިމުކޮށްފައިފާ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ތ. ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ޤައުމުގައި ސަލާމަތީ ބާރުތައް އޮންނަން ޖެހޭކަން ހެކިދޭނެ ބަޔަކީ ބުރުންޏާ ބުރުނީ ރައްޔިތުން – ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ