ދިއްލީ ގޭންގް ރޭޕްގައި ހިމެނޭ ހަތަރު މީހުން މެރުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ދަރިވަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ނިއު ދިއްލީގެ ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ދިއްލީގެ މަގެއްގައި ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި ގްރޫޕަކުން ރޭޕްކޮށް، ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުން އަންހެން ދަރިވަރު މަރުވި ހާދިސާއާ ގުޅިގެން، އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް އިންޑިއާގައި ވަރުގަދަ މުޒާހަރާތަކެއް ކުރި އެވެ. އެކަމުގައި ބައިވެރިވި ހަތަރު މީހުން މެރުމަށް ދިއްލީގެ ޑިސްޓްރިކްޓް ކޯޓަކުން ހުކުމްކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހަތަރު މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ދިއްލީގެ ހައި ކޯޓުން މިއަދު އިއްވި ހުކުމުގައިވަނީ ދަށު ކޯޓުން އިއްވި މަރުގެ ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށެވެ. ދަށު ކޯޓާއި ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އެ ހާދިސާއަކީ "ނާދިރު ހާދިސާތަކުގެ ތެރެއިން ވެސް ނާދިރު ހާދިސާ" އެކެވެ. އެ މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ ބަންދުގައި ހުއްޓާ ދަންޖެހިގެން މަރުވެފަ އެވެ. އެކަމުގައި ކުޑަކުއްޖަކު ބައިވެރިވި ނަމަވެސް އޭނާއަށް އައީ ތިން އަހަރުގެ މުއްދަތަކަށް ކަރެކްޝަނަލް ފެސިލިޓީއަކަށްލުމުގެ ހުކުމެވެ. އެއީ އިންޑިއާގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކަށް ދެވޭނެ އެންމެ ބޮޑު އަދަބެވެ. --ޓައިމްސް އޮފް އިންޑިއާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ