ހެލްމެޓަކުން އެކަނި ފުރާނަ އަށް ރައްކަލެއް ނެތް!

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ އެކްސިޑެންޓްތަކާ ގުޅޭ ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި، ދުވާލަކު އެވްރެޖްކޮށް ހަ އެކްސިޑެންޓް ހިނގާފައިވެ އެވެ. އެ އެކްސިޑެންޓްތަކުގައި، ސީރިއަސް ޒަހަމްތަކަކާއެކު ފަސް މީހަކު މަރުވެއްޖެ އެވެ. ލިބުނު އަނިޔާތަކުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެކްސިޑެންޓްތަކުގައި، ނުކުޅެދޭ މީހުންނަށް ބަދަލުވެ، ދިރިއުޅުން ވިއްސިވިހާލިވެފައިވާ އެތައް ބަޔަކު ވެސް އެބަތިއްބެވެ. ކޮންޓްރޯލެއް ނެތި އެކްސިޑެންޓްތައް އިތުރުވެ، ގިނަ ބައެއްގެ ފުރާނަ އާއި މުދަލަށް ގެއްލުންވަމުން ދަނީ ކަންބޮޑުވާ ދަރަޖަ އަށެވެ. މައްސަލައިގެ ހައްލަށް ވިސްނަވައި، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ، ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުވާ އިސްލާހެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. ފުރަތަމަ ކިޔުން އިއްވައި، ބަހުސް މަރުހަލާގައިވާ އިސްލާހު، ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން، ފާސްވެއްޖެ ނަމަ ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މަޖުބޫރުވާނެ އެވެ. އެ އިސްލާހަކީ އެއްގޮތަކުން ބަލާއިރު، ފައިދާ ހުރި އިސްލާހަކަށްވި ނަމަވެސް އެކްސިޑެންޓްތައް ހުއްޓުވަން އޮތް އެންމެ ރަނގަޅު ހައްލަކީ ބޮލުގައި ހެލްމެޓެއް އެޅުން ހެއްޔެވެ؟ އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާ އައްޑޫގެ ވަކި ސަރަހައްދެއްގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން މިހާރު ވެސް މަޖުބޫރެވެ. އެއީ ބައެއް ސަރަހައްދުތަކުގައި 60 ކިލޯ މީޓަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނާތީ، ރައްކާތެރިކަމަށްޓަކަ އެވެ. އެކަމަކު މާލެ އާއި ގިނަ އަތޮޅުތައް އެއާ ހިލާފެވެ. ހަލަބޮލި އަދި ދުއްވަން އޮންނަ ތަންކޮޅު ކުޑަ މާލޭގައި ވެސް ދެ ފުރޮޅުލީ އުޅަނދު ދުއްވަން ހުއްދަ ދީފައިވާ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 25 ކިލޯމީޓަރެވެ. މި ސްޕީޑުގައި ދުއްވަން ނުވަތަ ކައިރި ތަންތަނަށް ދާއިރު ހެލްމެޓްގެ ތަކުލީފް އުފުލުން އެއީ މުޅި މައްސަލައަށް ބަލާއިރު ހައްލެއް ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެ އެވެ. ބަޔަކު ހެލްމެޓް އަޅައިގެން ލިންކް ރޯޑްގައި ސައިކަލް ދުއްވާފައިދާ އިރު ޓްރެފިކް ޕޮލިހުން އޮޕަރޭޝަނެއްގައި: އައްޑޫގެ ހުރިހާ މަގުތަކެއްގައި ސަައިކަލް ދުއްވާ އިރު ހެލްމެޓް އަޅާ ގޮތަށް ހަދަން ވަނީ ނިންމާފައި.---ފައިލް ފޮޓޯ އެކްސިޑެންޓަތައް ހުއްޓުވަން ހެލްމެޓް އަޅަން މަޖުބޫރުކޮށް، މީގެ އަހަރުތަކެއް ކުރިން ވެސް ސަރުކާރުން ގަވާއިދެއް ހަދައި ތަންފީޒުކުރަން އުޅުނެވެ. އެކަމަކު މާލޭގައި ދުރު ދަތުރުކުރަން ނުޖެހުމާއި އުޅަނދުތަކުގެ ތޮއްޖެހުން ބޮޑުވުމާއި އެ ނޫން ވެސް ޝަކުވާތަކާ ހުރެ، ހެލްމެޓް އަޅަން މަޖުބޫރުކުރި ކުރުން ތަންފީޒެއް ނުވި އެވެ. ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެކްސިޑެންޓްތަކުގެ ތަހުގީގުތަކާއި ޑޮކްޓަރުންގެ ރިޕޯޓްތަކަށް ބަލާއިރު މާލޭގައި ކޮންމެހެން ހެލްމެޓް އަޅަން ޖެހޭ ކަމަކަށް ފުލުހުން ގަބޫލެއް ނުކުރެ އެވެ. ޓްރެފިކް ޕޮލިސްގެ ސްޓޭޝަން އިންސްޕެކްޓަރު އަހްމަދު ނަސީމް ވިދާޅުވީ މާލޭގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު، ބައެއް ހާލަތަތްކުގައި ބޮލަށް އަނިޔާވެގެން މަރުވިއަސް މާލޭގައި ދުއްވަން ހުއްދަ އޮންނަ ސްޕީޑުގައި ދުއްވައިގެން ބޮލަށް އަނިޔާވުން ކުޑަ ކަމަށެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައި އޮތް ސްޕީޑުގައި ދުއްވަން ހެލްމެޓް އެޅުން ލާޒިމް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. "އެހެނެއް ނޫން، އައްޑޫގައި ނުވަތަ އެހެން ތަނެއްގައި ވެސް ބާރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނަ ތަންތަނުގައި ހެލްމެޓް އެޅުމަކީ މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ. "ހެލްމެޓް އަޅަން ޖެހޭއިރު، އެކަމަށް ހާއްސަ އެއްޗެއް ބޭނުންކުރުން ވެސް މުހިއްމު. އަޅުގަނޑުމެންނަށް އެބަފެނޭ، އައްޑޫ ލިންކް ރޯޑުގައި ބައެއް ބޭފުޅުން، ކޮންސްޓްރަކްޝަން ސައިޓުތަކުގައި އުޅޭއިރު ބޭނުންކުރާ ކަހަލަ ހެލްމެޓް އަޅައިގެން ދުއްވާތަން ވެސް. އެފަދަ ހެލްމެޓް ހުންނަނީ މަތިން އެއްޗެއް ބޮލަށް ވެއްޓިއްޖިއްޔާ ސަލާމަތްވާ ގޮތަށް. އެކަމު ދުއްވާއިރު ބޭނުންކުރަން ޖެހޭ ހެލްމެޓަކީ ބޮލުގެ އިތުރުން ކަނދުރާ އާއި މައިބަދައިގެ ފެށޭ ހިސާބު ވެސް ރައްކާތެރިކޮށްދޭ އެއްޗެއް." ހުރިހާ ވެސް މައްސަލަ އަކީ ބާރު ސްޕީޑުގައި ދުއްވުން! މިހާތަނަށް ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކުގެ ތަހުގީގުތަކަށް ބަލާއިރު، ފުލުހުން ބުނިގޮތުގައި، މައްސަލައަކީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށް ވުރެ ބާރަށް ވެހިކަލް ދުއްވުމެވެ. އެންމެ އެކްސިޑެންޓަތައް ގިނަ އައްޑޫ ލިންކް ރޯޑާއި މާލެ އިން ވެސް ފާހަގަވީ އެއް ސަބަބެކެވެ. އައްޑޫގެ ރަށްތައް ގުޅުވާލަދޭ، ލިންކް ރޯޑުގައި 60 ކިލޯ މީޓަރަށް ދުއްވުމުގެ ހުއްދަ އޮންނައިރު، ގިނަ އެކްސިޑެންޓްތަކުގައި، އެއަށް ވުރެ ވެސް ބާރަށް ދުއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. މާލޭގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓެއް ތަހުގީގުކުރުމުގައި ފުލުހުން ހަރަކާތްތެރިިވަނީ: އެކްސިޑެންޓަތައް ހިނގަން މެދުވެރިވާ މައިގަނޑު ސަބަބަކީ ބާރަށް ދުއްވުން ކަމަށް ފުލުހުން ބުނޭ. ---ފައިލް ފޮޓޯ ދެ ވަނަ މައްސަލައެއްގެ ގޮތުގައި ފުލުހުން ދެކެނީ، އޯވަޓޭކްކުރުމުގައި ކަނޑައަޅާފައިވާ އުސޫލްތަކާ ހިލާފަށް ދުއްވުމެވެ. އޭގެ އިތުރުން، 18 އަހަރު ނުފުރޭ ކުޑަކުދިން، ލައިސަންސް ނުނަގައި ދުއްވުމަކީ ފުލުހުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލައެކެވެ. މި އަހަރު ފުލުހުން ތަހުގީގުކުރި އެކްސިޑެންޓްތަކުގައި ލައިސަންސް ނުނަގައި ދުއްވާ ކުޑަކުދިންގެ މައްސަލަތައް ގިނަ ކަމަށް ނަސީމް ވިދާޅުވި އެވެ. "އައްޑޫގައި މި އަހަރު އެންމެ ފުރަތަމަ ހިނގި އެކްސިޑެންޓުގައި މަރުވެގެން ގޮސްފައި މި ވަނީ 18 އަހަރު ނުފުރޭ، އުމުރުން 16 އަހަރުގެ ކުއްޖެއް. އައްޑޫގައި މި އަހަރު ހިނގި މަރުގެ ދެ ވަނަ އެކްސިޑެންޓަށް ބަލާލާއިރު ވެސް، ދުއްވާފައި އައި ކާރަކުން އޯވަޓޭކްކުރަން އުޅުމުގެ ތެރޭގައި ސައިކަލް ގޮސް މި އެރީ ފާރަކަށް. އެ އެކްސިޑެންޓުގައި ދެ މީހަކު މި މަރުވީ،" އޭނާ ވިދާޅުވި އެވެ. . މާލޭގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ފުލުހުން ބުނިގޮތުގައި، ތޮއްޖެހިފައިވާ މަގުތަކުގައި ބަލާލުމެއް ނެތި ދުއްވުމެވެ. ހައްދެއް ނެތި ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު އޮވެ، މާލެ އަށް ނުކަތާ ވަރަށް ވެހިކަލް ގިނަވުމަކީ އެކްސިޑެންޓްތަކަށް މަގުފަހިވުމުގެ މައިގަނޑު ސަބަބެކެވެ. ހަރުކަށި އަދަބާއެކު ހުށަހެޅި އިސްލާހަކީ ހިތްހަމަޖެހުމެއް މަގުތަކުގައި ބައެއް މީހުން ވެހިކަލް ދުއްވާއިރު އެހެން އުޅަނދަކަށް ނުވަތަ މަގުގައި ހިނގާ މީހުންނަށް ބެލުމެއް ނޯވެ އެވެ. ނުރައްކާތެރި ގޮތްގޮތަށް ދުއްވާ މީހުންނާއި ވައްތަރު ވައްތަރަށް އޯވަޓޭކްކުރުން ނުވަތަ ބިރުން ފިތްކަނޑައިގެންދާ ވަރުގެ އަޑުފަށްގަނޑަކާ އެކު ދުއްވާއިރު އެފަދަ މީހުންނާ ދޭތެރޭ މިހާތަނަށް އެކަށީގެންވާ ފިޔަވަޅެއް ވެސް ނޭޅެ އެވެ. ސަބަބެއްގެ ގޮތުގައި ކަމާބެހޭ އިދާރާތަކުން ދައްކަނީ، ގާނޫނުގެ އިބާރާތްތައް ގެނެސްފައި ހުރި ގޮތުން އެޅޭނެ ފިޔަވަޅެއް ނެތުމެވެ. އެކަމަކު ފުލުހުން ބުނިގޮތުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައި އޮތް އިސްލާހަކީ މި ހުރިހާ ކަންބޮޑުވުންތަކަށް ވެސް އޮތް ހައްލެކެވެ. އެ އިސްލާހު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، އެކްސިޑެންޓްތައް މަދުކޮށް، ގަވާއިދާ ހިލާފުވާ މީހުންގެ އަދަދު މަދުކުރެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ. "ބާރު ސްޕީޑުގައި ދުއްވުމާއި ނުރައްކާތެރިކޮށް ދުއްވުމުގެ އިތުރުން ލައިސަންސް ނުނަގައި ދުއްވާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައި ހުރި އަދަބުތައް، މަޖިލީހަށް ހުށަހެޅި ބިލްގައި ބޮޑުކޮށްފައިވާ ކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެ ބިލުގައިވާ ގޮތުން ޖޫރިމަނާ އެކަންޏެއް ނޫން، ކުށް ތަކުރާރުކުރަންޏާ ޖިނާއީ ދައުވާ ކުރެވޭ ގޮތަށް މިހާރު އޮންނަނީ. މިއީ ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވި އެވެ. ނަސީމް ވިދާޅުވި ގޮތުގައި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުއަޅަން ޖެހޭއިރު، އަޑުގަދަކޮށް ދުއްވާ މީހުންނަށް ވެސް ފިޔަވަޅެއްގެ ގޮތުން، މިހާރު އަމަލުކުރާ ގާނޫނުގައި އޮންނަނީ ޖޫރިމަނާ ކުރުމެވެ. އެކަމަކު އެ ޖޫރިމަނާ ފައިސާ ދައްކާނެ ހަރުކަށި އުސޫލެއް ބަޔާންކޮށްފައެއް ނޯވެ އެވެ. އެހެންކަމުން އެއީ އަދަބަކަށް ނުވެ އެވެ. "ޖޫރިމަނާކުރިއަސް ގިނަ ބަޔަކު ފައިސާއެއް ނުދައްކާ. ނުދެއްކީމަ އެޅޭނެ އިތުރު ފިޔަވަޅެއް ގާނޫނުގައި ބަޔާންކޮށްފައެއް ނެތް. އެހެން ކަމަށް ވާނަމަ، ޖޫރިމަނާ އަރަމުން އަރަމުން ގޮސް އެބައުޅޭ 60،000 އިން އެއްލައްކަ އަރާފައި ތިބި މީހުން ވެސް. މި ފަރާތްތަކުން ލާރި ދައްކަން ނުޖެހޭ ކަމަށް ވަންޏާ ކުށެއް ކުރެވުނު ކަމެއް އިހްސާސެއް ނުކުރެވޭ އަސްލުގައި،" އޭނާ ވިދާޅުވި އެވެ. މޫސަ ހުށަހެޅުއްވި ބިލްގައި، އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ދުވެއްޔަށް ވުރެ ބާރަށް ދުއްވައިފި ނަމަ ކުރާ ޖޫރިމަނާ 100 ޕަސެންޓް ބޮޑުކުރަން ހިމަނާފައިވެ އެވެ. ބިލްގައި ވަނީ ފުރަތަމަ ފަހަރު 1000ރ. އިން ދެ ވަނަ ފަހަރު 1500ރ. އަދި އެއަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކަށް 2000ރ. ގެ ޖޫރިމަނާއެއް ނަގާށެވެ. އޭގެ އިތުރުން 30 ދުވަހަށް އެ އުޅަނދެއް ހިފެހެއްޓުމާއި، 90 ދުވަހަށް ލައިސަންސް ހިފެހެއްޓުން ވެސް ބިލްގައި ހިމެނެ އެވެ. މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިދާ ފަދަ ގޮތަކަށް ނުވަތަ މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް ނުވަތަ ބިރުވެރިކަން އުފުދޭ ގޮތަށް ނުވަތަ ނުރައްކާތެރި ގޮތަކަށް ވެހިކަލް ދުއްވުމަކީ ކުށެއް ކަމަށް ބިލްގައިވެ އެވެ. ހުރަވީ ބިލްޑިންގް ކައިރީގައި ސައިކަލްތައް ޕާކުކޮށްފައި: ވެހިކަލްތަކުން މަގުތައް ތޮއްޖެހުމަކީ މާލޭގައި އެކްސިޑެންޓް ހިނގަން މެދުވެރިވާ އެއް ސަބަބު: --ހަވީރު ފައިލް ފޮޓޯ އެ ގޮތަށް ދުއްވައިފި ނަމަ އެ އުޅަނދެއް 30 ދުވަހަށް ހިފެހެއްޓުމުގެ އިތުރުން، އެ ކުށް ކުރީ ފުރަތަމަ ފަހަރަށް ނަމަ 2000ރ. އިން ޖޫރިމަނާކުރުމާއި ދެ ވަނަ ފަހަރަށް ނަމަ، 3000ރ. އަދި އެއަށް ވުރެ އިތުރުވާ ކޮންމެ ފަހަރަކު 4000ރ. ގެ ޖޫރިމަނާގެ އިތުރުން ދައުވާ ކުރަން ޖެހޭނެ ކަމަށް ވެސް ބިލްގައި ބުނެ އެވެ. އެއްކޮޅަށް ދުއްވާ މަގުތަކުގައި އެއާ ހިލާފަށް ދުއްވުމާއި ޓްރެފިކް ބައްތިއާ ހިލާފަށް ދުއްވައިފި ނަމަ ލައިސަންސް 90 ދުވަހަށް ހިފަހައްޓަން ވެސް ބިލްގައިވެ އެވެ. މީގެ އިތުރުން އެހެން ބައެއް ބަދަލުތައް ވެސް ގާނޫނަށް ގެންނަން މޫސަގެ ބިލްގައި ވަނީ ހުށަހަޅާފަ އެވެ. "މިހާރު ހުށަހަޅާފައިވާ ބިލްގައިވާ ގޮތަށް، ފާސްވެއްޖެ ނަމަ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" ނަސީމް ވިދާޅުވި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކްސިޑންޓްތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު، ހަމައެކަނި ހެލްމެޓަކުން މައްސަލަ އަށް ހައްލެއް ނުހޯދޭނެ އެވެ. ހެލްމެޓް އެޅުމަކުން، ބާރު ސްޕީޑުގައި ދުއްވުން ކޮންޓްރޯލެއް ވެސް ނުވާނެ އެވެ. މައްސަލަ ހައްލު ވާނީ، ގަވާއިދާ ހިލާފުވާ ފަރާތްކަށް ހަރުކަށި އަދަބު ދީ، މަގުމަތި ޕެޓްރޯލްކުރުމުގައި ފުލުހުންގެ ހަރަކާތްތެރިވުން އިތުރުކޮށްގެންނެވެ. އަދި ދުއްވާ މީހުންނާއި ހިނގާ މީހުން ވެސް މަގުމަތީގެ ރައްކާތެރިކަމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ