ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް!

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށްފަހު މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއްވާހަކައަކީ ރިޔާސީ އިންތިހާބެއްގެ ވާހަކައެވެ. އެއީ އަވަސް އިންތިހާބެއްތޯ ނުވަތަ މިހާރުވެސް ޝެޑިއުލް ކުރެވިފައިވާ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުތޯ، މިވާހަކައެވެ. އަވަސް އިންތިހާބެއް ބޭއްވި ނަމަވެސް ނުވަތަ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބެއް ބޭއްވި ނަމަވެސް ކުރިމަތިލާންޖެހޭ ހަޤީޤަތްތަކެއް އެބަހުއްޓެވެ. އެއީ ރިޔާސީ ރޭހަށް ނިކުމެވަޑައި ގަންނަވާނެ ކެނޑިޑޭޓުންގެ ވާދަވެރިކަމުގެ ހަޤީޤަތެވެ.
އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަން މިހާރު މިވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. ހަމައެއާއި އެކު މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްވެސް ރިޔާސީ ރޭހަށް ނިކުމެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ވަނީ ފާޅުކަންބޮޑުގޮތެއްގައި ކުރައްވާފައެވެ. ޑީއާރުޕީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެކަމަށް އެޕާޓީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީ ވިދާޅުވެފައިވާއިރު ޑީއާރުޕީގެ އަސާސީ ޤަވާޢިދުގައި ބުނެފައިވާ ގޮތުގެ މަތިން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށްވާނީ ޕާޓީގެ ލީޑަރ އަހުމަދު ތަސްމީން ޢަލީއެވެ.
ދެއޮތީ ބޮޑު ސުވާލެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ކޮބައޮތޯ ކުރެވޭ ސުވާލެވެ. މިސުވާލު މިއަދު މުހިއްމުވަނީ އެމްޑީޕީއާއި ޑީއާރުޕީގެ މެމްބަރުންގެ ޢަދަދު ޕީޕީއެމްއަށްވުރެ އިތުރުވު ނަމަވެސް ރިޔާސީ ރޭހުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ވާދަވެރި ކެނޑިޑޭޓަކަށް ވާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާތީއެވެ.
ރިޔާސީ ރޭހަށް ޕީޕީއެމްއިން ނިކުންނަ ކެނޑިޑޭޓަކީ އެޕާޓީގެ ކުރިމަގު ކުރަހައިދޭނެ ކެނޑިޑެޓްކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ނަމަވެސް އަނެސްކާވެސް ކޮށްލަންޖެހޭ ސުވާލަކީ އެއިީ ކޮންބޭފުޅެއްތޯ ކުރެވޭ ސުވާލެވެ.
ބައެއް ފަރާތްތަކުން ދެކޭގޮތުގައި ޕީޕީއެމްއަށް މިއަދު ބޭނުންވަނީ ޒުވާން ޤާބިލް ރިޔާސީ ކެނޑިޑޭޓެކެވެ. ދާދިފަހުން ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި އެޕާޓީގެ ކުރީގެ ކައުންސިލް މެމްބަރު ޑރ އަހުމަދު ސައުދުވެސްވަނީ އެކަމަށް ޢިޝާރާތް ކުރައްވާފައެވެ. ސައުދު ވިދާޅުވެފައިވަނީ ޕީޕީއެމް ރިޔާސީ ރޭސް ކާމިޔާބްކުރުމަށް ބޭނުންވާނަމަ ޕީޕީއެމްގެ މުސްކުޅި ސަފް ބަދަލް ކުރަންޖެހޭކަމަށެވެ. ކުރުގޮތަކަށް ދަންނަވާނަމަ މައުމޫން ނޫން ބޭފުޅަކު ރިޔާސީ ރޭހަށް ނެރެންޖެހޭ ވާހަކައެވެ.
ނަމަވެސް މިހިޔާލާއި ދެކޮޅު މީހުންވެސް މަދެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގެ ސިޔާސީ މަޝްރަހް މިއަދު އެތުރިފައި މިއޮތްގޮތުން ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށް އެންމެ އެކަށީގެންވަނީ މައުމޫންކަމަށްވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މައުމޫން "އެނބުރި ވަޑައިގަންނަވާނެ" ތޯއެވެ. ސުވާލުގެ ޖަވާބު އެހާވެސް އުނދަގުލެވެ. ނަމަވެސް މިއީ މިހާރު ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކަށް ބަލާއިރު ދުރުކަމެކޭ ދެންނެވޭކަށްނެތެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވިދާޅުފެވައިވަނީ މި ޤާނޫނު އަސާސީގެ ދަށުން އަދި އެއްދައުރު ވެރިކަން ކުރއްވުމަކީ ބައްޕާފުޅު "މައުމޫން"ގެ ވަރަށް ބޮޑު އުއްމީދެއްކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށް އެ އުއްމީދު ހަޤީގަތަކަށް ނުވެއެވެ. ކަންމިހެން ހުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލެއްވި އަހުމަދު ޝަރީފްގެ ކެމްޕެއިން ޖަލްސާއެއްގައި ޕީޕީއެމްގެ ތަރުޖަމާން މަހްލޫފްވެސްވަނީ މިޤާނޫނު އަސާސީގެ ދަށުން ވެރިކަން ކުރެއްވުމަށް މައުމޫން ކުރައްވާ އުއްމީދުގެ ފުރުސަތު މިހާރު ހުޅިވިފައިވާކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ފަހަކަށްއައިސް ރައީސް މައުމޫން ސިޔާސީ ކަންކަމުގައި ކުރިއަށްވުރެ ބޮޑަށް މަޝްއޫލްވެ އުޅުއްވުމަކީވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ޕީޕީއެމްއިން ނިކުމެވަޑައިގަންނަވާނެ ރިޔާސީ ކެނޑިޑެޓަކީ މައުމޫންކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވެމުންދާކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ