ސޯލާ ޕެނަލްގެ ސަބަބުން މުލިއާގޭ ކަރަންޓް ބިލް ކުޑަވޭ: ރައީސް

ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ސޯލާ ޕެނަލްތައް ބެހެއްޓުމުން މުލިއާގޭ ކަރަންޓު ބިލުން 7،000ރ. އާއި 8،000ރ. ވަރު ސަލާމަތް ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ކައިމޫ ކުންފުނީގެ ހޮޓާތަކުގައި ސޯލާ ޕެނަލްތައް ބަހައްޓައި އަވިން ކަރަންޓު އުފައްދުމުގެ މަޝްރޫއެއް ފެށުމުގެ ގޮތުން މޫކައި ސުއީޓްސް ހޮޓެލްގައި އިއްޔެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މުލިއާގޭ ކަރަންޓު ބިލަށް މަހަކު އެއްލައްކަ ރުފިޔާ އަރާއިރު، މުލިއާގޭގައި ސޯލާ ޕެނަލްތަކުން 900 ކިލޯ ވޯޓަށް ވުރެ ގިނަ ކަރަންޓު އުފެއްދޭނެ ކަމަށެވެ. "މިތަނުގެ ކަރަންޓު ބިލް [މޫކައި ސުއިޓްސް] ގެ ކަރަންޓު ބިލް ލައްކަ އަކަށްވުރެ ބޮޑުވޭ. މުލިއާގޭ ކަރަންޓު ބިލާ މިތަނުގެ ކަރަންޓް ބިލާ މިއުޅެނީ ގާތްގަނޑަކަށް އެއްވަރެއްގައި. މުލިއާގޭ ކަރަންޓު ބިލަށް އެބަ އަރާ ގާތްގަނޑަކަށް އެއްލައްކަ އަށްވުރެ ބޮޑު އެއްޗެއް. މުލިއާގޭގައި ޕެނަލް ބެހެއްޓީމަ އެބަ އުފެއްދޭ 900 ކިލޯ ވޯޓަށްވުރެ ގިނަ ކަރަންޓު. ސްޓެލްކޯ އިން އަޅުގަނޑަށް ހަދައިދިން އެސެސްމަންޓެއްގައި މުލިއާގޭ ކަރަންޓު ބިލުން މަހެއްގެ މައްޗަށް 7،000ރ. އާއި 8،000 ވަރު ސަލާމަތްވޭ. އެކަމަކު މުލިއާގެ އިން ބުނާ ގޮތުގައި މި ޕެނަލްތައް ބެހެއްޓި ފަހުން ކަރަންޓު ބިލު 18،000- 20،000ރ. އާ ދެމެދުގެ އަދަދެއް ހެޔޮވެއްޖޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މުލިއާގޭގައި ސޯލާ ޕެނަލްތައް ބެހެއްޓި ނަމަވެސް ކަރަންޓު ބިލް ކުޑަވެގެން ދިޔައީ ޕެނަލްތައް ބެހެއްޓުމާ އެކު މުވައްޒަފުންގެ އަހުލާގު ވެސް ރަނގަޅުވެގެން ކަމަށް ގަބޫލު ކުރެވިދާނެ ކަމަށެވެ. "ޕެނަލްތައް ބެހެއްޓުމާ އެކީގައި އަހުލާގު ވެސް ރަނގަޅު ވީކަމަށް ބެލެވިދާނެ. ޕެނަލް ބެހެއްޓުމުން މުވައްޒަފުންނާއި އުޅުއްވާ ބޭފުޅުން ބޮކިތައް ނިއްވުން ވެސް އެއީ އޭގެ ތެރޭގައި ހިމެނޭ ކަމެއް. އަޅުގަނޑު ފާހަގަކޮށްލަން މުލިއާގެއަކީ ހަމައެކަނި އަޅުގަނޑު ނިދާ ބައެއް ނޫން. އެއާއެކު ހިމެނޭ އޮފީސް ވެސް. އަޅުގަނޑު ނިދާބައިގެ ކަރަންޓު ބިލް ވަރަށް ކުޑަވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ