ޕެރިސް ކޮންފަރެންސްގެ ނިންމުންތަކަށް އަަމަލީ ސިފަ ގެންނަން، ގާނޫނުތަކުން ލާޒިމް ކުރަން މައުމޫން ގޮވާލައްވައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، ޕެރިސް ކޮންފަރަންސްގައި އެއްބަސްވާ ކަންކަމަށް އަމަލީ ސިފަ ގެންނަން، ގައުމުތަކުގެ ގާނޫނުތަކުން ލާޒިމް ކުރުމަށް ގާނޫނު ހަދާ ފަރާތްތަކަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ގޮވާލައްވައިފި އެވެ. މައުމޫންގެ އޮފީހުން މިއަދު ބުނިގޮތުގައި އެމަނިކުފާނު އެކަމަށް ގޮވާލެއްވީ، ދަ އެނާޖީ އެންޑް ރިސޯސަސް އިންސްޓިޓިއުޓް (ޓެރީ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ދިއްލީގައި ކުރިއަށް ގެންދާ، 15 ވަނަ ދިއްލީ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ސަމިޓްގެ ތެރެއިން އިއްޔެ ބޭއްވި ހާއްސަ ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސެޝަންގެ މައުލޫއަކީ "ޓެކްލިން ކްލައިމެޓް ޗޭންޖް ބައި ލެޖިސްލޭޓާސް: ދަ ރޯޑް ޓް ޕެރިސް 2015" އެވެ. މައުމޫން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ފްރާންސްގެ ޕެރިހުގައި މި އަހަރު ބާއްވާ އދ. ގެ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވާ ކަންކަމަކީ ރަނގަޅު އަދި މުހިންމު ކަން ކަމަށް ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވެގެން ކަންކަން ކުރިއަށް ގެންދާ ކަން ޔަގީން ކުރުމުގެ ގޮތުން، އެ ކޮންފަރެންސްގައި ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް ގައުމުތަކުގެ ދައުރު ފުރިހަމައަށް އަދާކޮށްދިނުމަށް މައުމޫން އެދިވަޑައިގަތެވެ. އެގޮތަށް އެމަނިކުފާނު އެދިވަޑައިގެންނެވި ސަބަބެއް ކަމަށް މައުމޫން ވިދާޅުވީ، ކުރީގައި ވެސް އެގޮތަށް ފާސްކޮށްފައިވާ ކޮންވެންޝަންތަކާއި އެފަދަ ޖަލްސާތަކުގައި ނިންމާފައިވާ ނިންމުންތަކާއި ގައުމުތަކުން ވައުދުވެފައިވާ ކަންކަމަށް އަމަލު ކުރުމުގައި، އެކަށީގެންވާ މިންވަރެއްގައި ފުރިހަމައަށް އަމަލު ކޮށްފައިވާ ތަން ފެނިވަޑައިނުގަންނަވާތީ އެވެ. "އިއްޔެގެ ސެޝަންގައި ރައީސް މައުމޫން ފާހަގަކުރެއްވި ހާއްސަ ނުކުތާތަކުގެ ތެރޭގައި، ދުނިޔެ ހޫނުވުމުގެ މައްސަލަ އަކީ އިންތިހާ އަށް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަން ފާހަގަކޮށް، ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ މެދު ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެންމެ ފުރަތަމަ އަޑު އުފުލި އެއް ގައުމަކީ ނުވަތަ ގައުމަކީ ދިވެހި ރާއްޖެ ކަމާއި އަދި އެއީ 1987 ވަނަ އަހަރުގެ ތެރޭގައި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި 1989 ވަނަ އަހަރު ރާއްޖޭގައި ބާއްވާފައިވާ [ސްމޯލް ސްޓޭޓް ކޮންފަރެންސް އޮން ސީ ލެވެލް ރައިޒް] ކޮންފަރެންސް އަކީ މިފަދަ ގޮތަކަށް ދުނިޔޭގެ ފެންވަރުގައި ބޭއްވިގެން ދިޔަ ފުރަތަމަ ކޮންފަރެންސްކަން ވެސް ފާހަގަ ކުރައްވާފައިވެ އެވެ،" މައުމޫންގެ އޮފީހުން ބުންޏެވެ. އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އައޯސިސް) ގެ ފައުންޑާއެއްގެ ގޮތުގައި، އެ ޖަމިއްޔާ ވުޖޫދަށް ގެނައުމުގައި ވެސް ރާއްޖެއިން މުހިންމު ދައުރެއް އަދާކުރި ކަމަށް މައުމޫން ވިދާޅުވި އެވެ. މީގެ އިތުރުން 1992 ވަނަ އަހަރުގެ ރިއޯ ކޮންފަރެންސާއި 1997 ވަނަ އަހަރުގެ ކިޔޯޓޯ ކޮންފަރެންސް އަދި 2002 ވަނަ އަހަރުގެ ރިއޯ ޕްލަސް 10 ކޮންފަރެންސްގައި ރާއްޖެއިން ވަރަށް ފުރިހަމައަށް ބައިވެރިވެ، މުހިންމު ދައުރެއް އަދާކޮށްފައިވާކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ކުދި ޖަޒީރާ ގައުމުތަކަށް ކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އަދި އެފަދަ ގައުމުތަކަށް ހުރި ނުރައްކަލާއި ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން، 2004 ވަނަ އަހަރުގެ ސުނާމީ އަށް މައުމޫން ބައްލަވައިލެއްވި އެވެ. އެގޮތުން އެންމެ ތިން ގަޑިއިރުގެ ތެރޭގައި، ރާއްޖޭގެ ޖީޑީޕީގެ 60 ޕަސެންޓް ދޮވެވިގެން ގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ އެފަދަ ކާރިސާތަކުން ސަލަމާތްވުމަށްޓަކައި ކަނޑުތޮށި އުސްކޮށް، ވަރުގަދަ ކުރުމާއި ރާޅު އެރުން ހުއްޓުވުމުގެ ގޮތުން ބިން އުސްކުރުން ފަދަ ކަންކަމަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ޚަރަދުގެ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކުރެވޭނޭ ވަރުގެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ