ދިއްގަރު ދާއިރާގެ ގޮނޑި އަށް ކުރިމަތިލާން ޕީޕީއެމުން ހުޅުވާލައިފި
މިހާރު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ޕާޓީން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. ޕީޕީއެމުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޓިކެޓްގައި ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގެ ކުރިން އެ ކަމަށް އެދި ޕާޓީގެ އޮފީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ޕީޕީއެމްގެ ޓިކެޓް ދިނުމުގައި ބަލާނެ ކަންތައްތައް ވެސް އިއުލާންގައި ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތާއި ޕާޓީގެ ފިކުރު ހިފެހެއްޓި މިންވަރާއި ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެންޑިޑޭޓަށް ކެމްޕެއިން ކޮށްދީފައިވުން ހިމެނެ އެވެ. އަދި ޕާޓީ އަށް ހިދުމަތް ކޮށްދީފައިވާ މިންވަރަށް ވެސް ބަލާނެ ކަމަށް ޕީޕީއެމުން ބުންޏެވެ. ޕީޕީއެމުން ބުނި ގޮތުގައި އެ ޕާޓީގެ ފަރާތުން ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ދޭނީ 75 ޕަސެންޓް ނުވަތަ އެ އަށް ވުރެ މަތިން މާކްސް ލިބޭ މީހުންނަށެވެ. އަދި އެ މިންވަރަށް މާކްސް ލިބުނީ އެންމެ މީހަކަށް ނަމަ، އެ މީހަކަށް ޓިކެޓް ދޭނެ ކަމަށް ޕީޕީއެމުން ބުންޏެވެ. އަދި 75 ޕަސެންޓަށް ވުރެ މަތިން އެކަކަށް ވުރެ ގިނަ މީހުންނަށް މާކްސް ލިބިއްޖެ ނަމަ، ކެންޑިޑޭޓް ކަނޑައަޅާނީ ޕްރައިމަރީއަކުންނެވެ. އަދި 75 ޕަސެންޓަށް ވުރެ މަތިން އެއްވެސް މީހަކަށް މާކްސް ނުލިބިއްޖެ ނަމަ، ނުވަތަ ވަގުތު ނެތް ނަމަ، ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގެ ޕީޕީއެމްގެ ޓިކެޓް ދޭނެ މީހަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން މިދިޔަ ހޯމަދުވަހު ހުކުމް ކުރުުންނެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ އަންނަ ޖޫން 13ގަ އެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެޕްލިކޭޝަން ފޯމް ދޫކުރުމާއި ބަލައިގަތުން އަންނަ ބުދަ ދުވަހުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާ ހަމަ އަށް އިލެކްޝަންސް ކޮމިޝަންގައި ކުރިއަށް ގެންދާނެ އެވެ. ދިއްގަރު ދާއިރާގެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ދެ ބޭފުޅެކެވެ. އެއީ މ. އަތޮޅު ކައުންސިލްގެ ރައީސް އަދި ޕީޕީއެމްގެ މެމްބަރު މޫސާ ނަސީރާއި އަދާލަތު ޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ޒާހިރެވެ. މީގެ ތެރެއިން އަލީ ޒާހިރަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅަކަށް ވާއިރު، އެމްޑީޕީ/އަދާލަތުން ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކުން އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ