މިނިސްޓަރު އަހުމަދު މުހައްމަދު ޑީއާރުޕީން ވަކިވެވަޑައިގެންފި

ހިތްހަމަ ނުޖެހުންތަކަކާ ހުރެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު އޭނާ ނިސްބަތްވާ، ޕާޓީ ޑީއާރުޕީން މިއަދު ވަކިވެވަޑައިގެންފި އެވެ. އެ ޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވާ އަހުމަދު މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި އޭނާ ޑީއާރުޕީން ވަކިވެވަޑައިގަންނަވަނީ ޑީއާރުޕީ އުފެއްދި މަގުސަދާ ހިލާފަށް އެ ޕާޓީން މި ފަހަކަށް އައިސް އަމަލުކުރަމުން އަންނާތީ ކަމަށެވެ. އަދި ޑީއާރުޕީން ނިންމަންޖެހޭ ބައެއް ނިންމުންތައް ކައުންސިލުން ނިންމުމުގެ ބަދަލުގައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ޕާޓީގެ ތެރޭގައި ކަންތައްތަކެއް ހިނގަމުން ދާ ކަމަށް އަހުމަދު ވިދާޅުވި އެވެ. ޑީއާރުޕީއަކީ މިހާރު އޭނާގެ ފިކުރާ އެއްގޮތް ޕާޓީއެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ. "ގަބޫލެއް ނުކުރެވުނު އަލުން އިންތިހާބު ބޭއްވުމަށް ނިންމީމައި ވެސް، ރައީސް ނަޝީދަށް ތާއީދުކުރަން ކައުންސިލުން ނިންމި ގޮތަށް، ކައުންސިލްގައި މަޝްވަރާނުކޮށް ރައީސް ނަޝީދަށް ތާއީދުކުރަން ނިންމެވިދާނެ ކަމަކަށް. ކައުންސިލުން ރައީސް ވަހީދަށް ތާއީދުކުރަން ނިންމީ ވެސް، ނަޝީދަށް ތާއީދުކުރަން ނިންމީ ވެސް. އެކަމަކު މި ފެންނަނީ ކައުންސިލްގެ ބޭނުމެއް ނެތްތަން. އެހެންވީމާ އެ ޕާޓީގައި ހުރުމުގެ ބޭނުމެއް ނެތް. މިހެންވީމާ ޕާޓީގެ މަގުސަދު ހާސިލްވުމަކުން ނުދޭ،" އަހުމަދު ވިދާޅުވި އެވެ. އަހުމަދު މިއަދު ވަނީ އެ ޕާޓީގެ ލީޑަރު ތަސްމީން އަލީ އަށް އޭނާ ޕާޓީން ވަކިވިކަން އަންގަވައިފަ އެވެ. އަހުމަދު ވިދާޅުވީ އެހެން ޕާޓީއަކާ ގުޅުމުގެ ވިސްނުމެއް ވަރަށް ބޮޑަށް ގެންގުޅުއްވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޑީއާރްޕީން އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދުކުރުމަށް ނިންމުމާ އެކު، އަހްމަދު މުހައްމަދު ވަނީ އެ ކަމާ ދެކޮޅު ހައްދަވައި ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަން ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ