ޕޮލިހަށް ހާޒިރުކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށް ބުނެ ހިންގާ ޖިނާއީ ތަހުގީގަކަށް: އަސްވާޑު
ފުލުސް އޮފީހަށް މިރޭ ހާޒިރުކޮށް، ސުވާލުކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ތުހުމަތުކޮށް ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކަށް ބަޔާން ނެގުމަށް ކަމަށް ރާއްޖެ ޓީވީގެ ނިއުސް ހެޑް، އިބްރާހިމް ވަހީދު (އަސްވާޑު) ބުނެފި އެވެ. ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔައި ރާއްޖެ ޓީވީން ގެނެސްދިން ރިޕޯޓެއްގެ މައްސަލަ ތަހުގީގު ކުރުމަށް އެ ކޯޓުން ކުރި އަމުރަކާ ގުޅިގެން ފުލުސް އޮފީހަށް ބަޔާން ދިނުމަށް މިރޭ 8:00 ގައި އަސްވާޑު ހާޒިރުކުރި ނަމަވެސް އޭނާ ބޭނުންކުރީ ހަނު ހުރުމުގެ ހައްގެވެ. ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު އަސްވާޑު ބުނީ ރާއްޖެ ޓީވީން ފޮނުވި ރިޕޯޓަކާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގުކުރާއިރު، އެ ބާރު ގާނޫނުން ދީފައި ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ކަމަށް ފުލުހުން ކައިރީގައި ބުނި ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ ބެލުމުގެ ބާރު ފުލުހުންގެ މުއައްސަސާ އަށް ލިބޭ ކަމަށް ފުލުހުން ވަނީ އަސްވާޑު ކައިރީގައި ބުނެފަ އެވެ. "ފުލުހުން ބުނަނީ އެ މައްސަލަ އަކީ ފުލުހުންނަށް ބެލޭނެ މައްސަލައެއް ކަމަށް. އެކަމުގައި ހިތްހަމަނުޖެހުމެއް އޮތް ނަމަ ޕޮލިސް އިންޓަގްރިޓީ އާއި އެޗްއާރުސީއެމަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް،" އަސްވާޑު ބުންޏެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަސްވާޑު ހާޒިރުކުރީ ފުލުހުންނަށް ހުށަހަޅައި ބަލަމުންދާ ރާއްޖެ ޓީވީއާ ގުޅޭ މައްސަލައެއްގެ ތަހުގީގަށެވެ. ތަހުގީގު ކުރިއަށްދާތީ ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި ފުލުހުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގު ކުރުމަށް ސުޕްރީމް ކޯޓުން ހުށަހަޅާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ރިޕޯޓެއްގެ މައްސަލަ އެވެ. އެ ރިޕޯޓުގައި ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު އޮތީ ލޫތުގެފާނުގެ ބާގައިގެ އަހުލުވެރިން ދިރިއުޅުނު ސަދޫމްގެ ހާލަތާ އެއް ފެންވަރުގެ ދަށު ދަރަޖައިގެ ހާލަތެއްގައި ކަމަށް ސިފަކޮށްފައިވާ ކަމަށްވެ އެވެ. އެ ރިޕޯޓުގެ މައްސަލަ ތަހުގީގުކުރަން ސުޕްރީމް ކޯޓުން ފުލުހުންނަށް އެންގުމުން އެކަމާ ކަންބޮޑުވުންފާޅުކޮށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފައި ވަނީ މީޑިއާގެ މިނިވަންކަމާ ގުޅުން ހުރި މައްސަލައެއް ފުލުހުން ބަލަމުންދާ ނަމަ އެކަން ވެގެން ދާނީ ރާއްޖޭގައި އުފެދިފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށެވެ. އަދި އެއީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދާނެ ކަމެއް ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފަ އެވެ. އެ ކައުންސިލުން ބުނީ ވަނީ މީޑިއާގައި ފަތުރާ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާތަކާ މެދު ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ލިބިފައިވާ ދެ މުއައްސަސާއަކީ އެ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށެވެ. ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލަ އަނބުރާ ގެންދިއުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ