ފުރަތަމަ އިންތިފާޟާ ފެށިފަހުން ފަލަސްތީނުގެ 308،000 ރައްޔިތުން ސަޚްޔޫނީން ހައްޔަރުކޮށްފައިވޭ: ރިޕޯރޓް

ޔާހޫދީންގެ އަތްދަށުން މުސްލިމުންގެ މުޤައްދަސް ބިން މިނިވަންކުރުމަށްޓަކައި 1987 ވަނަ އަހަރުގެ ޑިސެމްބަރ 8 ވަނަ ދުވަހު ފެށުނު އިންތިފާޟާއަށް ފަހުގައި ސަޚްޔޫނީ ހައްދުފަހަނަ އެޅި ޖަމާއަތުން ފަލަސްތީނުގެ 308،000 ރައްޔިތުން ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެފިއެވެ.ފުރަތަމަ އިންތިފާޟާއަށް 27 އަހަރު ފުރުމާއި ގުޅިގެން، ފަލަސްތީނުގެ އަސީރުންނާއި ބެހޭ މަރުކަޒުން އާއްމު ކުރި ރިޕޯރޓާއި ހަވާލާދީ މީޑިއާއިން ހާމަކޮށްފައިވަނީ، އިންތިފާޟާއާއި ގުޅިގެން ހައްޔަރުކުރި ބައެއް އަސީރުން ސަޚްޔޫނީންގެ ޖަލުތަކުގައި އެތައް އަހަރުތަކެއް ވަންދެން ހައްޔަރުކޮށްފައި ތިބި ކަމަށާއި ބައެއް މީހުން ދުވަސްތަކެއް ފަހުން ދޫކޮށްލާ ކަމަށެވެ. އަދި 1987 ގައި ހައްޔަރުކުރި އަސީރުންގެ ތެރެއިން 30 މީހަކު މިހާރުވެސް ސަޚްޔޫނީންގެ ޖަލުތަކުގައި ބަންދުކޮށްފައި އެބަތިބި ކަމަށާއި ފުރަތަމަ އިންތިފާޟާގައި ހައްޔަރުކުރި އަސީރުންނާއިމެދު ޔަހޫދީން އަމަލުކޮށްފައިވަނީ ވަރަށްވެސް އިހާނެތިކޮށް ކަމަށެވެ.ފުރަތަމަ އިންތިފާޟާ ހިނގަން މެދުވެރިވީ، ޔަހޫދީއަކު ދުއްވި ޓްރަކަކުން ޖައްސާ ފަލަސްޠީނުގެ ޖަބަލިއްޔާ ކޭމްޕްގައި އުޅުނު 4 މުސްލިމުން ޝަހީދުކޮށްލި ހިސާބުންނެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު އިޒްރޭލުގެ ސިފައިންގެ މީހަކު ދިން ހަމަލާއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލުމާ ގުޅިގެން އިންތިފާޟާގެ ހަރަކާތްތައް އިންތިހާއަށް އިތުރުވިއެވެ. އިންތިފާޟާގެ ހަރަކާތްތައް ފެށުނު އިރު، ލީޑް ކުރާނެ ބަޔަކު ނެތް ނަމަވެސް ފަހުން މި ހަރަކާތް ލީޑް ކޮށްފައިވަނީ ‘ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަނުން’ނެވެ. ފުރަތަމަ އިންތިފާޟާގެ ހަރަކާތްތައް 6 އަހަރުވާންދެން ކުރިޔަށް ގެންދިޔައެވެ.ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ފެށިފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ގައެވެ. މި އިންތިފާޟާއަށް ‘އަލް އަޤްޞާ އިންތިފާޟާ’ގެ ނަމުންވެސް މުހާޠަބު ކުރެވެއެވެ. އަލް އަޤްޞާ އިންތިފާޟާ ފެށިގެން އައީ، އިޒްރޭލުގެ އޭރުގެ ބޮޑު ވަޒީރު، އެރިއެލް ޝެރޯން އޫރު ސަލީމުގައި ހުންނަ، އަލް ޝަރުމުލް ޝަރީފަށް (ޓެމްޕުލް މައުންޓް) ދިޔުމުންނެވެ.ފަލަސްޠީނުގެ ތިންވަނަ އިންތިފާޟާ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ