ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު ކޯޓުގެ ހުރުމަތް ނަގާލާފައިވާ ކަމަށް ބުނެ އެ މައްސަލަ ތަހުގީގު ކުރުމަށް ޖިނާއީ ކޯޓުން ޕޮލިހަށް ހުށަހަޅ

މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް، އަސްލަމް ޝާކިރު ކޯޓުގެ ހުރުމަތް ނަގާލާފައިވާ ކަމަށް ބުނެ އޭނާގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމަށް އެދި ޖިނާއީ ކޯޓުން ޕޮލިހަށް މައްސަލަ ހުށަހަޅައިފި އެވެ.
ޖިނާއީ ކޯޓުން މިއަދު ބުނީ ޖުލައި 15 ވަނަ ދުވަހުގެ ރޭ ވީޓީވީ އިން ދެއްކި "ހަވަރުބެރު" ޕްރޮގްރާމްގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް، އެމަނިކުފާނަކީ "ކުޑަކުދިންނާ ބެހޭ ވަރަށް ނުރައްކާތެރި މީހެއް" ކަމަށް ވިދާޅުވެ އަސްލަމް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި ކޯޓުތަކުގެ ގާޒީންނާއި ޝަރުއީ ދާއިރާއާ މެދު ނުބައި ތަސައްވުރެއް ދެއްވަން އޭނާ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ޖިނާއީ ކޯޓުން ބުނީ އޭނާ އެގޮތަށް ވިދާޅުވެ ކޯޓުގެ ހުރުމަތް ނަގާލައްވާފައިވާތީ އެ މައްސަލަ ތަހުގީކޮށްދެއްވުމަށް ފުލުހުންނަށް ހުށަހެޅީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ ސްޓޭޓް މިނިސްޓަރު އަސްލަމްގެ މައްޗަށް ތަހުގީގެއް ކޮށްދިނުމަށް ޖިނާއީ ކޯޓުން ހުށަހަޅާފައިވާ ކަމަށާއި މި ވަގުތަށް ބުނެވެން އޮތީ އެ މައްސަލައިގެ ތަހުގީގު ފަށާފައިވާކަން އެކަނި ކަމަށެވެ.
"އެނޫން ވާހަކައެއް ދެންނެވޭކަށެއް އަދި ނެތް،" އޮފިޝަލު ވިދާޅުވި އެވެ.
ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވައިދުގެ ހަތަރު ވަނަ މާއްދާގައި ބުނަނީ، ބުނާ ބުނުމަކުން ނުވަތަ ލިޔާ ލިޔުމަކުން ނުވަތަ ކުރާ އިޝާރާތަކުން ނުވަތަ ފެންނަ ގޮތަށް ކުރާ ހަރަކާތަކުން ނުވަތަ އެނޫން ވެސް ގޮތަކުން ކޯޓު ތެރޭގައި ނުވަތަ ކޯޓުން ބޭރުގައި ވިޔަސް ކޯޓަށް ރައްދުވާ ގޮތަށް ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.
އެ މާއްދާގެ އެއް ވަނަ ނަމްބަރުގައި ބުނަނީ ކޯޓާ ބެހޭ ގޮތުން ނުބައި ތަސައްވުރެއް ދިނުން ނުވަތަ ދޭން މަސައްކަތް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ. އަދި އެ މާއްދާގެ އަށް ވަނަ ނަމްބަރުގައި ބުނަނީ ކޯޓަށް ނުވަތަ ފަނޑިޔާރަކަށް ނުވަތަ ކޯޓުގެ މުއައްޒަފަކަށް އިހާނަތްތެރިވާ ފަދަ ބަހެއް ބުނުމާއި އަމަލެއް ކުރުން އެއީ ވެސް ކޯޓުގެ ހުރުމަތް ނަގާލުން ކަމަށެވެ.
ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ބޯޑުގެ އެސިސްޓެންޓް ޕްރޮޖެކްޓް ކޯޑިނޭޓަރުގެ މަގާމުގައި ހުންނަވަނިކޮށް އަސްލަމް ޝާކިރު، މިނިސްޓަ އޮފް ސްޓޭޓް ފޯ ހައުސިން ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓްގެ މަގާމަށް ހަމަޖެއްސެވީ މިދިއަ ނޮވެމްބަރު މަހު އެވެ. އޭނާއަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ