ރާއްޖޭގެ ގައުމީ އެއާލައިންގެ ގޮތުގައި ހިންގި އެއާ މޯލްޑިވްސްގެ މައްސަލައިގައި މެލޭޝިޔަން ހެލިކޮޕްޓާ ސާވިސަސް ބަރްހާދާ (ބީއެޗްޑީ) ދެމެދު އުފެދިފައިވާ ހިލާފްތައް ހައްލުކޮށް ކޯޓުން ބޭރުގައި މި މަހުގެ 14 ގައި އެ މައްސަލަ ނިންމައިފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މައްސަލަތައް ހައްލުކޮށް ދެ ފަރާތުން ދެ ފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވެސް އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެއާ މޯލްޑިވްސްއާ ދެކޮޅަށް އެހެން ފަރާތަކުން ދައުވާއެއް ހުށަހެޅި ނަމަވެސް ގާނޫނީ ގޮތުން ކުރަންޖެހޭ ހަރަދުގެ ވަކި އަދަދަކާ ބީއެޗްޑީ އިން ހަވާލުވާނެ ކަމަށް އެއްބަސްވެފައިވާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ އެއާ މޯލްޑިވްސް ހިންގުން 2000 ވަނަ އަހަރު ހުއްޓާލި އިރު އެކި ފަރާތްތަކަށް 90 މިލިއަން ޑޮލަރު ދައްކަންޖެހިފައިވާ ކަމަށާއި މި މައްސަލަ ހައްލުވުމުން ދަރަނީގެ ތެރެއިން 35.55 މިލިއަން ޑޮލަރު އުނިވީ ކަމަށެވެ. އަދި އޭގެ ސަބަބުން ބާކީ ހުރި ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ނޫސް ބަޔާނުގައިވެ އެވެ.
ކުންފުނި ބަނގުރޫޓުވެފައި ވަނީ ބީއެޗްޑީން އެއާ މޯލްޑިވްސް މެނޭޖް ކުރި ގޮތުން ކަމަށް ބުނެ ބީއެޗްޑީގެ ފަރާތުން 43.6 ހޯދުމަށް ސިންގަޕޫރުގައި ހުންނަ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް އެއާ މޯލްޑިވްސް އިން ހުށަހަޅާފައިވެ އެވެ. އަދި 35.5 މިލިއަން ޑޮލަރު ހޯދުމަށް އެއާ މޯލްޑިވްސްއާ ދެކޮޅަށް ބީއެޗްޑީން ވަނީ މެލޭޝިއާގެ ހައި ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ބަންޑާރަ ނައިބުގެ ނައިބު އަބްދުﷲ މުއިއްޒު ވިދާޅުވީ އެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުނުވި ނަމަ އެއާ މޯލްޑިވްސް އިން ގިނަ އަދަދެއްގެ ފައިސާތަކެއް ދައްކަންޖެހުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އަދި އެކަމުން ސަލާމަތްވުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއާ މޯލްޑިވްސްގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ