އެމްއެމްއޭގައި ފައިސާ ގެލެރީއެއް ހުޅުވައިފި

އިހު ޒަމަނުގައި ރާއްޖޭގައި ބޭނުން ކުރަމުން ދިޔަ ފައިސާއާއި މިހާރު ބޭނުން ކުރަމުން އަންނަ ފައިސާ ފެންނާނެހެން ފައިސާ ގެލެރީއެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ ގައި ހުޅުވައިފިއެވެ.
މި ގެލެރީ ހުޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. މި ގެލެރީއަކީ މިއަދު ކުރިއަށް ދިޔަ އެމްއެމްއޭގެ 38 ވަނަ އަހަރީ ދުވަސް ފުރުމާއި ގުޅިގެން ހުޅުވާފައިވާ ގެލެރީއެކެވެ.
މި ރަސްމިއްޔާތުގައި ގަވާރނަރ އަޙްމަދު ނަސީރު ވިދާޅުވީ މި ގެލެރީގައި ފެންނަން ހުންނާނީ ޒަމާނުއްސުރެ ދިވެހި ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ފައިސާ ކަމުގައެވެ. އަދި މި ގެލެރީގެ ސަބަބުން ދިވެހިންނަށާއި ފަތުރުވެރިންނަށް ރާއްޖޭގައި ބޭނުން ކޮށްފައިވާ އަދި ކުރަމުން އަންނަ ފައިސާގެ ގިނަ މައުލޫމާތު ތަކެއް ލިބިގެން ދާނެ ކަމަށްވެސް ގަވަރުނަރު ވިދާޅުވިއެވެ.
"އެމްއެމްއޭގެ އިމާރަތް ހެދުމަށް ޕްލޭންކުރެވިގެން ދިޔަދިޔުމުގައިވެސް އެމްއެމްއޭގައި ކަރަންސީ ގެލަރީ އެއް ހުޅުވުމުގެ ވިސްނުން ގެންގެޅެފައިވޭ. މިއަދު އެކަން ހަގީގަތަކަށްވުމަކީ އަޅުގަނޑަށް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް" ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވިއެވެ.
އެމްއެމްއޭގައި ހުޅުވާފައިވާ ފައިސާ ގެލެރީ ގައި ބާރަސަތޭކަ ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ރާއްޖޭގައި ބޭނުންކޮށްފައިވާ ފައިސާ ދައްކާލުމަށް ވަނީ ބަހައްޓާފައެވެ.
މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ކުރީގެ ގަވަރނަރ ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ
ކަރަންސީ ގެލެރީ ހުޅުވާފައި ހުންނާނީ ހަފްތާ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 މެންދުރުފަހު 2:00 ޖެހުމާއި ހަމައަށް ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ