ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019ގެ މީޑިއާ ދާއިރާގެ އެވޯޑް ކުޅަދާނަ ހުށައެޅުންތެރިޔާ ނައުހާ އިބްރާހިމަށް ލިބިއްޖެއެވެ.
13 އަހަރު މީޑިއާގައި ޚިދުމަތްކުރައްވާފައިވާ ނައުހާއަށް މި އެވޯޑް އަރުވާފައިވަނީ ވިމް އެވޯޑްސް ދިނުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. މީޑިއާގެ ދާއިރާގެ ގިނަ ބޭފުޅުންނާއި ވާދަކޮށް ނައުހާ މި މި އެވޯޑް އުފުލާލާފައިވާއިރު، ނައުހާ ފާހަގަކުރެވިފައިވަނީ މީޑިއާގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެއްގެ ގޮތުގައެވެ.
މީޑިއާގެ ދާއިރާގައި ހޭދަކުރެއްވި 13 އަހަރު ދުވަހު، ނައުހާ ވަނީ ދައުލަތުގެ މީޑިއާ ޓީވީއެމްއާއި ރާއްޖެ ޓީވީގައި މަސައްކަތް ކުރައްވާފައެވެ.
ނައުހާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުޅަދާނަ ހުށައެޅުންތެރިއެއްގެ ގޮތުގައެވެ. މިވޭތިވެދިޔަ ދިގު މުއްދަތުގައި ނައުހާ ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލް ބައެއް ޝޯތައް ހުށައަޅައިދީފައެވެ. އެކިއެކި ހަފްލާތައް އިނގިރޭސި އަދި ދިވެހިބަހުންވެސް ނައުހާ ހުށައަޅައިދީފައިވެއެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލް "ފިލްމީ އުދަރެސް"ގެ 100ވުރެ އެޕިސޯޑް ނައުހާ ވަނީ ހޯސްޓްކުރައްވާފައެވެ. އަދި ޓީވީއެމްގައި ހޭދަކުރެއްވި 8 އަހަރު ދުވަހުގެ ތެރޭގައި ޓީވީއެމުން އުފައްދާ ގެނެސްދިން އެހެން ބައެއް ޕްރަގްރާމްތައްވެސް ނައުހާ ވަނީ ހުށައަޅައިދީފައެވެ.
މީގެ އިތުރުން ރާއްޖެ ޓީވީގައި ނައުހާ ވަނީ ޚަބަރު ކިޔުމުގެ އިތުރުން ސިޔާސީ ބައެއް ޕްރަގްރާމްތައްވެސް ހުށައަޅައިދީފައެވެ. އަދި ރާއްޖޭގައި ބޭއްވުނު ސިޔާސީ ބޮޑެތި އެއްވުންތައް ކަވަރުކޮށް، ނޫސްވެރިއެއްގެ ހައިސިއްޔަތުން އެ އެއްވުންތަކުގެ މަންޒަރުތަކާއި އަޑުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ނޫސްވެރިއަކީވެސް ނައުހާއެވެ.
އެގޮތުން 2012ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 6،7،8ގައި ރާއްޖޭގައި ހިނގާދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި، 2015ވަނަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހު ބޭއްވި މޭޑޭގެ ބޮޑު އެއްވުން ކަވަރުކުރުމުގައި ރާއްޖޭގެ ޓީވީން އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީވެސް ނައުހާއެވެ. މި ނޫންވެސް ވަރަށް ގިނަ އެއްވުންތަކާއި މުޒާހަރާތައްވެސް ކަވަރުކުރުމުގައި ނައުހާ ހަރަކާތްތެރިވެފައިވެއެވެ.
ހުށައެޅުންތެރިކަމުގައި މިހާތަނަށް ދިވެހި އެއްވެސް ހުށައެޅުންތެރިއަކަށް ނުލިބޭ ބައެއް ފުރުސަތުތައްވެސް ނައުހާއަށް ވަނީ ލިބިގެންގޮސްފައެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ބޭއްވުނު ބައެއް ޝޯތައް ނައުހާ ވަނީ ހުށައަޅައިދީފައެވެ. މީގެ އިތުރުން ސަލްމާންޚާންއާއެކު ޚާއްސަ ޑޮކިއުމަންޓަރީއެއް ހެދުމަށް ނައުހާއަށް ލިބުނު ފުރުސަތުވެސް ފާހަގަކޮށްލެވެއެވެ.
އަދި މިހާތަނަށް ރާއްޖެއިން ބޭރުގެ މަޝްހޫރު ވަރަށް ގިނަ ތަރިންނާވެސް ނައުހާ ވަނީ އިންޓަވިއުކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ބޮލީވުޑްގެ މަޝްހޫރު ތަރިން ފާހަގަކޮށްލެވެއެވެ. މިއީވެސް ރާއްޖޭގެ ހުށައެޅުންތެރިއަކަށް މިހާތަނަށް ލިބިފައިނުވާފަދަ ރަނުގެ ފުރުސަތުތަކެކެވެ. މިއިން ކޮންމެ ފުރުސަތެއްގައި ނައުހާ ވަނީ އެއީ ގާބިލް، ހުނަރުވެރި ހުށައެޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ.
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019ގެ މީޑިއާ ދާއިރާގެ އެވޯޑް ލިބުމާއި ގުޅިގެން "ވީނިއުސް" އާއި ވާހަކަދައްކަވަމުން ނައުހާ ވިދާޅުވީ މިއީ ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިހާތަނަށްވެސް މި ދާއިރާއިން ކުދިން ބިނާކުުރުމަށް ކުރަމުން އައި މަސައްކަތަށް އިތުރު ހިތްވަރެއް މި އެވޯޑްގެ ސަބަބުން ލިބިގެންގޮސްފައިވާކަމަށެވެ. ނައުހާ ވިދާޅުވީ އުންމީދަކީ އަދިވެސް މީޑިއާގެ ދާއިރާއަށް އިތުރަށް ޚިދުމަތްކުރުމާއި، މި ދާއިރާއިން ލިބިފައިވާ އިލްމަކާއި، މައުލޫމާތެއް އެހެން މީހުންނާއި ހިއްސާކުރުންކަމަށެވެ.
"އެވޯޑް ލިބުމަކީ ލިބުނު ހިތްވަރެއް. ޚާއްސަކޮށް އަންހެނުންނަށް ޚާއްސަ އެވޯޑަކަށް މި އެވޯޑްވުމަކީ އިތުރު ޝަރަފެއްކަމަށް ދެކެން. އަޅުގަނޑު މި ފުރުސަތުގައި ޝުކުރު ދަންނަވާލަން ބޭނުން މި އެވޯޑްގެ ކަންކަން އިންތިޒާމުކުރުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް" ނައުހާ ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއިންވެސް ރަންވަނަތަކެއް ހާސިލްކުރައްވާގައިވާ ނައުހާ މަތީ ތައުލީމް ހާސިލްކުރެއްވީ ޔޫކޭގެ މިޑްލް ސެކްސް ޔުނިވަރސިޓީ (ކޮލަންބޯ) އިން ބެޗިލާސް އޮފް އާޓްސް އިން ބިޒްނަސް މެނޭޖްމަންޓް އަދި ބެޗިލާސް އިން ހިއުމަން ރިސޯސަސް ކޮލަމްބޯގެ އައިސީބީޓީ އިންނެވެ.
މީގެ އިތުރުން ޕްރެޒެންޓިންގ ދާއިރާގައި އެންމެ ގިނަ ބައެއްގެ ލޯބި ނައުހާ ހޯދާފައިވަނީ ހެދުން އެޅުމާއި، އިސްތަށިގަނޑަށް ގެންނަ ތަފާތު ބަދަލުތަކުންނެވެ. ނައުހާ ފާހަގަކުރެވިފައިވަނީ ވަރަށް އަމިއްލަ ވަންތަ ގޮތަކަށް ހެދުން އަޅާ ހުށައެޅުންތެރިއެއްގެ ގޮތުގައެވެ. އަދި އޭނާގެ އިސްތަށިގަނޑަށްވެސް ކޮންމެ ހުށައެޅުމާއި ގުޅޭގޮތުން ބަދަލު ގެނެއެވެ. މިއީ އާންމުކޮށް ރާއްޖެއިން ބޭރުގެ ހުށައެޅުންތެރިންނާއި، ފަންނާނުންގެ ކިބައިން ފެންނަމުންދާކަމެއް ނަމަވެސް، ރާއްޖޭގައި އެކަންކަމަށް އެންމެ ސަމާލުކަންދޭ ހުށައެޅުންތެރިއަކީ ނައުހާއެވެ. މިއީ ބެލުންތެރިންވެސް ވަރަށް ބޮޑަށް ފާހަގަކުރާކަމެކެވެ.
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019ގެ މީޑިއާ ދާއިރާގެ އެވޯޑް ނައުހާއަށް ލިބިފައިވާއިރު، މީގެ ކުރިންވެސް މީޑިއާގައި ކޮށްފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ނައުހާއަށް ވަނީ އެވޯޑާއި ހަނދާނީ ލިޔުން ލިބިފައެވެ.
ނައުހާގެ މި ކާމިޔާބީއަށް "ވީމީޑިއާ"އިން ހޫނު މަރުހަބާއެއްކިޔަމެވެ. އަދި ނައުހާއަށް އިތުރު ކާމިޔާބީއަށް އެދެމެވެ
ނައުހާއަށް ޝަރަފުވެރި އެވޯޑެއް: ވިމެން އެވޯޑްސްގައި މީޑިއާ ދާއިރާގެ އެވޯޑް މިފަހަރު ނައޫއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ