މަޖިލީހުގައި ތިބެން ޖެހެނީ ގައުމަށް ވަފާތެރި ، ރައްޔިތުންގެ ޝުއޫރުތައް އެނގޭ ބައެއް: މައުމޫން

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަން ޖެހެނީ ގައުމަށް ވަފާތެރި ، ރައްޔިތުންގެ ޝުއޫރުތައް އެނގޭ، އުއްމީދުތައް ހާސިލްކޮށްދޭނެ ބައެއް ކަމުގައި  ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހެންވޭރު އުތުރު ދާއިރާއަށް ރައީސް މައުމޫންގެ ތާއިދާއެކު ވާދަ ކުރައްވާ އިބްރާހިމް ޒިޔަތުގެ ކެމްޕެއިން ލޯންޗުކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކޮރަޕްޝަނުން ރާއްޖެ ސަލާމަތްކޮށް އިސްލާހުގެ މަގަށް ރާއްޖެ ގެންދިޔުމަކީ އަމާޒު ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ ތަނެއް ކަމަށާއި، އެހެންކަމުން އެ ތަނުގައި ތިއްބަވަން ޖެހެނީ ގައުމަށް ވަފާތެރި އިޚްލާސްތެރި ބައެއް ކަމަށެވެ. ރައްޔިތުންގެ ޝުއޫރުތައް އެނގޭ، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ބައެއް ކަމަށެވެ.
”އެފަދަ މަޖިލީހެއް ގާއިމުކުރުމަކީ އެމްއާރްއެމްގެ އެންމެ ބޮޑު އަމާޒު، އެކަމަށްޓަކައި އަޅުގަނޑުމެންގެ ތާއިދާއެކު ވާދަ ކުރައްވާ ހުރިހާ ކެންޑިޑޭޓުން އެ އުޅުއްވަނީ،“ ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ 87 ގޮނޑިއަށް ވެސް ހޮވަން ބޭނުން ވަނީ ވަފާތެރި މެންބަރުން ކަމަށެވެ. އެއީ އެމްއާރްއެމްގެ މެންބަރުންނަށް ނުވި ކަމުގައިވިޔަސް އެމަނިކުފާނު ބޭނުންފުޅު ވަނީ އެއީ ކޯލިޝަންގެ ހަތަރު ޕާޓީއިން ކުރެ ކޮންމެ ވެސް ޕާޓީއެއްގެ މެންބަރުންނަށްވުން ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ