އިންޑިއާ ޓޫރިސްޓް ރާއްޖޭގައި މަރުވުމުގައި އިހުމާލެއް ނެތް: އެއިމްސް

ހަނީމޫނަށް ރާއްޖޭގެ ރިސޯޓަކަށް އައިސް އުޅެނިކޮށް 2016 ވަނަ އަހަރު މަރުވި އިންޑިއާ ފިރިހެން މީހާގެ މަރުގައި އިހުމާލެއް ނެތް ކަމަށާއި އެއީ ގުދުރަތީ މަރެއް ކަމަށް އެ މައްސަލަ އަލުން ބެލި އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އިން އިންޑިއާގެ ހައި ކޯޓުގައި ބުނެފި އެވެ.
އެ މީހާ މަރުވީ ކާނާ ވިހަވެގެން، އޭނާ ހުރި ވިލު ރީފް ރިސޯޓްގެ ޑޮކްޓަރަށް ދެއްކުމުން ދިން ބޭސްތަކެއްގެ ސަބަބުން ކަމަށާއި އެ ޑޮކްޓަރު އިހުމާލުވެފައިވާ ކަމަށް އާއިލާ އިން ވަނީ ތުހުމަތުކޮށްފަ އެވެ. ނަމަވެސް ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދި ޖޭޖޭ ހޮސްޕިޓަލުން ވެސް ނިންމީ އެއީ ގުދުރަތީ މަރެއް ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންކުރި ވިސެރާ ސާމްޕަލްސް (ހިތާއި ކިޑްނީ ފަދަ އެތެރެ ހަށީގެ މުހިންމު ގުނަވަންތަކުގެ ސާމްޕަލް) މިހާރު ގެއްލިފައިވާ ކަމަށާއި ހުރީ ހަމައެކަނި ޓިޝޫ ސާމްޕަލްތައް ކަމަށް މަހާރަޝްތުރާގެ ސަރަހައްދީ ސަރުކާރުން ކޯޓަށް އެންގުމުން އަލުން ތަހުލީލުކުރަން ހައި ކޯޓުން އެއިމްސް އަށް އަމުރުކުރި އެވެ.
ކޯޓު އަމުރަށް އެއިމްސް އިން އެކުލަވައިލި އަށް މެންބަރުންގެ ބޯޑުގެ ރިޕޯޓް ފަނޑިޔާރުންނަށް ވަނީ ހުށަހަޅައިފަ އެވެ. އޭގައި ބުނެފައި ވަނީ މަރުވި މީހާގެ "ހައިޕަޓްރިގްލައިސެރިޑީމިއާ" ހުރި ކަމަށެވެ. އެއީ ލޭގައި މަތީ މިންވަރަކަށް ފެޓް ހުރުމެވެ. ބޯޑުގެ އަށް މެންބަރުން އިއްތިފާގުވެފައި ވަނީ އެ މީހާ މަރުވީ "ސެރެބްރޯ ޕްލުމޮނަރީ އެޑީމާ" ގެ ސަބަބުން ކަމަށެވެ. މިއީ ލޭމައްޗަށް ދިއުމުން "ހާޓް ފެއިލް" ވުމާ ދާދި އެއް ހާލަތެކެވެ.
ބޯޑުގެ ރިޕޯޓްގައި، ރާއްޖޭގެ ރިސޯޓްތަކުގައި ސިއްހީ ހިދުމަތް ދިނުން ހަރުދަނާކުރަންޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
މަރުވި މީހާގެ ބައްޕަ ތުހުމަތުކުރާ ގޮތުގައި އޭނާގެ ދަރިފުޅުގެ ޕޯސްޓް މޯޓަމް އެންމެ ފުރަތަމަ ހެދި ޖޭޖޭ ހޮސްޕިޓަލުން އެކަން ކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށެވެ. އަދި އެތަނުން ދޫކުރި ރިޕޯޓަކީ ވެސް ހަގީގަތާ އެއްގޮތަށް ހަދާފައިވާ ރިޕޯޓެއް ނޫން ކަމަށް ތުހުމަތުކުރެ އެވެ.
އޭނާ ބުނަނީ ކާނާ ވިހަވެގެން ޑޮކްޓަރަށް ދެއްކުމުން ދިނީ ބަނޑުގެ މައްސަލަތަކަށް ދޭ ބޭސްތަކެއް ކަމަށާއި އެއް ވަގުތެއްގައި ބޭނުންކޮށްގެން ނުވާނެ ބޭސްތަކެއް އެއްފަހަރާ ދިން ކަމަށެވެ. މީގެ އިތުރުން، ބޭސް ދިނީ މަރުވި މީހާގެ މެޑިކަލް ހިސްޓްރީ ވެސް އޮޅުން ނުފިލުވާ ކަމަށާއި ލޭގެ ޕްރެޝަރު މައްޗަށް ދާން ފެށުމުން ވެސް އިމަޖެންސީގައި އެއްވެސް ފަރުވާއެއް ދީފައި ނުވާ ކަމަށް ތުހުމަތުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ