ސިފްކޯ ފްލެޓްތައް މި އަހަރު ނިމޭނެ: ރައީސް ސޯލިހު

ކުރީގެ ރައީސް ޔާމީންގެ ޒަޢާމަތުގައި ސިފައިންނަށް ޙާއްސަކޮށްގެން އަޅަން ފަށާފައިވާ ސިފްކޯ ފްލެޓްތަކުގެ މަސައްކަތް މި އަހަރު ނިންމައި، ދިރިއުޅެވޭ ވަރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.ސިފައިންގެ 127ވަނަ  އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ސިފައިންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށާއި މިއަހަރު ތެރޭގައޮި ފްލެޓްތައް ނިމި ސިފައިންނަށް ދިރިއުޅެވޭ ވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ ޗުއްޓީ އާއި އެލެވެންސްތައް ރަނގަޅު ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ތާނގައި ސިފައިންނަށް ދޭ ސިއްޙީ ޚިދުމަތް ރަނގަޅު ކުރުމަށް މިހާރު ކްލިނިކެއްގެ ގޮތުގައި ހިންގާ ސެނެހިޔާ ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން މަސް ތެރޭގައި ސެނެހިޔާ ހޮސްޕިޓަލަކަށް ހަދައި އާ ހިދުމަތްތައް ދޭން ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސިފައިންގެ ޚިދުމަތްތައް ރަނަގޅު ކުރުމަށް ކޯސްޓްގާޑަށް ބޭނުންވާ ބަނދަރަކާއި ޑޮކްޔާޑެއް ގާއިމް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އަދި ސިފައިން އިތުރަށް ގާބިލް ކުރުމަށްޓަކައި ތަމްރީނު ފުރުސަތުތައް އަވަށްޓެރި ގައުމުތަކުން ހޯދުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ސޯލިހު އެފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި އެގައުމުގެ ސިފައިންނަށް ރައީސް ސޯލިހު އިތުބާރު ކުރެއްވުމަކީ ރާއްޖޭގެ އަސްކަރިއްޔާއަށް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ