ހެކި ނެތުމުން ދާންދޫ ކައުންސިލް ރައީސަށް ދައުވާ ނުކުރަން ނިންމައިފި

ގއ. ދާންދޫގައި ފުލުހުން ހިންގަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރިކަމުގެ ތުހުމަތުގައި ތަހުގީގު ހިންގުމަށްފަހު ހެކި ނެތުމުން ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައިފިއެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަންގެ މައުލޫމާތު ލީކުކުރި ކަމުގެ ތުހުމަތު ފުލުހުން އާސިފް ހިމެނޭ ގޮތަށް އިތުރު ބައެއް ފޯނު ހިފަހަައްޓާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެ މައްސަލައާ ގުޅިގެން ޑިސެމްބަރު 22 ވަނަ ދުވަހު ފުލުހުން ދޫކޮށްފައިވާ 'މައްސަލަ ނިމުނު ގޮތުގެ ލިޔުން'ގައި ބުނެފައިވަނީ، އާސިފްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދައުވާކުރެވޭވަރަށް ހެކި ޤަރީނާ ލިބިފައިނުވާތީ މައްސަލަ ފައިލް ކުރެވިފައިވާކަމަށެވެ.
މިމައްސަލައިގައި އާސިފްގެ ވަކީލެއްގެ ގޮތުން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ހަރަކާތްތެރިވިއިރު، މުހުތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދާންދޫ ދާއިރާގެ ސިޔާސީ ބާރުގަދަ ފަރާތެއްގެ ނުފޫޒު ފޯރުވުމާ އެކު ދާންދޫ ރައީސްގެ މައްޗަށް ކުރެވުނީ އަސާސެއްނެތް ތުހުމަތެއް ކަމުގައި އޭރުވެސް އާސިފް ވިދާޅުވި ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބު ކުރައްވާފައި ތިއްބަވާ ފަރާތްތަކާއި ދޭތެރޭ މިގޮތަށް ކަންކަންކުރުން ބަލައިގަންނަން ދަތި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ