ތާޑް ޕާޓީ އިންޝުއަރެންސް ނަގަން ރައްޔިތުން ކިޔޫގައި

ތާރޑް ޕާޓީ އިންޝުއަރެންސް ނަގަން ދުވާލެއްގެ މައްޗަށް އަށްސަތޭކައާ އެއްހާހާ ގާތްކުރާ އަދަދަކަށް މީހުން އަންނަމުންދާ ކަމަށް ކުންފުނިތަކުން ބުނެފިއެވެ.
ވީނިއުސްއަށް މައުލޫމާތުދެއްވަމުން ތާރޑު ޕާޓީ އިންޝުއަރެންސް ކުރަމުން ގެންދާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ އަމާނާ ޓަކާފުލް ކޮމްޕެނީން ބުނީ ތާޑް ޕާޓީ އިންޝުއަރެންސަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިމަހުގެ އެގާރަ ވަނަ ދުވަހަށް ހަމަވާއިރު ވަރަށް ގިނަ ފަރާތްތަކަކުން އެކުންފުނިތަކުން އިންޝުއަރ ނަގަމުންދާ ކަމަށެވެ.
އެގޮތުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މޮޓޯ އިންޝުއަރެންސް މެނޭޖަރ އަހުމަދު ޝާބިގު ވިދާޅުވީ، އެކުންފުނީގެ އިންޝުއަރ ނެގުމަށް ދުވާލެއްގެ މަައްޗަށް އެއްހާސް މީހުން އަންނަ ކަމަށެވެ.
އަދި މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ބާރަހާހަށްވުރެ ގިނަ މީހުން އެކުންފުނީގެ އިންޝުއަރ ނަގާފައިވާ ކަމަށް ޝާބިގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސަށް ރަޖިސްޓްރީ ކުރަން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދާ ރޯޑް ޝޯވްގައި ރެއެއްގެ މައްޗަށް 250 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރާ ކަމަށާއި އެސްޓީއޯ ޓްރޭޑް ސެންޓަރުގައި އިންޝުއަރެންސަށް ރަޖިސްޓްރީ ކުރަން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 450 ފަރާތުން ރަޖިސްޓްރީކުރާ ކަމަށެވެ.
އެލައިޑުންވަނީ މިމަހުގެ އެގާރަ ވަނަ ދުވަހަކީ އިންޝުއަރ ކުރުމުގެ އެންމެ ފަހު ދުވަސް ކަމުން އެދުވަހަށް މަޑުނުކޮށް ހުރިހާ ފަރާތްތަކުންވެސް ވެހިކަލްތައް އިންޝުއަރކޮށްނިންމާލުމަށް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުންވެސް އެލައިޑް އިންޝުއަރެންސުން ބުނީ އަތޮޅުތެރޭގައި ތިއްބަވައިގެން އިންޝުއަރ ކުރުމަށް އޮންލައިން ޕޯޓަލްއެއް ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ތައާރަފުކުރާނެ ކަމަށެވެ.
ތާރޑް ޕާޓީ އިންޝުއަރރެންސް ކޮށްދެމުންދާ އަމާނާ ޓަކަފުލް މޯލްޑިވްސްގެ ސީނިއަރ ސޭލްސް އެގްޒެކްޓިވް އަބުދުﷲ މުރުޝިދު ވިދާޅުވީ، ތާރޑް ޕާޓީ އިންޝުއަރެންސް ނެގުމަށް އެކުންފުންޏަށް ދުވާލަކު އަށްސަތޭކައާ ފައްސަތޭކައާ ދެމެދުގެ އަދަދަކަށް މީހުން އަންނަމުންދާ ކަމަށާއި އިންޝުއަރ ކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހައަކަށް މިހާރު އަމާނާ ޓަކަފުލްގެ އޮފީސް ހެނދުނު އަށަކުން ރޭގަނޑު ދިހައަކަށް ހުޅުވިފައި ހުންނާނެ ކަމަށެވެ.
ރާއްޖޭގައި ފަންސާސް ފަސްހާހާއި ގާތްކުރާ އަދަދަކަށް ވެހިކަލް ގެންގުޅޭއިރު މިފަހަރުގެ މިމުއްދަތުގައި ތިންބައިކުޅަ ދެބައި ވެހިކަލްތައް ރަޖިސްޓްރީ ކުރާނެ ކަމަށް ބެލެވޭ ކަމަށް އިންޝުއަރެންސް ވިއްކާ ކުންފުނިތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ