އެންމެ ބޮޑު އަނިޔާއެއް ލިބޭ ވިޔަފާރިވެރިޔަކީ ގާސިމް: އަމީން
ސަރުކާރުން އެންމެ ބޮޑަށް އަނިޔާ ދެމުންދާ ވިޔަފާރިވެރިޔަކީ ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހިމް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އިދިކޮޅު ފަރާތްތަކުން އުފެއްދި ގުޅުމުގެ ފުރަތަމަ ނިއުސް ކޮންފަރެންސްގައި އަމީން ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް "އިންތިހާ ދަރަޖައަށް ނޭދެވޭ ގޮތްތައް [ސަރުކާރުން] ދަނީ ހަދަމުން" ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ އާއި އަދާލަތު ބައިވެރިވާ މި ގުޅުމުގައި ގާސިމްގެ ޖުމްހޫރީ ޕާޓީން ރަސްމީކޮށް ބައިވެރިނުވީ އަމީން ވިދާޅުވި ގޮތުގައި، އެފަދަ ކަމެއްގައި ބައިވެރިވުމަކީ ގާސިމްގެ އަމިއްލަ މަސްލަހަތަށް ޕާޓީ ބޭނުންކުރާ ކަން މީހުންނަށް ގަބޫލު ކުރެވިދާނެތީ އެވެ. އަމީން އިޝާރާތް އެ ކުރެއްވީ، ވިލާ ގްރޫޕާއެކު ސަރުކާރުން ހަދާފައިވާ ސެޓްލްމެންޓް އެގްރީމެންޓް ބާތިލުކޮށް، ރަށްތަކާއި ފަޅުތައް އަތުލުމާއި ނުހެދި ހުރި ރަށްތަކުގެ ކުއްޔަށް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހޯދަން މީރާ އިން ނޯޓިސް ފޮނުވުމުގެ އިތުރުން، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތުތަކުން ސަރުކާރުގެ އިސްވެރިންތަކެއް އަވަހާރަކޮށް ވިލާއިން ފަންޑްކުރާ ކަމަށް ކުރާ ތުހުމަތަށެވެ. މި ހާލަތަށް ކަންކަން ދިއުމުން، އަމީން ވިދާޅުވީ "ގާސިމަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރަން ފަރުދީ ގޮތުން ވެސް [އެ ބޭފުޅުން] ޒިންމާ އުފުލަން އެބަޖެހޭ" ކަމަށެވެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ގުޅުމުގައި އެ ޕާޓީގެ އިސްވެރިން ބައިވެރިވަނީ ފަރުދީ ގޮތުންނެވެ. "ޖުމްހޫރީ ޕާޓީގެ ހާލަތަށް ބަލާއިރު ވިޔަފާރިވެރިންގެ ތެރެއިން އެންމެ ބޮޑު އަނިޔާއެއް، ސަރުކާރުން އަމާޒު ކުރައްވާފައިވަނީ ގާސިމަށް،" އަމީން ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ މަނިކުފާނުގެ ރިޔާސަތުގައި ޖުމްހޫރީ ޕާޓީން ބާއްވާ ޖަލްސާއެއްގެ ދަށުން، އެ މަނިކުފާނުގެ ހައްގުގައި ޖުމްހޫރީ ޕީޓީން ނުކުމެގެން ވަކި ގޮތެއް ނިންމަން އެޖެންޑާކޮށްގެން ގެންދިއުމަކީ ފަސޭހަ ކަމެއް ނުވެ ހިނގައިދާނެ." ރާއްޖޭގައި އަނިޔާވެރިކަން ކޮޅުންލާފައިވާ ކަމަށާއި ސަރުކާރުގެ މިސްރާބު ހުރީ އެއް ޕާޓީ ނިޒާމެއް އަނެއްކާ ވެސް ގެނައުމަށް ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިއަދު ކުރިމަތިލާން ޖެހިފައި މިވަނީ ކުރިއަށް ވުރެ ވެސް، އަނިޔާވެރިކަމާ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އުފެއްދި ގުޅުމުގެ ފުރަތަމަ ޖަލްސާ މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާނެ އެވެ. އެއަށް ފަހު، އެ ގުޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ