އާއިލާގެ މަސްލަހަތަށްޓަކައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުން އަލުން ރައީސަމަށް ވާދަކުރައްވާނެ ކަމަށް އިބްރާހިމް ހުސައިން ޒަކީ ރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫނުގެ ކެބިނެޓުގައި ދިގު މުއްދަތެއްގައި އުޅުއްވި ޒަކީ ވިދާޅުވީ 30 އަހަރު ވަންދެން މައުމޫން ވެރިކަން ހިންގެވީ އަދި މިހާރު ޕީޕީއެމް ހިންގަވަމުން ގެންދަވަނީ އެމަނިކުފާނުގެ އާއިލާ ކަމަށްވާ ކާމިނީގޭ އާއިލާ އާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އާއިލާ ކަމަށްވާ އެންދެރިމާގޭ އާއިލާ އަށް ހަމަހަމަވާ ގޮތަށް ކަމަށެވެ. އެ ނޫން ގޮތަކަށް ޕީޕީއެމް ހިންގަވާ ނަމަ އަދި އެއް ފަރާތެއްގެ އާއިލާގެ ބޭފުޅަކު ރައީސް ކަމަށް ނުކުންނަވައިފި ނަމަ އަނެއް އާއިލާ، މައުމޫނާއި ޕީޕީއެމް ދޫކޮށްލާނެ ކަމަށް ރޭ ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުގައި ޒަކީ ވިދާޅުވި އެވެ.
"ތިރީސް އަހަރު ސަރުކާރު ހިންގެވީ ދެ އާއިލާއެއްގެ މެދުގައި ހަމަހަމަކަން ގެންގުޅުއްވައިގެން. ޕީޕީއެމްގައި ވެސް ހަމަ ގެންގުޅުއްވަނީ މި އުސޫލުން. ކާމިނީގެ އާއިލާ އާއި އެންދެރިމާގޭ އާއިލާއާ މި ދެ އާއިލާގެ ބެލެންސް ގެންގުޅުންވުން،" ޒަކީ ވިދާޅުވި އެވެ.
ޕީޕީއެމްގެ ފުރަތަމަ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ކަމަށް ކުރިމަތިލެއްވުމާ މެދު އަދި ވަކި ގޮތެއް ނިންމަވާ، އިއުލާނެއް ނުކުރައްވަ އެވެ.
ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކެންޑިޑޭޓަކު ކަނޑައަޅަނީ އެކަމަށް ބާއްވާ ޚާއްސަ ޕްރައިމަރީއެއްގަ އެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް މައުމޫން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިޔާސީ މަސްރަހުގައި ކަންތައްތައް ބަދަލުވަމުން އަންނަ ގޮތަކުން ރައީސް ކަމަށް ކުރިމަތިލައްވަފާނެ ކަމަށެވެ.
އާއިލީ މަސްލަހަތަށްޓަކައި މައުމޫން އަލުން ވެރިކަމަށް ވާދަކުރައްވާނެ: ޒަކީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ