އިންގިލާބެއް ގެނެސް މިހާރުގެ ވެރިކަން ވައްޓާލަން އެމްޑީޕީގެ ގައުމީ މަޖިލިހުން ނިންމުމަކީ ވެސް ގާނޫނާ ޚިލާފު ކަމެއް ކަމަށާއި އިންގިލާބަކުން ވެރިކަން ވައްޓައިނުލެވޭނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނިއުސް ކޮންފަރެންސްގައި މައުމޫން ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި އެ ހިސާބުން ކުށްވެރިވެފައިވާ ކަމަށެވެ.
"އެއްވެސް ގައުމެއްގައި ސަރުކާރު މަގުމަތިން ބަދަލުކުރުމަކީ އެ ގައުމުގެ ގާނޫނު އަސާސީ ހުއްދަކުރާނެ ކަމެއް ނޫން. އެމެރިކާގައި ވެސް އިނގިރޭސި ވިލާތުގައި ވެސް ފަރަންސޭސި ވިލާތުގައި ވެސް އިންޑިއާގައި ވެސް އެއްވެސް ތަނެއްގަ. އެހެންވީމާ އެ ދައްކަވަނީ ވަރަށް ގޯސް ވާހަކައެއް. ހަގީގަތުގައި އެ ހިސާބުން އެ ތިބީ ކުށްވެރިވެފައި،" މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަން ހާމަކުރެއްވުމަށް ފަހު މައުމޫން ވިދާޅުވީ ގާނޫނާ ހިލާފު ކަމެއް ކުރާނެ ކަމަށް ބުނުމުން ފިޔަވަޅު ވެސް އެޅެން ވާނެ ކަމަށެވެ. އަދި އިންގިލާބެއްގެ ވާހަކައަކީ ދެއްކިގެން ވާނެ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެއީ "ދެއްކުމުން ކުށްވެރި ވެސް ވާނެ ވާހަކައެއް،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފެބްރުއަރީ 7 ގައި ވެސް މަގުމަތިން ސަރުކާރު ބަދަލުކުރީކީ ނޫން ކަމަށާއި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.
"އޭނާ ތާކަށް ގެންގޮސްފަ ބަނދެފަ މަޖުބޫރުން ކުރިވީކީ ނޫން. އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި އަމިއްލަފުޅަށް ޓީވީ ކުރިމަތީގައި ރައްޔިތުން ކުރިމަތީގައި ތިމަންނަ އިސްތިއުފާ ދެއްވައިފީމޭ، އިސްތިއުފާ ދެއްވަނީ މިވެނި ސަބަބަކަށްޓަކައޭ ވިދާޅުވެފައި ގެއަށް ވަޑައިގެން ހުންނެވީ. އެއީކީ މަގުމަތިން ސަރުކާރު ބަދަލުކުރުމެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
ކުރިން ޑީއާރުޕީގައި ތިއްބެވި ބައެއް ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހުރި ގޮތަށް ބަލާއިރު ވެސް އިންގިލާބެއް ގެނައުމަށް "އެއްވެސް ވަސީލަތެއް ވެސް، އެއްވެސް ފުރުސަތެއް ވެސް" ނެތް ކަމަށެވެ.
އިންގިލާބު ގެންނަން އެމްޑީޕީން ނިންމުމަކީ ގާނޫނާ ޚިލާފު ކަމެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ