އެއާޕޯޓްގެ ޓާމިނަލްގެ ބޭރުގައި ސްވެންސެންސްގެ އައުޓްލެޓެއް ހުޅުވައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި "ސްވެންސެންސް"ގެ އައިސްކްރީމް ވިއްކާ އިތުރު އައުޓްލެޓެއް މިއަދު ހެނދުނު ހުޅުވައިފި އެވެ.
އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ އާއި މައިނާ އިންޓަނޭޝަނަލް ގުޅިގެން އެއާޕޯޓުގައި ސްވެންސެންސްގެ އައިސްކްރީމް އައުޓްލެޓް ހުޅުވީ އިންޓަނޭޝަނަލް ޓާމިނަލްގައި ކުރިން މޫވެން ޕިކް ހުރި ތަނުގެ ކުރިމަތީގަ އެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓުގައި އަލަށް ސްވެންސެންސް ހުޅުވި ތަނުގައި ކަސްޓަމަރުންނަށް އިށީނދެގެން ތިބެވޭ ގޮތަށް ގޮނޑި ވެސް ބަހައްޓާނެ ކަމަށެވެ.
"އެއާޕޯޓުގައި ސްވެންސެންސްގެ އިތުރު އައުޓްލެޓެއް ހުޅުވީ އަންނަ މީހުންނަށް ފަސޭހައިން އައިސް ކްރީމް ލިބޭނެ ގޮތް ހަމަޖެއްސުމަށް. މީގެ ކުރިން ވެސް ޑޮމެސްޓިކްގަ އާއި އިންޓަނޭޝަނަލް ޑިޕާޗާގައި ވަނީ ސްވެންސެންސްގެ އައުޓްލެޓް ހުޅުވާފައި،" އޭނާ ވިދާޅުވި އެވެ.
ސްވެންސެންސް އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އައިސް ކްރީމް ރެސްޓޯރަންޓް ހިންގާ އެމެރިކާގެ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނީގެ 300 އަށް ވުރެ ގިނަ ފްރެންޗައިސް އައުޓްލެޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވެ އެވެ.
އެމްއޭސީއެލް އިން ބުނީ އެއާޕޯޓުގައި ތައި ފުޑް ވިއްކާ މަޝްހޫރު ތައި އެކްސް ޕްރެސްގެ ރެސްޓޯރަންޓެއް އަންނަ ޖޫން މަހުގެ ތެރޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ