ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމުގެ އަމުރެއް ނެރެ، ގާސިމް އިބްރާހިމްގެ ވަކީލުންނާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2017 ވަނަ ދުވަހުގެ 21:34 ގައިކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
އާއިލާއިން މިކަން ހާމަކޮށްފައިވަނީ އާއިލާގެ ފަރާތުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
2 ޖުލައި 2017 ދުވަހު އަމަލުކުރަންފެށި ޖިނާއީ އިޖުރާއަތުގެ ގާނޫންގެ ދަށުން މީހެއްގެ މައްޗަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވާނަމަ އެކަން ވީ އެންމެ އަވަހަކަށް އެމީހަކަށް އަންގަންޖެހޭނެކަން ފާހަަގަކުރައްވާ ގާސިމް އިބްރާހިމްގެ އާއިލާގެ ބަޔާނުގައި ބުނެފައިވަނީ ގާސިމް އިބްރާހިމް އިބްރާހިމްގެ މައްޗަށް ފުރުން މަނާކޮށް އަމުރެއް ނެރެފައިވާކަން ކޯޓުން އަންގާފައިނުވާތީ، ބޭސްފަރުވާއަށް ފުރާވަޑައިގަތުމަށް 16 ޖުލައި 2017 ވަނަ ދުވަހުުގެ 20:00 ގައި އެއާޕޯޓަށް ވަޑައިގަތުމުން އިމިގުރޭޝަންއިން އެމަނިކުފާނަށް އަންގާފައިވަނީ އެދުވަހުގެ މެންދުރުން ފެށިގެން ފުރުންމަނާކުރެވިފައިވާތީ ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ނުދެވޭނެކަމަށެވެ.
ނަމަވެސް ކޯޓް އަމުރެއް ލިބިފައިވާކަމުގެ އެއްވެސް ލިޔުމެއް ނުވަތަ އެފަދަ ކޯޓް އަމުރެއްގެ ކޮޕީއެއް އިމިގުރޭޝަންއިން ގާސިމް އިބްރާހިމަށް ދައްކާފައިނުވާކަން އާއިލާގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކްރިމިނަލް ކޯޓުން ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމުގެ އަމުރެއް ނެރެ، ގާސިމް އިބްރާހިމްގެ ވަކީލުންނާއި ހަވާލުކޮށްފައިވަނީ 16 ޖުލައި 2017 ވަނަ ދުވަހުގެ 21:34 ގައިކަމަށެވެ.
ބޭސްފަރުވާ ކުރެއްވުމަށް ގާސިމް އިބްރާހިމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު ނުދެއްވުމުން އެއާޕޯޓުން އެމަނިކުފާނު ވަނީ ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައެވެ. އަދި އެމަނިކުފާނުގެ ސިއްހީ ހާލަތު ސީރިއަސްކަމުން ޑޮކްޓަރުން ފަރުވާ ދެއްވަމުން ގެންދަވަނީ ހޮސްޕިޓަލްގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ)ގައި ބާއްވައިގެންނެވެ.
ގާސިމް އިބްރާހިމް ފުރުން މަނާކޮށް އަމުރު ނެރުނު ގޮތާއިމެދު ސުވާލު އުފެދިފައިވާއިރު، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ގާނޫން އަސާސީއާއި ޚިލާފަށްކަމަށް ގާނޫނީ ބައެއް ވަކީލުން ވަނީ ވިދާޅުވެފައެވެ.
ގާނޫނީ ވަކީލު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވީ ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފެހެއްޓީ ޖިނާއީ އިޖްރާތުގެ ގާނޫނާއި، ގާނޫން އަސާސީއާއިވެސް ޚިލާފަށްކަމަށެވެ.
ގާސިމް އިބްރާހިމް ފުރުން މަނާކޮށް އަމުރު ނެރުނު ގޮތާއިމެދު ސުވާލު އުފެދިފައިވާއިރު ކޮންމެ މީހެއްގެވެސް ޕާސްޕޯޓް ހިފެހެއްޓޭނީ ގާނޫންގައިވާގޮތަށް ކަމަށާ، މީހަކު ބުނެގެން ގާނޫނާއި ޚިލާފަށް ކަމެއް ކުރިޔަސް ކަންކުރި މީހާ ކުށްވެރިވާނެ ކަމަށް ކުރީގެ ވަޒީރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، މިސަރުކާރުން ވަނީ އިދިކޮޅު ސިޔާސީ އެތައް ބޭފުޅުންނެއްގެ ޕާސްޕޯޓް ހިފަހައްޓާފައެވެ.
މީގެ ކުރިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޕާސްޕޯޓް ހިފަހައްޓައި އެމަނިކުފާނު އާދޭސް ދެންނެވުމުންވެސް ރާއްޖެއިން ބޭރަށް ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ވަނީ ދެކޮޅު ހަދާފައެވެ.
މީގެ އިތުރަށް މިސަރުކާރުން ވަނީ ވާދަވެރި އެތައް ސިޔާސީ ލީޑަރުންނެއްގެ ޕާސްޕޯޓް ކެންސަލް ވެސް ކޮށްފައެވެ.
ގާސިމް އިބްރާހިމް ފުރުން މަނާކޮށް އަމުރު ނެރުނު ގޮތާއިމެދު ސުވާލު އުފެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ