އެއް ޤައުމަކަށް ނުވަތަ އެއް ސަރަހައްދަކަށް ވިޔަސް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ނަމަ، މުޅި އިސްލާމީ އުންމަތް އެކުގައި ރޯދަ ހިފަން ފަށަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ސިލްސިލާގައި، މި އަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމްގައި މިރޭ ތަޤްރީރު ކުރައްވަމުން، ރައީސް މައުމޫން ވިދާޅުވީ، ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިން ފިޔަވާ އެހެން މަޒްހަބުތަކުގެ ޢިލްމުވެރިން ވިދާޅުވެފައި ވަނީ އެއް ތަނަކަށް ރަމަޟާން މަހުގެ ހަނދު ފެނިއްޖެ ނަމަ، އެހެން ތަންތަނުގެ މީހުންވެސް ރޯދަ ހިފަން ޖެހޭނެ ކަމަށެވެ.
"ކީރިތި ޤުރްއާނުގައި ވަނީ، ރަމަޟާން މަހުގައި ހާޟިރުވެ ތިބި މީހުން ރޯދަ ހިފާށޭ. ރަސޫލާގެ ހަދީޘްގައި ވެސް އޮންނަނީ، ތިޔަބައިމީހުން ހަނދު ފެނުމުން ރޯދައަށް ތިބޭށޭ، އަދި ޝައްވާލް މަހުގެ ހަނދު ފެނުމުން ރޯދަ ހިފުން ހުއްޓާލާށޭ. އެހެން އަންގަވާފައިވާ އޮންނަ އޮތުމުގައި ވެސް މުޚާޠަބު ކޮށްފައި ވަނީ މުޅި އުންމަތަށް. މުޅި އިސްލާމީ އުންމަތަށް އެކީގައި. އެހެންވީމާ އުންމަތުގެ އެއް ތާކަށް ފެނުނީމާ މުޅި އުންމަތަށް ފެނުނީ ކަމަށް ބަލަން ޖެހޭނެ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ކުރީ ޒަމާނުގައި ރާއްޖޭގައި ވެސް، ދެރަށެއްގެ އަހުލުވެރިން ތަފާތު ދުވަހެއްގައި ރޯދަ ހިފައި އުޅޭ ކަމަށާއި، އެއީ މުވާސަލާތުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އަދި ބޭރުގެ އިސްލާމީ ޤައުމުތަކަށް ވެސް ދިމާވެފައި ވަނީ މިހެން ކަމަށެވެ.
"މިހާރަކު އެހެނެއް ނުވޭ. މިހާރު މުވާސަލާތުގެ ގޮތުން މާ ކުރިޔަށް ހިނގައްޖެ. ކުރީ ޒަމާނުގައި އިސްލާމީ ޤައުމުތަކުގައި މިހެން އޮތަސް، މިހާރު މި ކަން ވަރަށް ބޮޑަށް ޙައްލު ވެއްޖެ. އެއް ތަނަކަށް ހަނދު ފެނިއްޖެ ނަމަ އެހެން ތަންތަނަށް އެނގޭ. މިހާރު ވަގުތުން އިނގޭތީ މި މައްސަލަ ވަރަށް ބޮޑަށް ހައްލު ކުރެވޭ ހިސާބަށް ގޮސްފި." ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް މައުމޫން ވިދާޅުވީ، ގިނަ ޢިލްމުވެރިން ވިދާޅުވަނީ، ފަލަކީ ހިސާބުތަކަށް އެކަނި ބަލައިގެން ރޯދަ ހިފަން ފަށައިގެން ނުވާނެ ކަމަށެވެ.
"ހަދީސްފުޅެއްގައި ވޭ، ތިޔަައިމީހުންނަށް ވިލާ ބޯވެގެން ހަނދު ނުފެނިއްޖެ ނަމަ ޝައުބާން މަހުގެ 30 ދުވަސް ހަމަކުރާށޭ. ދެން ކޮންމެހެން އިތުރަކަށް ކަމެއް ވާކަށް ނުޖެހޭ. ލޮލަށް ހަނދު ނުފެނިއްޖިއްޔާ ހަނދު ނުފެނުނީ." މައުމޫން ވިދާޅުވި އެވެ.
ނަމަވެސް ރައީސް މައުމޫން ވިދާޅުވީ، މި ދަލީލުގައި،ހަނދު ހަމަލޮލަށް ފެންނަން ޖެހޭނެ ކަމަށް ހާމަ ކުރައްވާފައި ނުވާ ކަމަށެވެ.
"އެއްވެސް ޝަރުޢީ ދުނިޔެއެއްގައި ހަނދު ހަމަލޮލަށް ފެންނަން ޖެހޭނެ ކަމަށް އޮތް ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަން. ހަނދު ފެނިއްޖިއްޔާ، ކޮންމެ ގޮތަކަށް ވިޔަސް، ހަމަލޮލަށް ފެނުނުކަމުގައި ވިޔަސް، ދުރުމީއަކުން، ޓެލެސްކޯޕަކުން ވިޔަސް، ފެންނާނީ ހުރި އެއްޗެއް. ނެތް އެއްޗެއް ނުފެންނާނެ ދެއްތޯ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، ހަމަލޮލަށް ވިޔަސް، ނުވަތަ އާލަތެއް ބޭނުންކޮށްގެން ވިޔަސް ހަނދު ފެންނާނީ ހަނދު ފެންމަތީގައި ހުރެގެން ކަމަށެވެ.
މީގެ އިތުރުން، ރައީސް މައުމޫން ވިދާޅުވީ، ހަނދު ފެނުމަކީ، ނުވަތަ ހަނދު ފެންނަ ވަގުތަކީ މަހެއް ލައިގަންނަ ވަގުތު ނޫން ކަމަށާއި، އެއީ މަސް ލައިގަތް ކަމުގެ އަލާމާތެއް ކަމަށެވެ.
"އިރުއޮއްސުމުން ހަނދު ފެންނަ ވަގުތު، އެއީއެއް ނޫނޭ މަސް ލައިގަންނަ ވަގުތަކީ. ހަނދު ފެންނަ ފެނުމަކީ މަސް ލައިގަތް ކަމުގެ ދަލީލެއް. ކޮންމެހެން ނުޖެހޭ ލޮލަށް ފެންނާކަށެއް. ހުރި ކަން އެނގިއްޖިއްޔާ، އޭގެ މާނައަކީ މަސް ލައިގަތީއޭ." މައުމޫން ވިދާޅުވި އެވެ.
މައުމޫން ފައުންޑޭޝަނުން ކޮންމެ އަހަރަކު ވެސް ރަމަޟާން މަހަށް ހިންގަމުން އަންނަ ސިލްސިލާ އިހްޔާ ފޯރަމްތައް ފެށުމަށް މިރޭ ބޭއްވި ފުރަތަމަ ސިލްސިލާ ފޯރަމްގައި، ކުރީގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް، އަދި މިހާރު އިސްލާމިކް މިނިސްޓްރީގެ މުސްތަޝާރު ފަޟީލަތުއްޝައިޚް މުހައްމަދު ރަޝީދު އިބްރާހިމް ވެސް ވަނީ ތަޤްރީރު ކުރައްވާފަ އެވެ. އެމަނިކުފާނުގެ ތަޤްރީރު ބިނާ ކުރެއްވީ، ސުންނަތް ނަމާދު ކުރުމާ ބެހޭގޮތުންނެވެ.
މައުމޫން ފައުންޑޭޝަނުން ބާއްވާ އިހްޔާ ފޯރަމް ބާއްވަނީ، މި ރަމަޟާން މަހުގެ ކޮންމެ ބުދަ ދުވަހެއްގެ ރޭ، އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމުގަ އެވެ.
އެއް ޤައުމަށް ހަނދު ފެނުމުން މުޅި އުންމަތް ރޯދަ ހިފަން ފަށަން ޖެހޭ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ