ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެމްބަރުންނާއި، އެ މަޖިލީހަށް އަލަށް އިންތިޚާބުވި މެމްބަރުންނާއި އަދި ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް ވާދަ ކުރެއްވި ބޭފުޅުންނާ ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް މައުމޫން މި ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައި ވަނީ ސީހައުސް ކެފޭގައި މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ.
މި ބައްދަލުވުމުގައި، އެންމެ ފަހުން ބޭއްވުނު ތިން އިންތިޚާބު ކަމުގައިވާ ރިޔާސީ އިންތިޚާބާއި، ކައުންިސލް އިންތިޚާބާއި އަދި މަޖިލީސް އިންތިޚާބުގައި ޕީޕީއެމް ހޯދި ކާމިޔާބީ އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.
އަދި މިހާރު އޮތް ސަރުކާރު ދެމެހެއްޓުމަށްޓަކައި ޕާޓީގެ އެންމެހައި މެމްބަރުންގެ އެހީތެރިކަން ބޭނުން ވާނެ ކަން ފާހަގަ ކުރައްވައި، ރައީސް މައުމޫން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާއި، ކައުންސިލަރުންނާއި އަދި ޕީޕީއެމްގެ ޢާންމު މެމްބަރުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ ޕީޕީއެމްގެ މެމްބަރުން އިތުރު ކުރުމަށް ރާއްވަވާފައިވާ ކަންތައް ވެސް ބައްދަލުވުމުގައި ބައިވެރިވެލެއްވި ފަރާތްތަކާ ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން، މެމްބަރުން އިތުރު ކުރުމަށް ޚާއްސަ ޓަސްކްފޯހެއް އެކުލަވާލާފައިވާ ކަމަށާއި، ބައެއް ރަށްރަށުގައި މިހާރު ވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މި ބައްދަލުވުން ފެއްޓެވުމުގެ ކުރިން، ރައީސް މައުމޫން ވަނީ އަލްމަރްހޫމާ ޑރ ފާތިން ހަމީދަށް ހެޔޮ ދުއާ ކުރައްވާފަ އެވެ. އަދި މިއަދަކީ ކުޑަކުދިންގެ ދުވަހަށް ވުމުން ހުރިހާ ކުޑަކުދިންނަށާއި، ކުޑަކުދިންގެ ކަންކަމުގައި ހިއްސާވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.
ޕީޕީއެމްގެ މަޖިލީސް މެމްބަރުންނާއި، ޕާޓީގެ އެހެނިހެން މެމްބަރުންނާ މައުމޫން ބައްދަލު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ