އެމްއެޗް 370 ޖުލައި މަހު ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ފްލައިޓް ހޯދާ ޓީމްގެ އިސްވެރިޔާ ވިދާޅުވެއްޖެ

ގެއްލިގެން ހޯދަމުންދާ މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 މިއަހަރުގެ ޖުލައި މަހާއި ހަމައަށް ދާއިރު ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އޮސްޓްރޭލިއާގެ ޓީމްގެ އިންޗާޖް ވިދާޅުވެއްޖެއެވެ.
ފްލައިޓް ގެއްލުނުތާ ދެއަހަރު ވެފައި ވާއިރު ފްލައިޓް ހޯދުމުގެ މަސައްކަތައް އަދި މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. މިދިޔަ އަހަރު ރީޔޫނިއަން އިން ފްލައިޓްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައި ވާއިރު އޭގެ ފަހުން ރީޔޫނިއަން އިން ފެނުނު އެއްޗަކާއި މޮޒަންބީކް އިން ފެނުނު އެއްޗެއް ވެސް ދަނީ އެމްއެޗް 370 ގެ ބައެއް ކަމަށް ބެލެވިގެން ޓެސްޓް ކުރަމުންނެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރު އިން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދިޔަ އެމްއެޗް370 ގެއްލުނު އިރު 227 ފަސެންޖަރުންނާއި 12 ކްރޫ އިން ފްލައިޓްގައި ތިއްބެވެ.
ފްލައިޓް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އިސް ބޭފުޅާ ކަމަށްވާ މާޓީން ޑޮލަން ވިދާޅުވީ ފްލައިޓް ހޯދުމުގެ މަސައްކަތް ކާމިޔާބުވެ މިއަހަރު ތެރޭގައި ފްލައިޓް ފެނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފްލައިޓް ހޯދުމަށް ކަނޑުމަގުން ކުރަމުން ދިޔަ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް އިތުރު ދިރާސާތަކެއް ކުރުމަށް ފަހު އަލުން އެމަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މާޓިން ވިދާޅުވީ ފްލައިޓް ހޯދުމަށްޓަކައި މިހާތަނަށް ކިތަންމެ ބޮޑު ސަރަހައްދެއް ބެލިފައި ވީނަމަވެސް އަދިވެސް ފްލައިޓް ހޯދުމަށްޓަކައި ބަލަން ޖެހޭ ވަރަށް މުހިންމު ސަރަހައްދުތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެސަރަހައްދުތަކުގެ ތެރެއިން ފްލައިޓް ފެންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ