ޖާބިރު އެދިވަޑައިގަތީ ކޯޓަށް ރައީސް މައުމޫން ހާޒިރު ކުރަން
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނަންގަވާފައިވާ ކަމަށް ބުނާ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނާ މައްސަލައިގައި ރައީސް މައުމޫން ކޯޓަށް ހާޒިރު ކުރުމަށް ޖާބިރު އެދިވަޑައިގެންވި އެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް މައުމޫން ބޭނުންފުޅުވެގެން، ސިޔާސީ މަސައްކަތްތަކަށް 29 މިލިއަން ރުފިޔާގެ ލޯނެއް ދެއްވި ކަމަށް ޖާބިރު ވިދާޅުވެ އެވެ. އެކަމަކު އެ ފައިސާ އަނބުރާ ނުދައްކައިގެން ކަމަށް ވިދާޅުވެ ޖާބިރު އެތައް ފަހަަރެއްގެ މަތިން ވަނީ މައުމޫނަށް ފާޑުވިދާޅުވެފަ އެވެ. އަދި އޭނާ ވަނީ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅުއްވާފަ އެވެ. އެ މައްސަލައިގައި މިއަދު ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ މައްސަލައިގައި ޖާބިރު ވަކާލާތު ކުރައްވަނީ އަމިއްލަފުޅަށެވެ. ރައީސް މައުމޫންގެ ފަރާތުން ވަކާލާތު ކުރައްވަނީ އެމަނިކުފާނު ވަކީލު މުހައްމަދު ފައިސަލެވެ. އަޑުއެހުމުގައި ޖާބިރު ވިދާޅުވި ގޮތުގައި ރައީސް މައުމޫނަށް ލޯނު ދެއްވުމުގެ މުއާމަލާތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ މުއާމަލާތުގެ މަޝްވަރާތަކުގައި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދުވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި ޖާބިރު އެދިވަޑައިގަތީ އެ މުއާމަލާތް ހިނގާފައިވޭތޯ އައްސަވަން ރައީސް މައުމޫން އަޑުއެހުމަށް ހާޒިރު ކުރާށެވެ. އެ މައްސަލައިގެ އަޑުއެހުން ލައިވްކޮށް ކުރިއަށްގެންދަންވެސް އޭނާ އެދިވަޑައިގެންނެވި އެވެ. ނަމަވެސް، ގާޒީ ފާހަގަކުރެއްވީ އެމަނިކުފާނު ބަދަލުގައި ވަކީލަކު ފޮނުއްވާފައިވާއިރު، އަޑުއެހުމަށް ހާޒިރުވުމަށް ނޭދެވޭނެ ކަމެވެ. ޖާބިރަށް ރައީސް މައުމޫން ހާޒިރު ކުރެވޭނީ ހެއްކެއްގެ ގޮތުގައި އެމަނިކުފާނު ހުށަހެޅުމުންނެވެ. ރާއްޖޭގައިވެސް އެހެން ގައުމެއްގައިވެސް ޖާބިރު ބުނާ މުއާމަލާތެއް، ހިނގާފައި ނުވާ ކަމަށް ރައީސް ޔާމީންގެ ވަކީލު ފައިސަލް މިއަދު ވިދާޅުވެފައިވެ އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، އިތުރު ކަމެއް ނެތް ނަމަ ދެން އޮންނާނީ މައްސަލަ ނިންމުމަށް ބޭއްވޭ އަޑުއެހުން ކަމަށެވެ. ޖާބިރު އަތުން މައުމޫން ނެންގެވި ކަމަށް ބުނާ ފައިސާ އަނބުރާ ދެއްވާފައި ނުވާ ކަމަށް ބުނެ ޖާބިރު އެ މައްސަލަ ފުލުހަށްވެސް ހުށަހެޅުއްވި އެވެ. އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ހެކި ނެތް ކަމަށް ބުނެ ފުލުހުން މައްސަލަ ނުބެލި އެވެ. އެހެން ނަމަވެސް ހެއްކާ އެކު ކަމަށް ވިދާޅުވެ ދެވަނަ ފަހަރަކުވެސް ޖާބިރު އެ މައްސަލަ ހުށަހެޅުއްވި އެވެ. އެފަހުން އޭނާގެ މަންމާފުޅުގެ އެދުމުުމުގެ މަތިން އެ މައްސަލައިގައި ރައީސް މައުމޫނަށް މައާފް ކުރައްވާފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ