ތިމާއަކީ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބު ލިބޭނެ މީހަކަށްވެދާނެކަމަށްޓަކައި ހިތަށް ބިރުވެރިކަން ވަދޭތަ؟

ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބުގައި ތިބެންޖެހޭނީ މުނާފިޤުންކަމާއި މުނާފިޤުންގެ ސިފަތައް މުސްލިމުންނަށް އެނގެއެވެ. ސުވާލަކީ ތިމާއަށް މިހުރެވެނީ އެސިފަތަކުން ސަލާމަތްވެވިގެންކަމަށް ޖެހިލުމެއް ނެތި ބުނެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ދޮގު ނުހަދަމު ހެއްޔެވެ؟ އަމާނާތަށް ޚިޔާނާތްތެރި ނުވުހެއްޔެވެ؟ އަހުދު އުވައިނުލަމު ހެއްޔެވެ؟ މީސްތަކުންގެ ކުރިމަތީގައި އުޅެވެނީ ދެމޫނު ދައްކައިގެން ނޫންހެއްޔެވެ؟  
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! މުނާފިޤުންގެ ސިފަތަކާއި ދުރުހެލިވާށެވެ!  
މުނާފިޤުންނަކީ އިސްލާމްކަން ބޭރުފުށުން ދައްކައިގެން، ކުފުރު ފޮރުވައިގެން އުޅޭމީހުންނެވެ. މުނާފިޤުކަމަކީ، ކުފުރަށްވުރެ ނުބައި އަދި ނުރައްކާތެރި ކަމެކެވެ. އަދި އެއީ ﷲ سبحانه وتعالى ގަދަފަދަވެގެން ޢަޒާބު ތައްޔާރު ކުރައްވާފައިވާ ބޮޑު  ބިރުވެރި ފާފައެކެވެ.  
"ހަމަކަށަވަރުން، منافق ން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ." [4:145] 
عمر بن خطاب رضي الله عنه އަކީ މިދުނިޔޭގައި ހުންނަވަނިކޮށް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ބޭކަލެއްކަމުގައިވިޔަސް، މުނާފިޤެއްކަމުގައިވެވަޑައިގެންފާނެތީ  އެކަމާއި ބިރުވެތިވެ އުޅުއްވެވިކަން އެކަލޭގެފާނުގެ ސިޔަރަތުން އެނގެން އެބައޮތެވެ. 
ހިތާމައަކީ، މިއަދު އަޅުގަނޑުމެންގެ ހާލާއިމެދުއެވެ. ނިފާޤުކަމަކީ ކޮބައިކަންވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކަށް ނޭނގެއެވެ. 
ياﷲ ! އަޅަމެން ނިފާޤުކަމުގެ ބަލިމަޑުކަމުން ސަލާމަތްކުރައްވަވައި އީމާންތެރިކަމުގެ ނޫރުން ފުރިގެންވާ ވޮށްތަކެއް ކަމުގައި އަޅަމެންގެ ހިތްތައް ލައްވަވާށިއެވެ. އަދި އަޅަމެން އިސްލާމްދީންމަތީ ގައި ސާބިތުކޮށްދެއްވަވާށިއެވެ. އާމީން
 
- ޙަޔާތުލްޤުލޫބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ